ހަމަލާއޮތީ މާކުރިން ރޭވިފައި، އިއްސެގެ މަރަކީ ފައިސާގެ ކަންތައްގަނޑެއް!

އިހަވަންދޫ އައިސް ޕުލާންޓު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހއ. އިހަވަންދޫން: އަހުމަދު ސާއިލް އަލީ

މީގެ 15 އަހަރު ކުރިން 2002 ވަނަ އަހަރު މުޅި ހއ. އިހަވަންދޫ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔައީ މިރަށު ޒުވާން އަންހެން ކުއްޖެއް ކަމަށްވާ ފާތިމަތު ހަސަން މަރާލައި ކަށިކެޔޮވަލެއްގެ ތެރެއަށް އެއްލާލާފައިއޮއްވައި ފެނުނު ހާދިސާއިންނެވެ.

ބިދޭސީންގެ ރަހުމުކުޑަ އަނިޔާގެ ޝިކާރައަކަށްވި ފާތުންގެ ހަނދާން އާކޮށް އެހިތާމަ އަދި ވެސް އޭނާގެ އާއިލާއާއި އެކުވެރިން ދަނީ ކުރަމުންނެވެ.

"ތެޅުނު ތައްޓެއް އެއްލާލަން ދިޔަ ގޮތަށް ގެއަށް ނައުމުން ހޯދަން ދިޔައީ. ގޭ މީހުން ހޯދާހޯދާ ނުފެނުނީމާ ހޯދަން ފަށައިފި 6:00 ކަންހާއިރު،" އެދުވަހުގެ ހަނދާންތައް ހިއްސާކުރަމުން ފާތުންގެ އެކުވެރިޔާ އައިޝަތު މުހައްމަދު ބުންޏެވެ.

އިހަވަންދޫ މަގެއްމަތީ ބަޔަކު ބައިސް ކަލް ދުއްވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ރަހުމުކުޑަ އަނިޔާތަކަށް އެތައް އަހަރެއް ވެފައިވަނިކޮށް އަނެއްކާ ވެސް މިރަށުގައި މިވަނީ ހަމަ އެފަދަ ހާދިސާއެއް ހިނގައިފަ އެވެ. މިފަދަ އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނީ މިރަށު އައިސްޕްލާންޓުގެ މެކޭނިކް ޅ. ހިންނަވަރު، އަތިރީގޭ، އިސްމާއިލް އުމަރެވެ. އޭނާ މަރާލި ކަމަށް ތަހުގީގުގައި އެއްބަސްވެފައި ވަނީ އޭނާއާ އެކު އެ ފެކްޓަރީ ތެރޭގައި، އެއްކޮޓަރީގައި ނިދައި އުޅުނު ބިދޭސީއެއް ކަމަށްވާ ޝުމޮން މިއާ، 27، އެވެ.

މަރާލާފައި އޮތީ އެތައް ޒަހަމްތަކަކާއެކު!

މިފްކޯ އައިސް ޕްލާންޓްގައި އިއްސެ ހިމެނޭ ގޮތަށް ހަތަރު ދިވެހިން މަސައްކަތް ކުރެ އެވެ. އެއީ މިރަށަށް ނިސްބަތްވާ ސުޕަވައިޒަރަކާއި ލޭބަރެއްގެ އިތުރުން ދެކުނުގެ ރަށަކަށް ނިސްބަތްވާ އެހެން މުވައްޒަފެކެވެ. އިއްސެއަކީ މެކޭނިކެވެ. ދެން އުޅެނީ ލޭބަރަކަށް އުޅޭ ބަނގުލަދޭޝްގެ ޝުމަންމިއާ އެވެ.

އޭގެ ތެރެއިން ސުމަންމިއާ އާއި އިއްސެ ނިދައި ހަދަނީ އައިސްޕްލާންޓުގެ ތެރޭގަ އެވެ. އެތަން ހުންނަނީ އައިސްޕްލާންޓްގެ އޮފީސް ތެރޭގަ އެވެ. އެއީ އެމީހުންގެ އެކޮމެޑޭޝަން ހަމަޖައްސާފައިވާ ގޮތެވެ.

މިދިޔަ ހުކުރު ދުވަހުގެ އެކި ވަގުތުތަކުގައި ދިވެހި ތިން މުވައްޒަފުން ވެސް އިއްސެއާ ބައްދަލުކުރަން އެ ފެކްޓްރީއަށް ދިޔަ އެވެ. ނަމަވެސް ދިމާވާ ގޮތެއްނުވި އެވެ. އެންމެ ފަހުން އެމީހުން ކަންބޮޑުވީ އަސުރު ނަމާދަށް ފަހު ވެސް އިއްސެ ކޮޓަރީގެ ދޮރު ނުހުޅުވުމާއި އެ ހިސާބުން ލޭފެންނަން ހުރުމުންނެވެ.

އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕުލާންޓު: ރަހުމް ކުޑަ ގޮތަކަށް އިއްސެ މަރާލާފައި އޮތީ އެތާގަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިއީ ފުރަތަމަ ލޭ ފެނުންތައް، އެއީ އޮފީސް ދޮރު، އެއީ ގުދަނެއް، ދެން އެކޮޅު ބަލާލި އިރު ދޮރުފަތުގައި ހުރި ލޭތަކެއް، އޭރު ޕޮލިހުންނަށް ގުޅައިގެން ޕޮލިހުން ނާދޭ،" މަންޒަރުދުށް އިތުބާރު ހިފޭ ފަރާތަކުން ބުންޏެވެ.

ޓަކިޖަހައި ދޮރު ނުހުޅުވުމުން އެމީހުން ފުލުހުންނަށް ގުޅި އެވެ. ފުލުހުން އައިސް ވަން އިރު އިއްސެ ނިދާ އެދުކައިރީގައި ގިނަ އަދަދަކަށް ލޭ ހުރިއިރު އިއްސެ ނިދާ އެނދަށް ވެސް ލޭ ބުރާފައި ހުއްޓެވެ. ބޮޑެތި ޒަހަމްތަކަކާ އެކު މަރާލާފައި އޮއްވައި އިއްސެގެ ހަށިގަނޑު ފެނުނީ އެމީހުން ނިދާ ރޫމު ބޭރުން ހަނި ދޭތެރެއެއްގެ ތެރެއިންނެވެ.

އިއްސެގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗެއް ހަރާފައިވާ އިރު ކަރުއޮތީ ވަރަށްބޮޑަށް ޒަހަމްކޮށްލައިފަ އެވެ. ކަރުވަކިނުވެ އޮތީ ކިރިޔާ އެވެ. އިއްސެގެ ހަށިގަނޑު ބެލި ޑޮކްޓަރުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. އެއީ މައުލޫމާތު ނުދިނުމަށް ފުލުހުން އެދިފައިވުމުންނެވެ.

ރަށުން ދިޔައީއެއް ނޫން، ހުރީ ފިލައިގެން

މިދިޔަ ބުދަ ދުވަހުގެ ހެނދުނެވެ. އިހަވަންދޫ މިފްކޯ އައިސް ޕްލާންޓުގައި މަސައްކަތްކުރާ ބިދޭސީ މީހާ ހެނދުނުން ފެށިގެން ނުފެނެ އެވެ. އޭނާގެ ފޯނު އޮތީ ނިއްވާލާފަ އެވެ. ގެންގުޅޭ އަންނައުނު ފެންނާކަށް ނެތެވެ. އެހެންކަމުން ކުންފުނީގެ ދެން ތިބި މީހުން ނިންމީ އޭނާ ފިލީ ކަމަށެވެ.

އިއްސެގެ ގާތިލު، ޝުމޮންމިއާ ފިލަން ވަތް ކަމަށް ބުނާ ފަޅުގެ: އެތަނަކީ ކުރިން ތެޔޮ ރައްކާ ކުރާ ތަނެއް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"9:00 ކަންހާއިރު މަސައްކަތް ފަށާނީ، އެދުވަހު 10 ޖެހިއިރު ވެސް ބުނީ ހަބަރެއް ނުވޭ، ދެން އޭނަ ލާން ގެންގުޅޭނީ ވަރަށް މަދު އަންނައުނު، ދެ ފަޓްލޫނާ ދެ ގަމީސް ވަރު،" މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

އެކަން ފެކްޓަރީގެ ވެރިން ފުލުހުންނަށް އެންގި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުމޮން ފިލައިގެން އޮތީ އެ ފެކްޓަރީއާ ވަރަށް ކައިރީގައި ހުންނަ ފަޅުގެއެއްގެ ތެރޭގަ އެވެ. އެއީ ކުރިން ތެޔޮ ވިއްކުމަށް ބޭނުންކުރި އޮފީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެތަނުގައި ފިލައިގެން އޮތް އިރު އޭނާ އަށް ކާންދީން ކަންކަން ކުރީ އެ ރަށުގައި އުޅޭ އެހެން ބިދޭސީންނެވެ. އެމީހުން ތިބީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން ވަނީ އިއްސެގެ މަރުގެ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ހެކިތައް އެ ފަޅުގެ ތެރެއިން ހޯދައިފަ އެވެ.

އެ އަމަލުގެ ސަބަބުން ވެސް އިއްސެގެ މަރު ކުރިއާލާ ރޭވިފައިވާ މިންވަރު ސާފުވެ އެވެ. ނަމަވެސް އިއްސެ މަރާލި ރޭ ޝުމޮންމިއާ އާއި އިތުރު ބިދޭސީންތަކެއް ރަށުގެ ބަނދަރު ސަރަހައްދުން ފެނުނު މީހުން މި ރަށުގައި އެބަ ތިއްބެވެ.

އިއްސޭގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ސަންގެ ނޫސްވެރިޔާ އިހަވަންދޫ ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ސަން އަށް އެނގިފައިވާ ގޮތުގައި އެމީހުން ނިދާ ކޮޓަރިއަށް ވަނުމަށް ހައްދާފައި ވަނީ ދެ ތަޅުދަނޑި އެވެ. އޭގެ ތެރެއިން އެއް ތަޅުދަނޑި އޮންނަނީ އިއްސެ އަތުގަ އެވެ. އަނެއް ތަޅުދަނޑި އޮންނަނީ އޮފީސް ތެރޭގަ އެވެ. އެ ބިދޭސީ މީހާ އިއްސެއަށް ހަމަލާދިނުމަށް އެ ކޮޓަރިއަށް ވަން ކަމަށް ބެލެވެނީ އިއްސެ ހުޅުވައިދީގެން ނުވަތަ ފާހާނާގައި ހުންނަ ފެން ލައިޓެއްގެ ތެރެއިންނެވެ.

ޝުމޮންމިއާ އޭނާ އިއްސެ މަރާލިކަމަށް އެއްބަސްވެފައިވާ އިރު އިހަވަންދޫ ސިއްހީމަރުކަޒުން އޭނާއަށް ވަނީ ފަރުވާދީފަ އެވެ. އޭނާގެ އިނގިލިތަކާއި އަތުގެ އެކި ހިސާބުތަކުގައި ޒަހަމްތައް ހުރިކަން ސަންއަށް ވަނީ އެނގިފަ އެވެ.

އިއްސެ މަރާލި ރޭ މިރަށަށް އެހެން މީހަކު ބަލައި އައި ލޯންޗަކަށް އަރައިހެން ޝުމޮންމިއާ މިއަތޮޅު ހުވަރަފުއްޓަށް ދިޔައިރު އޭނާގެ އަތުގައި ތުވާއްޔެއް އޮޅާފައިވެ އެވެ. އޭނާ ހދ. ކުޅުދުއްފުއްޓަށް ދިޔައީ ހޯރަފުށީ ލޯންޗެއް ހިފައިގެންނެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ހޯރަފުށީގައި ހުއްޓަ އެވެ.

އިހަވަންދޫގައި ލޯންޗު ދުއްވާ ފުއާދު ގާސިމް ބުނި ގޮތުގައި އިއްސެ މަރާލި ރޭ ދެ ބިދޭސީއަކު އޭނާ ހޯދަން އެ ގެއަށް އައިސް ހދ. ކުޅުދުއްފުއްޓަށް ދަތުރެއް ކޮށްދިނުމަށް އެދުނެވެ. އަދި އެ މީހުން ތިބީ ކިތަންމެ ބޮޑު އަގެއްގައި ވިޔަސް ދަތުރު ކުރަން ކަމަށް އޭނާ ބުންޏެވެ.

"ދެ ބިދޭސީން އައީ، އެ މީހުން ބުނީ ކިހާވަރަކަށްހޭ ކުޅުދުއްފުއްޓަށް ދެވޭނީ، ހަމަ ވައްޓާލާފައި އަންނަންވިއްޔޭ، ދެން މަބުނެފިން މަޖަލަކަށް 10،000 ރުފިޔާއަށޭ،[ އަސްލުދަތުރު ކުރާ އަގަކީ 2000 ރުފިޔާ] އެކަމަކު އެމީހުން ތިބީ އެ އަގަށް ވެސް ހަމަ ކުރާ ގޮތަށް،" ފުއާދު ބުންޏެވެ.

ފުއާދު ބުނީ އެހާ ބޮޑު އަގެއްގައި ބިދޭސީންތަކެއް ކުއްލި ގޮތަކަށް ލޯންޗެއް ކުއްޔަށް ހިފައިގެން މެންދަމު ކުޅުދުއްފުއްޓަށް ދާން އުޅުމަކީ ގޯހެއް ކަމަށް އޭނާގެ އަންހެނުން ވެސް ބުނި ކަމަށެވެ. އަދި އެ ދަތުރު ނުކޮށްދިނުމަށް އަންހެނުން އެދުމުން، އެ ދަތުރު ނުކުރަން ނިންމީ ކަމަށް ފުއާދު ބުންޏެވެ. އޭނާ ކައިރިއަށް ލޯންޗު ދަތުރު ހަމަޖައްސަން އައި ބިދޭސީންވެސް ތިބީ ހައްޔަރުކޮށްފަ އެވެ.

އިއްސެއާއި ޝުމޮންއާއި ފައިސާގެ ކަންތައްތަކެއް

އިއްސެގެ މަރާ އެކު މުޅި މިރަށް ވަނީ ކުއްލި ސިހުމެއްގެ ތެރޭގަ އެވެ. އެ ބިދޭސީ މީހާއާއި އިއްސެއާ ދެމެދު ޖެހުނު އެއްވެސް މައްސަލައެއް އިނގޭ މީހަކު ނެތެވެ. އިއްސެގެ އެންމެ ގާތް އެކުވެރިންނަށް ވެސް އެކަން ނޭނގެ އެވެ. އިއްސެގެ އެކުވެރިޔާ އަދި އޭނާއަށް ހިލޭ ސާބަހަށް ކާންދީ އުޅޭ އިބްރާހިމް ހާލިފް ބުނި ގޮތުގައި އޭނާ އަކީ އެންމެ ފަހުން އިއްސެއާ ވާހަކަދެއްކި މީހާއަށް ވާނެ ކަމަށާއި އިއްސެގެ ފަރާތުން ތަފާތު އެއްވެސް ކަމެއް އޭނާއަށް ފާހަގަ ނުވާ ކަމަށެވެ.

އިއްސޭއާ އެއްމެފަހުން ވާހަކަދެއްކި މީހާ ސަން އަށް މައުލޫމާތު ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ހޯމަ ދުވަހު ވެސް ޝުމޮންމިއާ އާއި އިއްސެ އެކުގައި އެގެއަށް އައި ކަމަށާއި އެދެ މީހުން މައްސަލައެއް ޖެހިގެން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ނެތްކަމަށް އޭނާ ބުންޏެވެ.

"ރުކުން ކުރުނބާ އަޅައިގެން މިގެއަށް ގެނައި ބަންގާޅި މީހާ އާއި އޭނާ އާއި، ކުރުނބާ އިހަލެއް މިގެއަށް ގެނައިތާ ދެ ދުވަހެއް ފަހުން އެ ބިދޭސީމީހާ ފިލީ. ދެ މީހުން އައީ. ހަމަ އެކުވެރިކަމާ އެކު އައީ،" އިބްރާހިމް ބުންޏެވެ.

އިއްސެއާއި ޝުމޮންއާ އެކު މަސައްކަތް ކުރާ މުވައްޒަފުން ވެސް ބުނަނީ ހަމަ އެހެންނެވެ. އެމީހުންގެ ގުޅުން ރަނގަޅު ވާހަކަ އެވެ.

"މިފަހަރު އައިފަހުން އެއްވެސް ވާހަކައެއް ނުބުނޭ، އެބިދޭސީ މީހާއަށް އެއްވެސް ކަމެއްވިޔަސް ބުނާނެ،.. މިތަނުގައި އެމީހުން ކައްކާ އުޅޭނީ ބުނާނެ ޝުމޮންއޭ މިއަދު ކައްކާ ހެދީ،" މުވައްޒަފަކު ބުންޏެވެ.

ބިދޭސީ މީހާ ގެއްލިގެން އެހުމުން ވެސް އިއްސެއަށް އެކަން މާބޮޑު ކަމަކަށްނުވި ކަމަށް އިބްރާހިމް ބުންޏެވެ.

"އޭނާކައިރީ އެހީމާ ބުނީ މުސާރަ ދަށްކަމުން ތޯއްޗެކޭ. އެ މީހުން އަބަދު ކިޔައޭ މުސާރަ ދަށޭ، އެހެންވެ ފިލީ ތޯއްޗެކޭ. އެކަހަލަ ވާހަކައެއް ބުނީ،" އިބްރާހިމް ބުންޏެވެ.

އިއްސެއާއި ބިދޭސީ މީހާ ގުޅިގެން ފައިސާގެ މުއާމަލާތްތަކެއް ހިންގިކަމަށް ބުނާބަޔަކު މިރަށުގައި އުޅެ އެވެ. ޝުމޮންއަކީ މިރަށުގައި ދިރިއުޅޭ 300 އެއްހާ ބަނގުލަދޭޝް މީހުންގެ ފައިސާ ބަންގާޅަށް ފޮނުވާ އެޖެންްޓް ކަމަށްވާ އިރު އޭނާ އެކަން ކުރަނީ އިއްސެ މެދުވެރިކޮށް ކަމަށް މިރަށު މީހުން ބުނެ އެވެ.

އިހަވަންދޫ މަގެއްމަތިން މީހަކު ހިނގާފައި ދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ތީ އަޅުގަނޑުއަޑުއެހި ވާހަކައެއް، އޭނާއަތަށޭ ފައިސާ ދެނީ، ދެން އޭނާ މިމަރުވި އިސްމާއިލް މެދުވެރިކޮށް އޭނާގެ އެކައުންޓުން ބޭރަށް، އެހިދުމަތް ދޭ މީހާއޯ އިސްމާއިލް އަކީ، ގިނަ މީހުން ލަފާ ކުރަނީ ފައިސާގެ ކަމެކޭ މިއުޅެނީ،" މިރަށުން މައުލޫމާތު ދިން އިތުބާރު ހިފޭ ފަރާތަކުން ބުންޏެވެ.

އިސްމާއިލް އާ ގާތްގުޅުމެއް އޮންނަ، މިރަށުގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރާ އާދަމް ނަސީރު ބުނިގޮތުގައި އެމީހުން އެކަން ކުރުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަނީ ހުއްޓާލާފަ އެވެ.

"އެކަން ކުރި ތަންކޮޅެއް ކުރިން، އެކަން ހުއްޓާލިތާ ދެމަހެއްހާ ދުވަސްވެދާނެ، ވާގޮތަކީ އެމީހުންގެ އެކައުންޓުން ފައިސާ ޖަމާކޮށްފިއްޔާ ފައިސާ ނަގާނެ،" އާދަމްބެ ބުންޏެވެ.

އިއްސެ އާއި ޝުމޮންއާ އާއި ދެމީހުން ގުޅިގެން ފައިސާގެ ކަންތައްތަކެއްކުރާކަން އެމީހުންނާ އެކު މަސައްކަތްކުރާ މީހުން ދޮގުކުރެ އެވެ.

"އޭނާ ބަނގުލަދޭސް މީހުން އަތުން ފައިސާ ނަގާ، އެކަމަކު އިއްސެއަތަކަށް ފައިސާއެއް ނުދޭ، އޭނާ ނިދާ ބާލިސް ދަށަށް ލައިގެން ފައިސާ ގެންގުޅޭނީ ވެސް، ދެން އޭނާ ފައިސާ ފޮނުވާނީ ވެސް، އިއްސެއާއި އެއްވެސް ގުޅުމެއް ނޯވޭ،" ފެކްޓްރީގައި މަސައްކަތްކުރާ ފަރާތަކުން މައުލޫމާތު ދިނެވެ.

އެކަމާ ގުޅޭ ގޮތުން މި ރަށުގައި ދިރިއުޅޭ ބިދޭސީންތަކަކާ ސަންއިން ސުވާލު ކުރުމުން އޭގެ ތެރެއިން މުހައްމަދު ޖޯޝަން ބުނީ ކުރިން ޝުމޮންމިއާ މެދުވެރިކޮށް އެ މީހުން ފައިސާ ފޮނުވި ކަމަށާއި ނަމަވެސް ފަހުން ޝުމޮންމިއާ އެކަން ނުކުރާ ކަމަށެވެ.

އިއްސެ އަކީ މިފްކޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މުވައްޒަފަކަށްވުމާއި މީހަކާ ނީނދެ އުޅޭ މީހަކަށް ވުމުން އޭނާ ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ ކަމަށްވެ އެވެ. އަދި އިއްސެއަކީ ބޭންކަށް ފައިސާ ޖަމާކުރުމުގެ ބަދަލުގައި މުސާރަ ވެސް ނަގުދު ފައިސާގެ ގޮތުގައި ނަގައި އުޅޭ މީހަކަށްވުމުން އޭނާ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުންނަ ކަމަށް އޭނާ ދަންނަ މީހުން ބުނެ އެވެ. އެހެންކަމުން އިއްސެ އަތުން ފޭރުމަކީ ވެސް މިއަމަލު ހިންގަފާނެކަމުގެ ސަބަބެއް ކަމަށް ބެލެވެ އެވެ.

އިއްސެއަކީ މީހަކާއި ނީނދެ ހުންނަ މީހެއްވުމުން އޭނާއާ ގުޅުވައިގެން ދައްކާ ވާހަކަތަކަކާއި މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ބައެއް މީހުން ބުނެއުޅެ އެވެ. ނަމަވެސް އިތުބާރު ހިފޭ އެއްވެސް ފަރާތަކުން އެކަން ޔަގީންވާ ފަދަ އެއްވެސް މައުލޫމާތެއް މިހާތަނަކަށް ހިއްސާއެއް ނުކުރެ އެވެ.

ކޮންމެ އަކަސް ބިދޭސީންގެ ފަރާތުން އިހަވަންދޫގައި ހިނގާފައިވާ ދެ މަރާއެކު މިރަށް ވަނީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. މިރަށުގައި ނުގަވައިދުން އުޅޭ ބިދޭސީން ވަރަށްވެސް ގިނަ އެވެ.

"މަގުމަތީ ގިނަވެގެން މިއުޅޭ ބިދޭސީންގެ ސަބަބުން އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް މިއަދު ޔަގީންކަމެއްނެތް. ކުއްޖަކު ފަޅުގެއެއްގެ ކައިރިން ހިނގާފައި ދަނިކޮށް ދަމާހަލާފައި ވަށްދައި ދެންކުރާނެ ކަމެއްވެސް، މިރަށު ފަޅުގެއެއް ނެތް އެމީހުންގެ ބާރުގެ ދަށަށުގައި ނޫނީ،" އިހަވަންދޫ ކައުންސިލް ރައީސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އިހަވަންދޫ ކައުންސިލަރުން ސަން އަށް މައުލޫމާތުދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުޅި އިހަވަންދޫ ބިރުވެރިކަމެއްގެ ތެރޭގައި ވާއިރި މިރަށު ރައްޔިތުންގެ އެދުމަކީ ބިދޭސީންގެ ފަރާތުން އެރަށުގައި އުފެދިފައިވާ ބިރުވެރިކަމަށް ނިމުމެއް ގެނެސް ދިނުމެވެ.

comment ކޮމެންޓް