ފޭސްބުކުން ލައިކް ހޯދަންވެގެން އަނިޔާވެރި މި އަމަލު ހިންގި މީހާ ޖަލަށް

އެމީހާ ނަގާފައިވާ ފޮޓޯ -- ފޮޓޯ/ ފޭސްބުކް

އަލްޖީރިއާގައި ފޭސްބުކް ލައިކްސް ގިނައިން ހޯދަން ވެގެން ކުޑަކުއްޖަކު ބެލްކަނިން ބޭރަށް ދިއްކޮށްގެން ފޮޓޯ ނަގައި އާންމު ކުރި މީހަކު ޖަލަށް ލާން އެ ގައުމުގެ ކޯޓުން ހުކުމް ކޮށްފި އެވެ.

އިމާރާތެއްގެ 15 ވަނަ ބުރީގައި ހުރެ ކުއްޖާ ބެލްކަނިން ބޭރަށް ދިއްކޮށް އޭނާއާ އެކު ނަގާފައިވާ ފޮޓޯ ފޭސްބުކަށް ލުމަށްފަހު ލިޔެފައި ވަނީ 1000 ލައިކްސް ނުލިބިއްޖެނަމަ އެ ކުއްޖާ ބެލްކަނިން ތިރިއަށް ވައްޓައިލާނެ ކަމަށެވެ.

އެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެ، އެމީހާ ހައްޔަރު ކުރުމަށް މީހުން ގޮވާލި އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ ކުޑަކުއްޖެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ދައުވާ އެވެ.

މައްސަލަ ކުރިއަށް ދިޔައިރު އޭނާ ކޯޓުގައި ބުނެފައި ވަނީ އެގޮތަށް ފޮޓޯ ނެގީ އެކުއްޖާގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން ނޫން ކަމަށާއި އެކަން ކަމަކަށް ހެދީ ސޯޝަލް މީޑިއާގައި އުޅޭ މީހުން ކަމަށެވެ.

އަދި ފޮޓޯ ނެގި އިރު ނެގީވެސް ބެލްކަނީ ތިރީގައި ރައްކާތެރި ހިސާބެއް ހުރިކަން އެނގި، ނުވެއްޓޭނެ ކަން ޔަގީންވާތީ ކަމަށް ވެސް ކުއްޖާއާ އާއިލީ ގުޅުމެއް އޮންނަ އެ މީހާ ބުނެފައިވެ އެވެ. އަދި އެ ފޮޓޯ މިހާރު ފުހެލާފައިވާ ކަމަށް ވެސް ބުންޏެވެ.

ކުޑަކުއްޖާގެ ބައްޕަ ކޯޓުގައި ބުނެފައި ވަނީ އެ މީހާއަށް މާފު ދިނުމަށާއި އެއީ އޭނާ މަޖާކޮށްލުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

ނަމަވެސް ކޯޓުން އޭނާއާ ދެކޮޅަށް ހުކުމް ކޮށްފައި ވަނީ ފޮޓޯ ސާފު ކަމަށާއި ކުއްޖާގެ ފުރާނަ އޮތީ ނުރައްކަލުގައި ކަމަށް ބުނެއެވެ.

comment ކޮމެންޓް