ދަތުރުމަތީގައި އުފަންވި ކުއްޖަކަށް ޖެޓް އެއާވޭސްއިން އުމުރަށް ހިލޭ ދަތުރުތައް

ޖެޓް އެއާވޭސް އިން ބުނާ ގޮތުގައި އެއީ އެއެއާލައިންގެ ފްލައިޓުމަތީގައި ކުއްޖަކު އުފަންވި ފުރަތަމަ ފަހަރު -- ފޮޓޯ: ގެޓީ

ދިއްލީ (ޖޫން 19): އިންޑިއާގެ ޕްރައިވެޓް އެއާލައިނެއް ކަމަށްވާ ޖެޓް އެއާވޭސްގެ ބޯޓެއް އިއްޔެ ސައުދީ އަރަބިއާއިން އިންޑިއާއަށް ދަތުރުކުރަމުންދަނިކޮށް ފްލައިޓް ތެރޭގައި އަންހެނަކު ވަނީ ވިހާފައެވެ. އަދި އެކުއްޖާގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން ޖެޓް އެއާވެސް އިން ވަނީ އެކުއްޖާއަށް އުމުރު ދުވަހު އެ އެއާލައިނުން ހިލޭ ދަތުރު ކުރެވޭނެ ކަމަށް ބުނެފައެވެ.

އެންޑީޓީވީން ބުނާ ގޮތުގައި ކެރަލާގެ އަންހެނަކު ޖެޓް އެއާވޭސްގެ ބޯޓެއްގައި ވިހެއީ ސައުދީ އަރަބިއާގެ ދައްމާމުން އިންޑިއާގެ ކޮޗިންއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އަދި އަންހެން މީހާ ވިހަން ތައްޔާރުވުމުން ބޯޓުގެ މިސްރާބު މުމްބާއީއަށް ބަދަލުކޮށް، އެކުއްޖާ ވިހެއުމުގައި ބޯޓުގެ ކްރޫ އާއި ނަރުހަކު އެހީތެރިވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޖެޓް އެއާވޭސް އިން ބުނި ގޮތުގައި މުމްބާއީގައި ބޯޓު ޖެއްސުމާއެކު އަންހެންމީހާ އެސިޓީގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާއިރު، މައިމީހާ އާއި ދަރިފުޅުގެ ހާލު ރަނގަޅެވެ. އަދި އެ އެއާލައިނުން ވަނީ ކުއްޖާ ވިހެއުމުގައި އެހީވި ކްރޫއަށާއި ފަސިންޖަރެއް ކަމަށްވާ ނާސް މިނީ ވިލްސަންއަށް ޝުކުރު އަދާކޮށްފައެވެ.

ޖެޓް އެއާވެސްއިން ބުނި ގޮތުގައި އެއީ އެ އެއާލައިންގެ ބޯޓެއްގައި ކުއްޖަކު އުފަންވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް