އެމެރިކާ އިން ހަމަލާދީ ސީރިއާގެ އަސްކަރިއްޔާގެ ބޯޓެއް ވައްޓާލައިފި

އެމެރިކާގެ ހަނގުރާމަތީ ޖެޓަކުން ވަނީ ސީރިއާ އަސްކަރިއްޔާގެ ބޯޓެއް ވައްޓާލާފައި -- ފޮޓޯ: ގެޓީ

ރައްގާ (ޖޫން 19): އެމެރިކާގެ ހަނގުރާމަތީ ޖެޓަކުން ހަމަލާއެއްދީ ސީރިއާ އަސްކަރިއްޔާގެ ބޯޓެއް ވައްޓާލައިފި ކަމަށް ދެ ގައުމުން ބުނެފި އެވެ.

ސީރިއާގައި ހަރަކާތްތެރިވާ އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުން ބުނި ގޮތުގައި ސީރިއާގެ ބޯޓު ވައްޓާލަން ޖެހުނީ ރައްގާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް އެބޯޓުން ބޮމުގެ ހަމަލާ ދިނުމުންނެވެ. ނަމަވެސް ސީރިއާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެބޯޓުން ހަމަލާ ދެމުންދިޔައީ އައިއެސްގެ ހަނގުރާމަވެރިންނަށެވެ.

އެހާދިސާ ހިނގާފައި ވަނީ އެމެރިކާ އިން ވާގިވެރިވާ ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް) އިން ހިފާފައިވާ ޖައާދިންގަ އެވެ. އެސްޑީއެފުން ދަނީ އައިއެސްގެ "ޚިލާފަތުގެ" ވެރިރަށް ކަމަށް ބުނާ ރައްގާ ވަށާލުމަށް މަސައްކަތް ކުރަމުންނެވެ.

އަދި އެމެރިކާ އިން ސީރިއާގެ ބޯޓު ވައްޓާލުމުގެ ދެ ގަޑިއިރު ކުރިން އެގައުމުން ވަނީ ސީރިއާ ސަރުކާރަށް ވާގިވެރިވާ ފައުޖުތަކުން އެސްޑީއެފްގެ ހަނގުރާމަވެރިންނަށް ހަމަލާދީ، ގިނަ ބަޔަކު ޒަހަމްކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެމެރިކާ އިން ވަނީ އެގައުމުން އެބޯޓު ވައްޓާލާފައި ވަނީ އަމިއްލަ ރައްކަލަށް ޓަކައި އެއްވެސް ފަސްޖެހުމަކާ ނުލައި ކަމަށާއި ނަމަވެސް އެއީ ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ނޫން ކަމަށް ބުނެފަ އެވެ.

މިމަހުގެ ކުރީކޮޅު ވެސް ސީރިއާ ސަރުކާރުގެ ޑްރޯންއަކުން ކޯލިޝަންގެ ފައުޖުތަކަށް ހަމަލާ ދިނުމާ ގުޅިގެން އެމެރިކާ އިން ވަނީ އެޑްރޯން ވައްޓާލާފަ އެވެ. (ބީބީސީ)

comment ކޮމެންޓް