މަސްތުވެގެން ތިބި ކަމަށް ބެލެވޭ ދެ ފުލުހަކު ގެސްޓް ހައުސްއަކުން ހައްޔަރުކޮށްފި

ފުލުހުން: ހައްޔަރު ކުރީ އަންހެން ފުލުހަކާއި ފިރިހެން ފުލުހެއް، ދެ މީހުންގެ ބަންދަށް ވެސް ފަސް ދުވަސް ވަނީ ޖަހާފައި-- ސަން ފޮޓޯ

ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ފުލުހަކު، ހުޅުމާލޭ ގެސްޓު ހައުސްއެއްގައި ބަނގުރާ ބޮއެ، މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވިގެން ހައްޔަރުކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭ ގެސްޓު ހައުސްއެއްގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އަންހެން ފުލުހަކާއި ފިރިހެން ފުލުހެކެވެ. އެ ދެ މީހުންނަކީ ގަލޮލު ޕޮލިސްޓޭޝަންގައި އެއް ޝިފްޓެއްގައި މަސައްކަތް ކުރާ ދެ ފުލުހެކެވެ.

އެ ދެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވިގެން، ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:30 އެހާކަންހާއިރު އެވެ.

ތުހުމަތު ކުރެވޭ ގޮތުގައި އެ ދެ ފުލުހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުންނެވެ. އަދި އެ ދެ މީހުންގެ ތެރެއިން އަންހެން ފުލުސް މީހާއަކީ ފުލުހުންގެ ޓްރެއިނިން ވެސް މުޅިން ނުނިމި ހުރި ފުލުހެކެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެ ދެ މީހުން ފަސް ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅޭ މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

comment ކޮމެންޓް