Sun Online
ހައިކޯޓު --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ހައިކޯޓު --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ވަޒީފާ އިން ވަކިކުރިތާ ހަ އަހަރު ފަހުން މީހަކަށް ވަޒީފާދޭން ކޯޓުން ހުކުމް ކޮށްފި

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

މާލީ އަދި އިގްތިސާދީ މައްސަލަތަކާ ހެދި ވަޒީފާގައި ބެހެއްޓެން ނެތް ކަމަށް ބުނެ ސަން ލޭންޑް ޓްރެވަލްސްއިން 2012 ގައި ވަޒީފާ އިން ވަކިކުރި އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ އަންޖަލީނާ މޭރީ ނާޒިއުއަށް ވަޒީފާދޭން ހައިކޯޓުން އެކުންފުނީގެ މައްޗަށް ހުކުމް ކޮށްފި އެވެ.

އަންޖަލީނާ ވަޒީފާ އިން ވަކި ކުރުމުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ވާޒީފާއާ ބެހޭ ޓްރިބިއުނަލަށެވެ. އެ މައްސަލަ ބަލައި ޓްރިބިއުނަލުން ހުކުމް ކޮށްފައި ވަނީ އަންޖަލީނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ކުންފުނިން ބުނާ ރިޑެންޑެންސީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.

އަދި ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ކަމަށާއި ނަމަވެސް ނޯޓިސް ނުދީ ކަޑާލުމުން ދޭން ޖެހޭ އެލަވަންސާއި މުސާރައިން އުނިކޮށްފައިވާ ފައިސާ ހިމަނައިގެން 120،000 ރުފިޔާ ދޭން ޓރްިބިއުނަލުން އޭރު ވަނީ ސަންލޭންޑް ޓްރެވަލްސް އަށް އަންގައިފަ އެވެ.

އެމައްސަލަ ޓެރިބިއުނަލުން ނިންމާފައި ވަނީ 2014 ވަނަ އަހަރު އެވެ. މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ 2016 ޑިސެމްބަރު މަހު އެވެ.

ސަންލޭންޑްގެ ސޭލްސް މެނޭޖަރުގެ މަގާމުގައި ހުރި އަންޖަލީނާ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެންޖަލީނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ސަންލޭންޑް ޓްރެވަލްސްއިން އަންޖަލީނާ ވަޒީފާ އިން ވަކިކުރީ ރިޑަންޑެންސީ ހާލަތެއް މެދުވެރިގެން ކަމަށް ބުނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި މުވައްޒަފު ވަޒީފާ އިން ވަކިކޮށްފައިވަނީ ބޭއިންސާފުން ނޫންކަން ސާބިތު ކޮށްދިނުމުގެ ޒިންމާ ނަގަން ޖެހޭނީ ވަޒީފާދިން ފަރާތުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ރިޑަންޑެންސީ ހާލަތެއް މެދުވެރިވެގެން ސަންލޭންޑް ޓްރެވަލްސްއިން ވަޒީފާއިން ވަކިކޮށްފައި ވަނީ އަންޖަލީނާ އެކަނިކަން އެނގޭ ކަމަށާއި އެެހެންވެ ހަގީގަތުގައި ވެސް އެކުންފުންޏަށް ރިޑަންޑެންސީ ހާލަތެއް މެދުވެރިވި ކަމާމެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އަންޖަލީނާ ވަޒީފާއިން ވަކުކުރުމުގައި ވެސް އަމަލުކޮށްފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން 12 ޖޫން އިން ފެށިގެން 14 ދުވަހުގެ ތެރޭގައި އަންޖަލީނާއަށް ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށް ހައިކޯޓުން ވަނީ ސަންލޭންޑް ޓްރެވަލްސްއަށް އަންގާފަ އެވެ.

އަދި އަންޖަލީނާ ވަޒީފާ އިން ވަކިކުރި 1 މާޗު 2012 ވަނަ ދުވަހުން ފެށިގެން 12 ޖޫން 2017 އާ ހަމައަށް ދޭން ޖެހޭ މުސާރަ 60 ދުވަހުގެ ތެރޭގައި ދިނުމަށް ވެސް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

×
DB released.