އަދީބު ފިލާކަށް ނޫޅޭ، ބޭނުންވަނީ ފަރުވާ: ވަކީލުން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ތެއްތިރީސް އަހަރުގެ ދިގު ހުކުމެއް ޖަލުގައި ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިފި ނަމަ އެމަނިކުފާނު ފިލާފާނެކަމަށް ދިވެހި ސަރުކާރުން މިއަދު ބުނި ބުނުން، އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ދޮގުކޮށްފިއެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު "ސަން"އަށް މިރޭ ވިދާޅުވީ، އަދީބު ފިއްލަވަން ނޫޅުއްވާ ކަމަށެވެ.

އަދީބު ހައްޔަރު ކުރެއްވީ 2015 ވަނަ އަހަރު ޗައިނާގައި އޮތް މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގަތް ވަގުތު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ހައްޔަރު ކުރި ގޮތަށް ގެންދިޔައީ ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ، ދޫނިދޫއަށެވެ.

ސަރުކާރުން މިއަދު ބުނި ބުނުމަށް ރައްދު ދެއްވައި، ސިރާޖު ވިދާޅުވީ ޗައިނާގައި ހުންނެވި އިރު ވެސް އަދީބު އެނބުރި ރާއްޖެ ވަޑައިގަތީ އޭނާއާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރަނިކޮށް، އެކަންކަމަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ކަމަށެވެ. އަދި އެ ވަގުތު ވެސް ފިއްލެވުމުގެ ފުރުސަތު އަދީބަށް އޮތް ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނު ހައްޔަރުކުރުމުގެ ރިސްކުކައިވެސް ރާއްޖެ ވަޑައިގަތީ ކަމަށް ސިރާޖު ވިދާޅުވި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހްމަދު އަނިލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ބޮޑު އަދަދެއް ގުޅިފައިވަނީ އަދީބާ ކަމަށާއި އެފަދަ ހާލަތެއްގައި އެމަނިކުފާނު ފިއްލަވައި އަނބުރާ ގައުމަށް އެނބުރި ވަޑައިނުގެންފިނަމަ އެ ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށެވެ.

ބަންޑާރަ ނައިބު ވަނީ ސަރުކާރުގެ ކަމަބެހޭ އެއްވެސް އިދާރާއަކުން އަދީބަށް ފޯރުކޮށްދޭން ޖެހޭ ބޭސްފަރުވާއެއް ދިނުމުގައި އިހްމާލު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބޭރަށް ނުގޮސް އަދީބަށް ބޭސްކުރެވޭނެ ކަން ފާހަގަކުރައްވައި އަނިލް ވިދާޅުވީ އަދީބަކީ ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި ކަމަބެހޭ އާލާތްތައް ގެނެސްގެން ފަރުވާ ހޯދޭނެ ވަރުގެ ގާބިލު ބޭފުޅެއް ކަމަށެވެ.

އަދީބުގެ ވަކީލު ސިރާޖު "ސަން"އަށް ވިދާޅުވީ، އަދީބަށް ފަރުވާ ކުރެވޭނެ ވަރުގެ ވަސީލަތްތައް ރާއްޖޭގައި ނެތް ކަމަށެވެ. އަދި މި ހާލަތު ސީރިއަސް ވަނީ، މިއީ އަދީބުގެ ސިއްހަތާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

comment ކޮމެންޓް