އެމެރިކާގައި މުސްލިމް އަންހެން ކުއްޖަކު ވަގަށް ނެގުމަށް ފަހު މަރާލައިފި

އުމުރުން 17 އަހަރުގެ ނަބްރާ މިސްކިތަށް ދިޔަ މަގުމަތީގައި ވަނީ ހަމަލާދީ މަރާލާފައި -- ފޮޓޯ: ފޭސްބުކް

ވޮޝިންޓަން (ޖޫން 19): އެމެރިކާގެ މިސްކިތެއް ކައިރިން ހޮނިހިރު ދުވަހުގެ ރޭ ގެއްލުނު ކަމަށް ރިޕޯޓު ކުރި 17 އަހަރުގެ މުސްލިމް އަންހެން ކުއްޖާ މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

ވާޖީނިއާގައި ހުންނަ އޯލް ޑަލެސް އޭރިއާ މުސްލިމް ސޮސައިޓީ މިސްކިތުގެ އޮފިޝަލުންނާއި ފުލުހުން ބުނި ގޮތުގައި ނަބްރާ ނަމަކަށް ކިޔާ އަންހެން ކުއްޖަކާއި އިތުރު ކުދިންތަކެއް މިސްކިތަށް ދިޔަ މަގުމަތީގައި، ސައިކަލެއްގައި ދިޔަ މީހަކު ވަނީ އެކުދިންނަށް ހަމަލާދީފަ އެވެ.

އެ ހަމަލާ ދޭން ފެށުމުން ހުރިހާ ކުދިން ދުއްވައިގަތީ މިސްކިތާ ދިމާލަށް ކަމަށާއި ނަމަވެސް މިސްކިތާ ހަމައަށް ދެވުނު އިރު އެއް ކުއްޖަކު ނެތް ކަމަށާއި އެއީ ނަބްރާ ކަމަށް އޮފިޝަލުން ބުންޏެވެ. އޭގެ ފަހުން ނަބްރާއާ އެއްކޮށް ތިބި ކުދިން ވަނީ އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ފަތިސް ގަޑީގައި އެރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ނަބްރާ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ނަބްރާއަށް ހަމަލާދިން މިސްކިތާ ދެތިން މޭލު ދުރުން އަންހެން ކުއްޖެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އެއީ ނަބްރާގެ ހަށިގަނޑު ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

ނަބްރާ މަރާލި މައްސަލައިގައި ދައުވާ ކޮށްފައިވާ އުމުރުން 22 އަހަރުގެ ޑާވިން މާޓިނެޒް ޓޮރޭޒް -- ފޮޓޯ: ވާޖީނިއާ ފުލުހުން

ފުލުހުންނަށް ފެނިފައި ވަނީ ނަބްރާގެ ހަށިގަނޑުކަން ޔަގީން ކުރުމަށާއި އެ ކުއްޖާ މަރުވި ސަބަބު ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އޮޓޮޕްސީއެއް ހަދަމުންނެވެ.

ނަބްރާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު ފުލުހުން ވަނީ ސައިކަލެއް ދުއްވާފައި ދިޔަ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ފަހުން ފުލުހުން ވަނީ އެ މީހަކީ އުމުރުން 22 އަހަރުގެ ޑާވިން މާޓިނެޒް ޓޮރޭޒް ކަމަށާއި އޭނާގެ މައްޗަށް މީހަކު މެރިކަމުގެ ދައުވާ ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ނަބްރާގެ މަންމައާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން ނަބްރާއަށް ހަމަލާދިނީ ދަގަނޑު ބެޓަކުންނެވެ. ފުލުހުން ވަނީ އެ ބެޓު ހޯދާފައި ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

އެމެރިކާގައި މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ވަނީ ފަހަކަށް އައިސް އިތުރުވެފަ އެވެ. އެގޮތުން މުސްލިމުންގެ ހައްގުތަކަށް މަސައްކަތް ކުރާ ކައުންސިލް އޮން އެމެރިކަން އިސްލާމިކް އެފެއާޒް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މުސްލިމުންނަށް ދޭ ހަމަލާތައް ވަނީ 2015 އާއި 2016 އާ ދޭތެރޭ 44 ޕަސެންޓު އިތުރުވެފަ އެވެ.

comment ކޮމެންޓް