ބައިނަލްއަގުވާމީ ބްރޭންޑެއްގެ ސިނަމާއެއް ރާއްޖެއަށް ގެންނަނީ

ބްރިޖުގެ މަސައްކަތް ބެލުމަށް ރާޅުގަނޑުގައި ތަރައްގީކުރި ޕްލެޓްފޯމާއި އެސަރަހައްދު -- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ، ބައިނަލްއަގުވާމީ ބްރޭންޑެއްގެ ސިނަމާ ފްރެންޗައިޒެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރަމުން ދަނީ، ނިއުޕޯޓް ރެސްޓޯރަންޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުންނެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޗިޕް ބްރިޖުގެ މަސައްކަތް ކުރިޔަށްދާ މަންޒަރު ބެލޭނެހެން، މާލޭ އިރުމަތިން ލޮނުޒިޔާރަތްކޮޅުގައި އޮތް ހުސް ބިމެއްގައި ޕްލެޓްފޯމަކާއި، ކުޑަކުދިން ކުޅޭ ސަރަހައްދެއް ހަދައި ހިންގަމުން އަންނަ ސްޓްރާޑާއިން އެސަރަހައްދުގައި އިތުރު ކަންތައްތަކެއްވެސް ވަނީ ކުރުމަށް ރާވައިފައެވެ. ބައިނަލްއަގުވާމީ ސިނަމާއަކީ އޭގެ ތެރެއިން އެންމެ ޚާއްސަ އެއް ކަންތަކެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޒާހިދު ރަމީޒް ވިދާޅުވީ، އެކުންފުނިން މަސައްކަތް ކުރަމުން ދަނީ ނަން މަޝްހޫރު، ބައިނަލްއަގުވާމީ ސިނަމާ ފްރެންޗައިޒަކާ މަޝްވަރާކޮށްގެން، އެ ފްރެންޗައިޒްގެ ސިނަމާއެއް ރާއްޖެ ގެނައުމަށް ކަމަށެވެ.

އެގޮތުން، ނަން މަޝްހޫރު ސެލެބްރިޓީންނާއި ރެޑް ކާޕެޓް އިވެންޓްތަކަކާ އެކު، އެންމެ ފަހުގެ ފިލްމުތައް ޕްރިމިއާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެފަރާތާ މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިވަގުތަށް އެ ސިނަމާ ބްރޭންޑު އޮތީ ސިއްރުކޮށްފައެވެ.

ބްރިޖު ބަލާ ޕްލެޓްފޯމެއް އެޅުމަށް ސަރުކާރުން ސްޓްރާޑާއަށް ރާޅުގަނޑު ސަރަހައްދުގައި އޮތް ބިން ދިނީ މިދިޔަ އަހަރުގެ ތެރޭގައި، ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް އެކުންފުނިން ބުނާ ގޮތުގައި، ސަރުކާރުން ވަނީ އެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކޮށްދީ، ޖުމްލަ އަށް އަހަރަށް އެސަރަހައްދު އެކުންފުންޏަށް ދީފައެވެ. އެއީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ.

އެސަރަހައްދުގައި ޕްލެޓްފޯމާއި ދުރުމީގެ އިތުރުން، ކުޑަކުދިން ކުޅޭ ސަރަހައްދެއް މިހާރު ގާއިމުކޮށްފައިވާ އިރު، ބައިނަލްއަގުވާމީ ޓީހައުސް ފްރެންޗައިޒް "ޗާޓައިމް"ގެ ސްޓޭންޑެއް އެތަނުގައި މިހަފްތާ ތެރޭގައި ހުޅުވިގެން ދާނެއެވެ. އަދި ސްޓްރާޑާގެ މައި ވިޔަފާރި ކަމުގައިވާ ނިއުޕޯޓް ރެސްޓޯރަންޓްގެ ބޮޑު އައުޓްލެޓް "ނިއުޕޯޓް ވިއު" ވެސް ތަފާތު ކަންތައްތަކަކާ އެކު އަންނަ މަހުގެ ތެރޭގައި ހުޅުވޭނެއެވެ. މީގެ އިތުރުން އެސަރަހައްދުގައި ޕާކިންގް އޭރިއާއަކާއި ފުޓްސަލް ދަނޑެއްވެސް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެސަރަހައްދަށް ގެންނަ އާ ސިނަމާ ކޮމްޕްލެކްސް ހަދާނީ އިންޑޯރ ގޭމިންގް ސްޓޭޝަނަކާ ވެސް އެކުގައި ކަމަށް ޒާހިދު ވިދާޅުވިއެވެ.

"އިންޑޯ ގޭމިންގް ސްޓޭޝަނެއްވެސް ހުންނާނެ. މީގެ އިތުރުން ސިނަމާ ހުޅުވުނީމަ ބޮޑު ސްކްރީނުގައި އެކްސް ބޮކްސް ގޭމިންގް މުބާރާތްތައް ވެސް ބޭއްވިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަދުވެގެން ތިން ސްކްރީނާއި، ބޯލިންގް އެލީއެއްގެ އިތުރުން ގޭމިންގް ސެންޓަރުތަކާ އެކު، މާލޭގައި ހުޅުވާ ސިނަމާއަށް ވުރެ ބޮޑު ސިނަމާއެއް ހުޅުމާލޭގައި ވެސް ހުޅުވުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ. އަދި އައްޑޫ ސިޓީގައިވެސް މިފަދަ ތަނެއް ހުޅުވަން މަސައްކަތް ކުރާނެކަމަށް ޒާހިދު ވިދާޅުވިއެވެ.

މިވަގުތު މާލޭގައި ހުންނަނީ އޮލިމްޕަސް ސިނަމާގެ އިތުރުން ޝްވެކް ސިނަމާ އެކަންޏެވެ.

comment ކޮމެންޓް