ފެހެންދޫ އަދި މާރަންދޫގައި އާ އިންޖީނުގެއެއް އަޅަނީ

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ބ. އަތޮޅު ފެހެންދޫ އަދި ހއ. މާރަންދޫގައި އާ އިންޖީނުގެ އެއް ހެދުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ފެހެންދޫގައި ހަދާ އާ އިންޖީނުގޭގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ، ތްރީ ބްރަދާޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 1.9 މިލިއަން ދިވެހި ރުފިޔާ އަށެވެ.

މާރަންދޫގައި އާ އިންޖީނުގެއެއް އެޅުމަށް 3.9 މިލިއަން ރުފިޔާއަށް ހަވާލުކުރީ ލަތީފް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާ ފެނަކައާ ހަވާލުކުރާ ގޮތަށެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ފެހެންދޫ އަދި މާރަންދޫގެ އިންޖީނުގެ ގެއަކީ ވަރަށް ހާލުގައި އޮތް ދެ އިންޖީނުގެ ކަމަށާއި އެކަމުގެ ކަންބޮޑުވުން ދެ ރަށުގެ ރައްޔިތުން ހިއްސާ ކުރަމުންދާ ކަމަށެވެ.

އަދި ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 148 އިންޖީނުގެ ހިންގާއިރު، 49 އިންޖީނުގެ އެއް އަލުން ހަދަން ޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް ފޭސް ތަކަކަށް ބަހާލައިގެން ކުރިއަށްދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް