ކުޅުދުއްފުށީ ހޮސްޕިޓަލް ޓާރޝަރީކޮށް ހިންގުމަށް އިންޑީއާ ކުންފުންޏަކާ ހަވާލުކޮށްފި

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހިންގުން އެންއައިއައިއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް، ޒަމާނީ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެތަން ހިންގުމަށް އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ (އެންއައިއައި) އާ މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސިއްހަތާ ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބްރާހިމެވެ. އެންއައިއައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން އަދި ޑިރެކްޓަރު އަލީ ޢުސައިދުއެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސިއްހަތާ ބެހޭ ވަޒީރު ނާޒިމް ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމާ އެކު ކުޅުދުއްފުށީ ރީޖަން ހޮސްޕިޓަލް އެންއައިއައިގެ ދަށަށް ބަދަލުކުރުމުގެ މަސަތްކަތްތައް ފެށިގެން ދާނެ ކަމަށާއި އަދި އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް އެފަރާތުން ހޮސްޕިޓަލް ހިންގުމާއި ހަވާލުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް 15 ވަރަކަށް ދުވަހު އަޅުގަނޑުމެން ކުރަމުން ގެންދާނީ މި ޓްރާންސްސިޝަންގައި ކުރަންޖެހޭ މަސަތްކަތްތައް. އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން ކަމާ ބެހޭ ބޭފުޅުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތްކޮށް ސްޓާފުންނަށް ދޭން ޖެހޭ މައުލޫމާތު އޮޅުން ފިލުވައިދީ އެ ތަނުގައި ހުރި ތަކެތި ދެ ފަރާތުން ގުޅިގެން މިހާރު ހަމަޖެހިފައިވާ ކޮންޓްރެކްޓްގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން ކުރެވޭނެ ނިޒާމް ގާއިމް ވެގެން ދިއުން،" ނާޒިމް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހިންގުން އެންއައިއައިއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

މިނިސްޓަރު ވިދާޅުވީ، އެއްބަސްވުމުގައި ވާ ގޮތުން ސޮއިކުރިތާ 16 މަސްދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލް މިހާރު ހުރި 50 އެނދުން 150 އެނދަށް އިތުރުކުރަން ޖެހޭނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން ސުޕެޝިލިސްޓުންނާއި ސުޕަރސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.

މަލްޓި ސުޕެޝާލިޓީ ހިދުމަތުގެ އިތުރަށް އެ އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލަކީ ޖެނެޓިކް ޑިސްއޯރޑާސްގެ ދާއިރާއިން ސެންޓަރ އޮފް އެކްސެލެންސްއަކަށް ވެގެނެދިއުން އަދި އޭގެ ތެރޭގައި ތެލްސީމިއާ މައްސަލަތަކާއި އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނުމަށް ވެސް ވަނީ އެއްބަސް ވެފައެވެ.

ޖުމަލް 50 އަހަރަށް އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން ހަވާލުކޮށްފައިވާއިރު އެ މުއްދަތުގެ ތެރޭގައި ހޮސްޕިޓަލަށް ގެންނަން ޖެހޭ ހުރިހާ ބަދަލުތަކެއް ވެސް ގެނައުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ހަރަދުގައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް އިންޑިއާގެ ކުންފުންޏަކާ ހިންގުން ހަވާލުކުރި ނަމަވެސް އެ ހޮސްޕިޓަލުން އެއްވެސް ހުރަހެއް ނެތި އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގަމުން އަންނަ އެންއައިއައިގެ އެމްޑީ ފައިޒަލް ހާން ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް، ފެންވަރު ރަނގަޅު ޚިދުމަތްތައް ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބިގެންދާނެ ކަމަށެވެ. އަދި އެންމެ ބޮޑު އެއް މަގުސަދަކީ އެ ހޮސްޕިޓަލަކީ ދުނިޔޭގެ ފެންވަރުގައި ތެލަސީމިއާ ކުދިންނަށް ހިދުމަތް ލިބިގެން ދާނެ ހޮސްޕިޓަލަކަށް ހެއްދެވުން ކަމަށެވެ.

comment ކޮމެންޓް