Sun Online

ކެޓްރީނާ ދެން ދުވަހަކު ވެސް ރަންބީރު އާއެކު މަސައްކަތެއް ނުކުރާނެ!

ކުރީގެ ލޯބިވެރިން ކަމުގައިވާ ކެޓްރީނާ ކައިފް އަދި ރަންބީރު ކަޕޫރުގެ ގުޅުން ނިމުމަށް ފަހު ދެމީހުންނަށް އެކުގައި މަސައްކަތް ކުރަން އުނދަގޫވިއެވެ. ދެމީހުން ރުޅިވީ ފިލްމު 'ޖައްގާ ޖާސޫސް'ގެ ޝޫޓިންގ ކުރިއަށް ދަނިކޮށެވެ. ދެމީހުން އެކުގައި މަސައްކަތް ކުރަން ބޭނުން ނުވުމުން ފިލްމުގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ.

'ޖައްގާ ޖާސޫސް' އަކީ ރަންބީރު އާއި ކެޓްރީނާ އެކުގައި ފެނިގެންދާ ހަތަރު ވަނަ ފިލްމެވެ. ރަންބީރު އަދި ކެޓްރީނާ ވަނީ މީގެ ކުރިން 'އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ'، 'ރާޖުނީތީ'، އަދި 'ބޮމްބޭ ޓޯކީސް' ގައި މަސައްކަތް ކޮށްފައެވެ.

މިހާތަނަށް ރިލީޒްކުރި ތިން ފިލްމުގައި ވެސް ދެމީހުންގެ ކެމިސްޓްރީ ވަރަށް ބޮޑަށް ފާހަގަވިއެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ ދެމީހުން ރުޅިވުމުން 'ޖައްގާ ޖާސޫސް' އިން އެ ކެމިސްޓްރީ ނުފެނިދާނެތީ ކަންބޮޑުވެފައެވެ.

ޖުލައި 14 ވަނަ ދުވަހު ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވާއިރު، ފިލްމަށް ިއިންތިޒާރު ކުރަމުން އަންނަ ގިނަ ފަރާތްތަކަކަށް ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައި ވަނީ ރަންބީރު އާއި ކެޓްރީނާ އެކުގައި ފިލްމު ޕްރޮމޯޓު ކުރަމުން ގެންދާތީ އެވެ.

ދެމީހުން އެކުގައި ޕްރޮމޯޝަން އިވެންޓުތަކުގައި ބައިވެރިވުމުގެ އިތުރުން ފޭސްބުކް ލައިވް ވީޑިއޯތަކުން ސަޕޯޓަރުންނާ ވެސް ވާހަކަ ދައްކައެވެ. އެހެންކަމުން ދެމީހުންގެ ކޯޅުން ނިމުމަކަށް ގެނެސް ސުލްހަ ވީކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ.

އެހެން ނަމަވެސް ދެމީހުން އަދިވެސް އެކަކު އަނެކަކާ ވާހަކަ ދައްކަނީ ޕްރޮމޯޝަން މަސައްކަތުގައި އެކަންޏެވެ. އަދި 'ޖައްގާ ޖާސޫސް' އަށް ފަހު ރަންބީރު އާއެކު އިތުރަށް މަސައްކަތް ނުކުރާނެ ކަމަށް ކެޓްރީނާ ވެސް މިވަނީ ބުނެފައެވެ.

ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ކެޓްރީނާ ވަނީ ރަންބީރު އާއެކު މަސައްކަތް ކުރަން މިހާރު "ވަރަށް އުނދަގޫ" ކަމަށް ބުނެފައެވެ.

އަދި ދެމީހުން އެކުގައި މަސައްކަތް ނުކުރާނެ ކަމުގެ އިޝާރާތެއް ރަންބީރު ދީފައިވާ ކަމަށާއި، ދެމީހުން އެކުގައި ދެން ފެނިގެން ދިއުމަކީ ނުވާނެ ކަމެއް ކަމަށް ވެސް ކެޓްރީނާ ވަނީ ބުނެފައެވެ.

'ޖައްގާ ޖާސޫސް' އަކީ ދެމީހުން އެކުގައި ފެނިގެންދާނެ ފަހު ފިލްމު ކަމުގައި ކެޓްރީނާ ބުނި ނަމަވެސް ރަންބީރު ވަނީ ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ނުދީ ޕްރެސް ކޮންފަރެންސް ކުރުކޮށްލާފައެވެ.

infinity loading...
×
DB released 01.