ދުނިޔޭގެ އެއްވަނަ އެއާލައިނުގެ އެވޯޑު ގަތަރު އެއާވޭސްއަށް

ގަތަރު އެއާވޭސްއަށް މިއަދު ލިބުނު އެވޯޑުތަކާ އެކު، އެކުންފުނީގެ ސީއީއޯ އަކްބަރު އަލް ބަކުރާއި މުވައްޒަފުން --- ފޮޓޯ/ ގަތަރު އެއާވޭސް

އެއާޕޯޓުތަކާއި އެއާލައިން ރިވިއުކުރާ ކޮންސަލްޓަލްސީ ކުންފުނި "ސްކައިޓްރެކްސް"އިން، ދުނިޔޭގެ އެއް ވަނަ އެއާލައިނުގެ އެވޯޑު ގަތަރުގެ ގައުމީ އެއާލައިން ގަތަރު އެއާވޭސްއަށް ދީފި އެވެ.

މިއަދު ފްރާންސްގެ ޕެރިހުގައި ކުރިއަށް ދިޔަ ޕެރިސް އެއާ ޝޯގެ ތެރެއިން ބޭއްވި ސްކައިޓްރެކްސްގެ ވޯލްޑް އެއާލައިން އެވޯޑްސްގައި، ދުނިޔޭގެ އެއްވަނަ އެއާލައިންގެ އެވޯޑު ގަތަރު އެއާވޭސްއަށް ލިބުނު އިރު، މިއީ އެ އެއާލައިނަށް މި ޝަރަފު ލިބުނު ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން 2011، 2012 އަދި 2015 ވަނަ އަހަރުގެ ވެސް އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު ގަތަރު އެއާވޭސް އިން ވަނީ ހޯދައިފައެވެ.

މެދުއިރުމަތީގެ ބާރުތަކާއި ގަތަރާ ދެމެދު ޚާރިޖީ މައްސަލަތަކެއް ކުރިމަތިވެ، ގައުމުތަކުން ގަތަރާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެ ގައުމުތަކަށް ގަތަރު އެއާވޭސް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެވޯޑާ ހަވާލުވެވަޑައި ގަންނަމުން ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވީ، ގާނޫނުތަކާ ޚިލާފަށް ގައުމުތަކަކުން ގަތަރުގެ އެއާލައިން އިންޑަސްޓްރީއަށް ފިޔަވަޅު އަޅާފައިވާ ދަނޑިވަޅުގައި މި އެވޯޑު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މި އެވޯޑަކީ އަޅުގަނޑާއި އަޅުގަނޑުގެ އެއާލައިނުގެ އެއްޗެއް ނޫން. މިއީ ގަތަރަށް ލިބުނު އެވޯޑެއް،" ސީއީއޯ އަކްބަރު ވިދާޅުވިއެވެ.

ގަތަރު އެއާވޭސްއަށް ދުނިޔޭގެ އެއްވަނަ އެއާލައިނުގެ އެވޯޑު މިއަދު ލިބިގެން ދިޔަ އިރު، ދެ ވަނައަށް އެންމެ ރަނގަޅު އެއާލައިނުގެ އެވޯޑު ލިބުނީ ސިންގަޕޯ އެއާލައިންސްއަށެވެ. ތިން ވަނަ ލިބުނީ ޖަޕާނުގެ އޯލް ނިޕޯން އެއާވޭސްއަށެވެ.

ވޯލްޑް އެއާލައިން އެވޯޑްސް 2017 ގައި ފާހަގަކޮށްލެވޭ އެވޯޑުތައް

އެއާ އޭޝިއާ

  • ދުނިޔޭގެ ބެސްޓް ލޯކޮސްޓް އެއާލައިން
  • އޭޝިއާގެ ބެސްޓް ލޯކޮސްޓް އެއާލައިން

ބެންގްކޮކް އެއާވޭސް

  • ދުނިޔޭގެ ބެސްޓް ރީޖަނަލް އެއާލައިން
  • އޭޝިއާގެ ބެސްޓް ރީޖަނަލް އެއާލައިން

އެމިރޭޓްސް

  • ދުނިޔޭގެ ބެސްޓް އިންފްލައިޓް އެންޓަޓެއިންމެންޓް

އިއްތިހާދު އެއާވޭސް

  • ދުނިޔޭގެ ބެސްޓް ފަސްޓްކްލާސް
  • ބެސްޓް ފަސްޓް ކްލާސް ކޭޓަރިންގް

ގަތަރު އެއާވޭސް

  • ދުނިޔޭގެ ބެސްޓް އެއާލައިން
  • ބެސްޓް ބިޒްނަސް ކްލާސް
  • މެދު އިރުމަތީގެ ބެސްޓް އެއާލައިން

ސިންގަޕޯ އެއާލައިންސް

  • އޭޝިއާގެ ބެސްޓް އެއާލައިން
  • ބެސްޓް ޕްރީމިއަމް އިކޮނޮމީ އޮންބޯޑު ކޭޓަރިންގް

ސައުދީ އަރަބިއަން އެއާލައިންސް

  • މޯސްޓް އިމްޕްރޫވްޑް އެއާލައިން

ގަރުޑާ އިންޑޮނޭޝިއާ

  • ބެސްޓް ކެބިން ކްރޫ
comment ކޮމެންޓް