މީހުން ހަވާލުކުރާ ހަދިޔާ ފޮށިގަނޑު ރަނގަޅަށް ޗެކް ކުރޭ، ޑްރަގްސް ހުރެދާނެ!

ކަދުރުގެ އޮށް އިންނަ ބަޔަށް މަސްތުވާތަކެތި ލައިގެން އެެތެރެކުރަން މަސައްކަތް ކުރަނިކޮށް ފުލުހުން ވަނީ އަތުލައިގެންފައި --- ފޮޓޯ/ ޕޮލިސް މީޑިއާ

ރާއްޖޭން ބޭރުން މާލެއަށް ނުވަތަ މާލޭން ބޭރަށް ދަތުރުކުރާއިރުވެސް މީހުން ގެންގޮސްދޭށޭ ބުނާ ހަދިޔާ ފޮށިގަނޑުތަކާ ހަވާލުވާނަމަ އެތަކެތި ރަނގަޅަށް ޗެކް ކުރުމަށް ފުލުހުންނާއި ކަސްޓަމްސް ސާވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ހިންގި ޑްރަގް އޮޕަރޭޝަން ތަކަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޑްރަގް އެންފޯސްމެޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ހެޑް އައިމިނަތު ސުޒީ ވިދާޅުވީ އެ އޮޕްރޭޝަންތަކުގައިވެސް އެގޮތަށް މީހުންނާ ހަވާލުކޮށްގެން މަސްތުވާތަކެތި އެތެރެކުރަން މަަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

ސުޒީ ވިދާޅުވީ މިފަހަރުވެސް އެތަކެތި ފެނިފައިވަނީ އިންޑިއާ އަދި ލަންކާއިން މީހަކާ ހަވާލުކޮށްގެން އެތެރެކުރި ފޮށިގަނޑުތަކެއްގެ ތެރޭން ކަމަށެވެ.

ޓޮބްލެރޮން ޗޮކޮލެޓްގެ ޕެކެޓް ތެރެއަށް މަސްތުވާތަކެތި އަޅައިގެން އެތެރެކުރަން މަސައްކަތް ކުރި --- ފޮޓޯ/ ޕޮލިސް މީޑިއާ

" މިގޮތަށް ހަވާލުކުރެވޭ އެއްޗިއްސަށް ވަރަށް ބޮޑަށް ސަމާލުވެލައްވައި ލޯހުޅުވި ހޭލުންތެރިވާން އެބަޖެހޭ،" ސުޒީ ވިދާޅުވި އެވެ.

ހާއްސަގޮތެއްގައި އެކަނި ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކުރައްވާ އަންހެން ބޭފުޅުން އެކަންކަމަށް ސަމާލުކަން ދިނުމަށް ސުޒީ އިލްތިމާސްކުރެއްވިއެވެ. ސުޒީ ވިދާޅުވީ އެގޮތަށް ބޭރަށް ދާ ފަރާތްތަކަށް ޓާގެޓްކުރެވި އިތުބާރު ހޯދައި އެފަދަ ފޮށިގަނޑު އެއްޗިހި ހަވާލު ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސުޒީ ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ތިމާގެ އެއްޗެއް ނޫން ނަމަ ނުގެންދިޔުން ކަމަށެވެ. އަދި ޔަގީންކަން ވަރަށް ބޮޑަށް ނެތިއްޔާ މީހުން ދޭ އެފަދަ ފޮށިގަނޑު ތަކާ ހަވާލު ނުވުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

" މިފަހަރުގެ އޮޕަރޭޝަނުގައިވެސް ފާހަގަކޮށްލަން ޖެހޭ، ކަދުރު ޕެކެޓްތަކެއް އެހެންނަމަވެސް ކަދުރު މިހުންނަނީ މަތީގައި އަޑިއަށް އަޅާފައި މި ހުންނަނީ މަސްތުވާތަކެތި. އެހެންވީމަ މިކަންކަމަށް ސަމާލުވާން ޖެހޭ،" ސުޒީ ވިދާޅުވިއެވެ.

ކަދުރުގެ އޮށް އިންނަ ބަޔަށް މަސްތުވާތަކެތި ލައިގެން އެެތެރެކުރަން މަސައްކަތް ކުރަނިކޮށް ފުލުހުން ވަނީ އަތުލައިގެންފައި --- ފޮޓޯ/ ޕޮލިސް މީޑިއާ

ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އިސްމާއިލް ހަމްދޫން ވިދާޅުވީ ހާއްސްކޮށް ޓްރިވެންޑްރަމުން އަންނަ މެދު އުމުރުގެ ދެމަފިރިންނަށް ޓާގެޓްކޮށް އެފަދަ ފޮށިގަނޑު ހަވާލުކުރާކަން ފާހަގަކުރެވޭ ކަމަށެވެ.

ހަމްދޫން ވިދާޅުވީ ހައްޔަރު ކުރެވޭނީ މަސްތުވާތަކެތި ހިފައިގެން އަންނަ މީހާ ކަމަށާއި އޭގެ ވެރި ފަރާތަކަށް ވާނީވެސް އެމީހާ ކަމަށެވެ. އެހެންވީމަ ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް ހަމްދޫން އިލްތިމާސްކުރެއްވިއެވެ.

" އެމީހެއްގެ ދަބަހުގައި ހުންނާނީ އެމީހަކު ޒިންމާވާނެ އެއްޗިހި. އެހެންވީމަ މީހުން ހަވާލުކުރާ އެއްޗިއްސަށް ވަރަށް ބޮޑަށް ސަމާލުވާން އެބަޖެހޭ،" ހަމްދޫން ވިދާޅުވިއެވެ.

comment ކޮމެންޓް