އުތުރު ކޮރެއާ އިން ހައްޔަރު ކުރި އެމެރިކާ ދަރިވަރު މަރުވެއްޖެ

އުތުރު ކޮރެއާގައި 15 މަސްވަންދެން ހައްޔަރުކޮށްފައި ބެހެއްޓި އޮޓޯ ވާމްބިއާ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖޫން 20): އުތުރު ކޮރެއާ އިން 15 މަސްވަންދެން ހައްޔަރުކޮށްފައި ބެހެއްޓި އެމެރިކާ ދަރިވަރު ގައުމަށް ފޮނުވާލިތާ އެއް ހަފްތާ ފަހުން މަރުވެއްޖެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު އުތުރު ކޮރެއާއަށް ދިޔުމަށް ފަހު ޖެހިގެން އައި މަހު އެގައުމުން ފުރައިގެން ދާން މަސައްކަތް ކުރުމުން ހައްޔަރު ކުރި އޮޓޯ ވާމްބިއާ އެމެރިކާއަށް ފޮނުވާލީ މިދިޔަ ހަފްތާގެ އަންގާރައިގަ އެވެ. އެއީ އޭނާ ކޯމާއެއްގައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

އުތުރު ކޮރެއާގެ ހޮޓަލަކުން ޕްރޮޕަގަންޑާ ޕޯސްޓަރެއް ވަގަށް ނަގަން މަސައްކަތް ކުރި ކަމަށް އިއުތިރާފުވުމާ ގުޅިގެން ހައްޔަރު ކުރި ވާމްބިއާ ކޯމާއަކަށް ދިޔައީ ބޮޓުލިޒަމް ޖެހުމުގެ ސަބަބުން ކަމަށް އެގައުމުން ބުންޏެވެ.

ނަމަވެސް އެމެރިކާގެ ޑޮކްޓަރުން ވަނީ ވާމްބިއާއަށް ބޮޓުލިޒަމް ޖެހިފައި ނުވާ ކަމަށާއި އޭނާ ކޯމާއަކަށް ދިޔައީ ސިކުނޑިއަށް އެކަށީގެންވާ މިންވަރަށް އޮކްސިޖެން ނުލިބުމުގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އުތުރު ކޮރެއާއިން ވާމްބިއާއަށް އަނިޔާ ކުރި ކަަމަށް އޭނާގެ އާއިލާއިން ބުނި ނަމަވެސް އެމެރިކާގެ ޑޮކްޓަރުން ވަނީ އަނިޔާގެ އެއްވެސް ނިޝާނެއް އޭނާގެ ހަށިގަނޑުން ފެންނަން ނެތް ކަމަށް ބުނެފަ އެވެ.

ފަތުރުވެރިއެއްގެ ގޮތުގައި އުތުރު ކޮރެއާއަށް ދިޔަ ވާމްބިއާ އެގައުމުން ޕޯސްޓަރެއް ވަގަށް ނަގައިގެން އެމެރިކާއަށް ގެންދަން މަސައްކަތް ކުރި ކަމަށް އިއުތިރާފުވީ މިދިޔަ އަހަރުގެ މާޗް މަހު އެގައުމުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.

އުތުރު ކޮރެއާގައި ތިބެ މީގެ ކުރިން ކުށަށް އިއުތިރާފުވި ބައެއް ފަރާތްތަކުން ވަނީ އެކުށްތަކަށް އިއުތިރާފުވީ މަޖުބޫރުން ކަމަށް ފަހުން ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް