ނިޔާމަ ރިސޯޓު ރީބްރޭންޑް ކޮށްފި

ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް ރިސޯޓުގެ ދެ ރަށް ---

ތައިލެންޑްގެ މައިނަރ ހޮޓެލްސްގެ "ޕާ އެކުއަމް" ބްރޭންޑްގެ ދަށުން ދ. އެނބޫދޫ އަދި ދ. އޮޅުވެލީގައި ހިންގަމުން އައި "ޕާ އެކުއަމް ނިޔާމަ މޯލްޑިވްސް" ރިސޯޓު ރީބްރޭންޑްކޮށްފިއެވެ.

"ޕާ އެކުއަމް ނިޔާމަ މޯލްޑިވްސް"ގެ ނަން ބަދަލުކޮށްފައިވަނީ "ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް"އަށެވެ. އެނގިފައިވާ ގޮތުގައި، ރިސޯޓުގެ ނަން ބަދަލުކޮށްފައިވަނީ މިހިނގާ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.

ނިޔާމަ ރިސޯޓުގެ އާ ނަމާއި ލޯގޯ ---

މައިނަރ ހޮޓެލްސްގެ އޮފިޝަލަކު "ސަން"އަށް ބުނި ގޮތުގައި، ނިޔާމަ ޕްރައިވެޓް އައިލެންޑްސްގެ ނަމަށް ރީބްރޭންޑް ކުރި ނަމަވެސް، މިދިޔަ ހަތަރު އަހަރު އެ ރިސޯޓުން ހިފަހައްޓަމުން އައި ރަނގަޅު ފެންވަރުތަކާއި، ދެމުން އައި ޚިދުމަތްތައް ދެމުން އަންނާނެއެވެ. އަދި އެ ރިސޯޓުން ފޯކަސް ކުރަނީ މެހެމާނުންނާ ގާތުން ޚިދުމަތްދިނުމަށް ކަމަށްވެސް އެފަރާތުން ބުންޏެވެ.

ނިޔާމަ ރިސޯޓު ހަދާފައިވާ ދެ ރަށަކީ ސަރުކާރުން އެމްޓީޑީސީއަށް ކުއްޔަށް ދީފައިވާ ދެ ރަށެވެ. މި ދެ ރަށަކީ ވަރަށް ގާތުގައި، ވަކިން އޮންނަ ދެ ރަށެވެ. އެމްޓީޑީސީގެ ދެ ރަށް ސަބްލީޒްގެ އުސޫލުން ނަގައި، ނިޔާމަ ރިސޯޓު ތަރައްގީކުރީ ވިޔަފާރިވެރިޔާ ޑރ. އިބްރާހިމް އުމަރު މަނިކެވެ. އެއަށްފަހު އެތަން ހިންގަމުން އައީ އޯ ޕްލަސް އީ ހޯލްޑިންގްސް ކިޔާ ކުންފުންޏަކުންނެވެ.

ތައިލެންޑްގެ މައިނަރ ހޮޓެލްސްއިން ނިޔާމަ ރިސޯޓުގެ 50 ޕަސަންޓު ހިއްސާ، 2013 ވަނަ އަހަރު ގަނެފައިވެއެވެ.

ނިޔާމަ ޕްރައިވެޓް އައިލެންޑްސްގައި 75 ބީޗު ވިލާ، 38 ވޯޓަރ ބަންގަލޯ އަދި 23 ސުއީޓްސް ހުރެއެވެ. ރިސޯޓު ގާއިމުކޮށްފައިވާ ދެ ރަށް ބްރިޖަކުން ގުޅާލާފައިވާ އިރު، ދުނިޔޭގައި ކަނޑުއަޑީގައި އެންމެ ފުރަތަމަ ހުޅުވި ނައިޓްކްލަބަކީ މި ރިސޯޓުގައި ހުންނަ "ސަބްސިކްސް" ރެސްޓޯރަންޓެވެ.

comment ކޮމެންޓް