އެޗްއާރްސީއެމް އިން ދޫނިދުއަށް ގޮސް އަދީބާ ބައްދަލުކޮށްފި

އަހުމަދު އަދީބު

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބައްދަލުކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެޗްއާރްސީއެމްގެ މެމްބަރަކާއި އެތަނުގެ އިތުރު ހަތަރު މުވައްޒަފަކު ވަނީ ދޫނިދުއަށްގޮސް އަދީބާ ބައްދަލުކުރައްވާފައެވެ.

އެޗްއާރްސީއެމް އިން އަދީބާ ބައްދަލުކޮށްފައި މިވަނީ ޖަލަށް ޒިޔާރަތްކޮށް އެމަނިކުފާނާ ބައްދަލުކޮށް ހާލަތު ބައްލަވައިލެއްވުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު އެ ކޮމިޝަންގައި އެދިވަޑައިގެންފައިވަނިކޮށެވެ.

މިކަމާ ގުޅޭގޮތުން އެޗްއާރްސީއެމްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ހައްވާ ވަޖުދާ ގާސިމާ "ސަން" އިން ސުވާލު ދެންނެވުމުން ވިދާޅުވީ އެފަދަ މައުލޫމާތުތަކަކީ އެ ކޮމިޝަނުން މީޑިއާ އަށް ހިއްސާކުރާނެ މައުލޫމާތެއް ނޫން ކަމަށެވެ.

އަދީބުގެ ގާނޫނީ ވަކީލު ސިރާޖު އެޗްއާރްސީއެމް އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ވެސް ލޮލުގެ މައްސަލަތައް ކުރިމަތިވީ ޖަލަށްލި ފަހުން ކަމަށެވެ.

އެކަމާ ގުޅިގެން ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު ކާނަލް ނާޒިމަށް ދިން އިރު، ޖަލުގައި ކާނާ ވިހަވަގެން ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ދިން ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

އެފަދަ ކަންކަމަކީ ޖަލުގައި ގައިދީންނާ މެދު އަމަލުކުރާ ގޮތުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ގަބޫލުކުރެވޭތީ އަދީބަށް ދެމުންދާ ކާނާ އާއި ބޯފެނާއި ބޭސްތަކުގެ މައުލޫމާތު ސާފުކުރުމަށާއި އަދި އަދީބު ޖަލުގައި އޮންނަ މާހައުލު ބަލައިލުމަށް އެ ކޮމިޝަނުން ޖަލަށް ދިޔުމަށް އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން "ސަން" އަށް ވިދާޅުވީ އަދީބަށް ސިއްހީ މައްސަލަތަކެއް މެދުވެރިވީ ޖަލުގައި ހުންނެވުމުގެ ސަބަބުން ކަމަށް އެ ސާވިސް އިން ގަބޫލުނުކުރާ ކަމަށެވެ. އަދި ޖަލުގައި ތިބި އެހެން ގައިދީންނަށް އެފަދަ ސިއްހީ މައްސަލަތަކެއް ދިމާވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް