އިއްސެ މަރުގެ ހާއްސަ ކަވަރޭޖް: އިއްސެ އާއި ޝުމޮންމިއާ އާ ދެމެދު ފައިސާގެ ކަންތައްގަނޑެއް!

ހއ.އިހަވަންދޫން: އަހުމަދު ސާއިލް އަލީ

"އެ ބަންގާޅި [ޝިމާންމިއާ] ފިލި ދުވަހު [މިދިޔަ ބުދަދުވަހު] އިސްމާއިލް [މަރާލާފައި އޮއްވައި ފެނުނު، މިފްކޯ މެކޭނިކް] ބުނި އަހަރެން ކައިރި އެބަންގާޅި މީހާގެ ނެޓްވޯކް ވަރަށް ބޮޑޭ މި ރަށު ހުރިހާ ބިދޭސީން ފައިސާ ރަށަށް ފޮނުވަން ދޭނީ އޭނަ އަތަށޭ،"ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު (އިއްސެ)އާ ގާތް ގުޅުމެއް އޮންނަ އިހަވަންދޫ މީހަކު ބުންޏެވެ.

ރަހުމު ކުޑަ ލާއިންސާނީ ހަމަލާތަކެއްގައި އިއްސެ މަރާލީ ކީއްވެ ހައްޔެވެ؟ އިއްސެގެ ގާތިލު ކަމަށް ބުނާ ބިދޭސީމީހާ ޝުމޮން މިއާ، 27، ދެމެދު ޖެހުނީ ކޮން މައްސަލައެއް ހެއްޔެވެ. މިއީ މި ރަށު މީހުން ވެސް ކުރާ ސުވާލެވެ. އައިސް ޕްލާންޓް ހިންގާ ފެކްޓްރީ ތެރޭ ހުންނަ އެއް ކޮޓަރިއެއް ތެރޭ އެކީގައި ނިދާ އުޅޭ އެ ދެ މީހުން މައްސަލައެއް ޖެހިގެން އުޅޭ ކަން އިނގޭ މީހަކާ މިރަށުން ދިމަލެއް ނުވެ އެވެ. އިއްސެގެ ގާތް އެކުވެރިންނާއި އޭނާއާ އެކު މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އެކަހަލަ އިޝާރާތެއް ދީފައެއް ނެތެވެ.

އިހަވަންދޫ ބަދަރުސަރަހައްދުގައި ތިބި ބަޔަކާ ސަންގެ ނޫސްވެރިޔެއް ވާހަކަ ދައްކަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ހަމަ އެއްގޮތަކަށް ވެސް ނޭނގެ، ވަރަށް އެކީގައި އުޅޭނީ، ބަންގާޅި މީހާ ކައްކާ އެއްޗެހިން ރޯދަ ވިއްލަނީ ވެސް ދެ މީހުން، ވަރަށް ގާތްކޮށް އުޅޭނީ، އެއްވެސް މައްސަލައެއް ޖެހިގެން އެކަކު ވެސް ޝަކުވާއެއް ނުކުރޭ،" އެ މީހުންނާ އެކު މިފްކޯގައި މަސައްކަތް ކުރާ ފަރާތަކުން ވިދާޅުވި އެވެ.

އިއްސެގެ އެކުވެރިއެއް ކަމަށްވާ އާދަމް ނަސީރު (އާދަމްބެ) ކިޔައިދިން ގޮތުގައި މި ރަށު ބިދޭސީން، ބަންގުލަދޭޝްއަށް ފޮނުވާ ފައިސާ ހަވާލު ކުރަނީ ޝުމޮންމިއާއާ އެވެ. އޭނާ އެ ފައިސާ އިއްސެގެ އެކައުންޓް މެދުވެރިކޮށް ބަންގުލަދޭޝްއަށް ފޮނުވި އެވެ. ނަމަވެސް އެކަން ފަހުން ހުއްޓާލި އެވެ.

"އިސްމާއިލް އެކަންކޮށްދިން. ވާ ގޮތަކީ އެ މީހުން އެކައުންޓުން ފައިސާ ޖަމާކޮށްފިއްޔާ ބޮޑު ފީ (ރެމިޓެންސް ޓެކްސް) ނަގާނު ސަރުކާރުން. އެހެންވެ އިއްސެ އެކަންކޮށް ދޭ، މި ބުނާ ސޮރު (ޝުމޮންމިއާ) ގެއަށް ފޮނުވަނީ، އެކަން ހުއްޓާލައިފި މައްސަލައެއް ޖައިގެން،" އާދަމްބެ ބުންޏެވެ.

އާދަމްބެއަށް ވެސް އެ މީހުން އޭރު ވެސް ޖެހުނު މައްސަލައެއް ނޭނގެ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އިއްސެ އާއި އާދަމްބެ އާއި ދިމާވުމުން ވެސް އެއްވެސް މައްސަލައެއް ނުވަތަ ކަންބޮޑުވުމެއް އުޅޭކަން ހިއްސާ ނުކުރާ ކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން މި ރަށުގައި ދިރިއުޅޭ ބިދޭސީންތަކަކާ ސަންއިން ސުވާލު ކުރުމުން އޭގެ ތެރެއިން މުހައްމަދު ޖޯޝަން ބުނީ ކުރިން ޝުމޮންމިއާ މެދުވެރިކޮށް އެ މީހުން ފައިސާ ފޮނުވި ކަމަށާއި ނަމަވެސް ފަހުން ޝުމޮންމިއާ އެކަން ނުކުރާ ކަމަށެވެ. އެކަން އޭނާ ހުއްޓާލިތާ ހަތަރު ވަރަކަށް މަސްވެފައިވާ ކަމަށް އެ މީހުން ބުންޏެވެ.

އިއްސެ ވެސް ގިނަ އަދަދަކަށް ފައިސާ ގެންގުޅޭ

މި ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ބިދޭސީ މީހާ ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ ކަމަށެވެ.

އިއްސެ އަކީ މިފްކޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މުވައްޒަފަކަށްވުމާއި މީހަކާ ނީނދެ އުޅޭ މީހަކަށް ވުމުން އޭނާ ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ ކަމަށްވެ އެވެ. އަދި އިއްސެއަކީ ބޭންކަށް ފައިސާ ޖަމާކުރުމުގެ ބަދަލުގައި މުސާރަ ވެސް ނަގުދު ފައިސާގެ ގޮތުގައި ނަގާ އުޅޭ މީހަކަށްވުމުން އޭނާ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުންނަ ކަމަށް އޭނާ ދަންނަ މީހުން ބުނެ އެވެ.

އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕުލާންޓު: ރަހުމް ކުޑަ ގޮތަކަށް އިއްސެ މަރާލާފައި އޮތީ އެތާގައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްސެ މަރާ އެކު އޭނާގެ ވޮލެޓާއި ފޯން ވަނީ ގެއްލިފަ އެވެ.

ކޮންމެ އަކަސް މި ރަށުން ލިބުނު މައުލޫމާތަށް ބަލާއިރު އެ ދެމީހުންގެ ދެމެދުގައި ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ޔަގީނެވެ. ނަމަވެސް އެ ދެ މީހުންނަކީ ވެސް އެހާ މީހުންނާ ވާހަކަ ދައްކާ އުޅޭ މީހުންނަށް ނުވުމުން އެ ވިޔަފާރީގެ ތަފްސީލް އިއްސެގެ އެންމެ އެކުވެރިންނަށް ވެސް ނޭނގެ އެވެ.

ދުރާލައި ރޭވިގެން، އިއްސެގެ މަރުގެ ކުރިން ރަށުން ފިލައިގެން ދިޔަ ކަމަށް ދައްކަން ޝުމޮންމިއާ މި ޖަރީމާ ހިންގާފައިވާ އަސްލު ސަބަބަށް އަދިވެސް ސާފެއް ނުވެ އެވެ. އެހާ ފުނަށް އަދި ފީނައި ގަނެވޭ ގޮތެއް ނުވެ އެވެ. ކަށަވަރުވާ ކަމަކީ ފައިސާގެ ކުޅިގަނޑެއް ދެ މީހުންގެ ދެމެދުގައި އޮތް ކަމެވެ. ރަށުގެ މީހުންގެ ވާހަކަތަކުން އެކަން ސާފެވެ. ސުވާލަކީ މި މަރުގެ އަސްލަކީ ހަމައެކަނި ފައިސާތޯ އެވެ.

comment ކޮމެންޓް