މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު މާފުށިން ދެމީހަކު ހައްޔަރުކޮށްފި

މާފުށިން ފުލުހުން ހޯދި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ --- ފޮޓޯ/ ޕޮލިސް

ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެއްޗާ އެކު ކ. މާފުށިން ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ޖޫސްޕެޓީ ކޮތަޅާއި ހަތަރު ރަބަރު ޕެކެޓު އަދި އެއް ރަބަރުކޮޅު ވަނީ ފެނިފަ އެވެ.

މީގެ އިތުރުން 25،000 ރުފިޔާގެ ނަގުދު ފައިސާ ވެސް ވަނީ ހޯދައިފަ އެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި 24 އަހަރުގެ ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ދާދި ފަހުން ފުލުހުންނާއި ކަސްޓަމްސްއިން ގުޅިގެން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 23 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާކަން ފުލުހުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. އެތަކެތީގެ މަގުމަތީ އަގު އަގު 30 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިއްޔެ ފުލުހުން ބުނި ގޮތުގައި، ހޯދި މަސްތުވާތަކެތީގެ ތެރޭގައި ރާއްޖެއިން ބޭރުން ގެނައި ކަދުރު ފޮށިތަކަކާއި ޓޮބްލެރޯން ޗޮކްލެޓްތަކެއްގެ ތެރޭގައި ރައްކާކޮށްފައި ހުރި ތަކެތި ވެސް ހިމެނެއެވެ.

comment ކޮމެންޓް