ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަހަރުތަކަކަށް ދިގުދެމިގެން ހިނގައިދާނެ: ޔޫއޭއީ

ޑރ. އަންވަރު ގަރްގާޝް

ޕެރިސް (ޖޫން 20): ސައޫދީ، ޔޫއޭއީ އަދި ބަހްރައިންގެ އެދުންތަކަށް ގަތަރު ބޯނުލަނބާނަމަ ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެތަށް އަހަރަކަށް ދިގުދެމިގެންދާނެ ކަމަށް ޔޫއޭއީ ން ބުނެފިއެވެ.

ގަތަރުގެ މައްސަލާގައި ޔޫރަޕްގެ ތާއީދު ހޯދުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްގައި ޔޫއޭއީގެ ޚާރިޖީ ކަންކަމާބެހޭ ދައުލަތުގެ ވަޒީރު ޑރ. އަންވަރު ގަރްގާޝް ވިދާޅުވީ ގަލްފުގެ ގައުމުތައްއޮތީ ގަތަރަށް ދޫދޭ ގޮތަށްނޫންކަމަށާއި ގަތަރަށް ޖެހޭނީ ގަލްފުގެ އެދުންތަކަށް ބޯލެނބުން ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުންކަމަށް ގަރްގާޝް ވިދާޅުވިއެވެ.

ގަތަރުގެ މައްސަލާގައި ފަރަންސޭސި މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށްފަހު ގަރްގާޝް ވިދާޅުވީ ގަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާދިނުން ހުއްޓާލަންޖެހޭ ކަމަށާއި ގަލްފުގެ ގައުމުތަކާއި އަރަބި އެހެންގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތްތަކަށް ޚަރަދު ކުރުންވެސް ހުއްޓާލައި އެޖަމާއަތްތަކުގެ މެންބަރުންނާއި ވެރިންނަށް ހިޔާވަހިކަން ދިނުންވެސް ހުއްޓާލަންޖެހޭ ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މިފަދަ ފަރާތްތަކަށް ފައިސާގެ އެހީއާއި ސިޔާސީ އެހީ ދިނުމުގެ ޕްލެޓް ފޯމެއް ގަތަރުން ގާއިމްކޮށްފައިވާ ކަމަށް ގަރްގާޝް ތުހުމަތު ކުރެއްވިއެވެ. އަރަބި ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތު ޔޫއޭއީން ގަތަރުގެ ބޮލުގައި އަޅުވާއިރު ޚުދު ޔޫއޭއީ އަކީވެސް މިފަދަ ޖަމާއަތްތަކަށް އެހިތެރިވާކަމަށް ތުހުމަތު ކުރެވިފައިވާ ގައުމެކެވެ.

މިގޮތުން ލީބިޔާގައި ހަރުކަށި އަމަލުތައް ހިންގާ ޚަލީފާ ހަފްތަރުގެ ޖަމާއަތަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހީތެރިވާކަމުގެ ތުހުމަތު ޔޫއޭއީގެ މައްޗަށްވަނީ ކުރެވިފައެވެ. އަދި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް މާލީގޮތުންނާއި ސިޔާސީ ގޮތުން އެހީތެރިވުމުގައި ގަތަރުގެ އިތުރުން ސައޫދީ އާއި ޔޫއޭއީ ވެސް ހަރަކާތްތެރިވަމުން ދެއެވެ.

ސައޫދީ، ޔޫއޭއީ އަދި ބަހްރައިން އިން މިމަހުގެ ކުރީކޮޅު ކުއްލި ގޮތަކަށް ގަތަރާ ގުޅުންތައް ކަނޑާލައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅީ ގަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވެ ގަލްފުގެ މަސްލަހަތު ނަގާލައި އަރަބި ގައުމުތަކުގައި ފިތުނައާއި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ގަތަރުން މި ތުހުމަތުތަކަށް އިންކާރުކުރެއެވެ.

އަދި ސައޫދީ، ޔޫއޭއީ އަދި ބަހްރައިން އާ ގަތަރާ ދެމެދުގައިވާ މައްސަލަ ހައްލުކުރުމަށް ޓަކައި އެތިން ގައުމުން ގަތަރަށް ހުށަހެޅި ޝަރުތުތައް ގަބޫލުކުރުމަށްވެސް ގަތަރުންވަނީ ދެކޮޅު ހަދާފައެވެ. މިއާއެކު ސައޫދީއާއި ޔޫއޭއީން ވަނީ މައްސަލަ ހައްލުކުރުމަށްޓަކައި ގަތަރަށް ޝަކުވާގެ ލިސްޓެއް ހުށަހަޅާނެކަމަށް ބުނެފައެވެ. ނަމަވެސް ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ޘާނީ އިއްޔެ ވަނީ ގަލްފުގެ އެތިން ގައުމުން ގަތަރާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އުވާނުލަނީސް މައްސަލަ ހައްލުކުރުމާބެހޭގޮތުން އެގައުމުތަކާ ވާހަކަ ނުދައްކާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފިއްތުންތައް ކުރިމަތިކޮށް ބިރު ދައްކައިގެން ސުލްހައިގެ ވާހަކަތައް ކުރިޔަށް ނުގެންދެވޭނެ ކަމަށާއި ހިސާރުގެ ފިޔަވަޅުތައް އުވާނުލަނީސް އެތިން ގައުމާއެކު އެއްވެސް ވާހަކައެއް ގަތަރުން ނުދައްކާނެ ކަމުގައެވެ.

ސައޫދީ، ޔޫއޭއީ އަދި ބަހްރައިންގެ ފިޔަވަޅުތަކާ ގުޅިގެން ބޮޑެތި ދަތިތަކެއް ގަތަރަށް ކުރިމަތިވެގެންދިޔަ ނަމަވެސް ތުރުކީއާއި އީރާންފަދަ ސަރަހައްދުގެ ބޮޑެތި ގައުމުތަކުގެ އެހީތެރިކަމާއެކު ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމުގެ ގާބިލްކަމާއި އަމިއްލަ ނަފްސުގެ އިތުބާރު ގަތަރަށް މިހާރުވަނީ ލިބިފައެވެ. އަދި ގަތަރުން އެކްސްޕޯޓްކުރާ ތެލާއި ގޭހުގެ ޝިޕްމަންޓްތަކަށް ބުރުލެއް ނޭރުމާއި ގަތަރަށް ލިބޭ ބޭރުފައިސާއަށް ދަތިކަމެއް ނެތުމުގެ އިތުރުން ގަލްފުގެ ތިން ގައުމުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވާނެ އިތުރު ގައުމުތަކެއް ނެތުމުން މިމައްސަލާގައި ސައޫދީ، ޔޫއޭއީ ވަނީ ޔޫރަޕްގައިވެސް އެކެހެރިވާގޮތް ވެފައެވެ. އަދި މިމައްސަލާގައި ގަތަރު އިނދަޖައްސާލެވޭފަދަ ތާއީދެއް އެމެރިކާގެ ފަރާތުންވެސް ނުލިބުމުން ސައޫދީ ބޭނުންވާ ގޮތަށް ގަތަރު ކިޔަމަން ކުރުވުމުގައި ސައޫދީ އަށްވަނީ ނާކާމިޔާބުވެފައެވެ. މިއާއެކު ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް މައްސަލަ ހައްލުކުރުމާބެހޭގޮތުން އެގައުމުތަކާ ވާހަކަ ނުދައްކާނެ ކަމަށް ބުނުމުގެ ހިއްވަރުވެސްވަނީ ގަތަރަށް ލިބިގެން ގޮސްފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް