މެދުއިރުމަތީގައި އާ ދައުލަތެއް އުފަންވަނީ!

ކުރުދިސްތާނުގެ ދިދަ

ފުރަތަމަ ބޮޑު ހަނގުރާމައިގައި އުސްމާނީ ޚިލާފަތް އުވިދިޔުމަށް ފަހު ތަފާތު އެތައް ގައުމެން ވަނީ ވުޖޫދަށް އައިސްފަ އެވެ. ސީރިޔާ، ޖޯޑަން، އިރާގަކީ މިގޮތުން އުފެދުނު ގައުމުތަކެވެ. މިގޮތަށް އިސްލާމީ ދައުލަތް ބައިބައިވެގެން ދިޔައިރު، ބައިގިނަ ސުންނީ ކުރުދީންނަކީ އެއްވެސް ކޮޅެއްގައި ލައްވާލި ބައެއް ނޫނެވެ.

ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ކުރުދީން އުޅެމުންމުން އައި ސަރަހައްދުތައް ވަނީ ހަތަރު ގައުމެއްގެ ދަށަށް ގޮސް ބައިބައިވެފަ އެވެ. އެއީ ސީރިޔާ، އިރާން، އިރާގު އަދި ތުރުކީ އެވެ. އެހެން ނަމަވެސް ކުރުދީން ވަނީ މިނިވަން ދައުލަތެއް އުފެއްދުމަށް ޓަކައި ތަފާތު ހަނގުރާމަތަކެއް ކޮށްފައެވެ. މިގޮތުން އިރާގު އަދި ތުރުކީގައި ވަނީ ކުރުދީން ވަކި ދައުލަތެއް އުފެއްދުމަށް ވަރަށް ގިނަ ހަނގުރާމަތަކެއްކޮށްފަ އެވެ. އަދި ސީރިޔާގައި ކުރުދީން މިހާރު ވެސް ދަނީ ވަކި ވެރިކަމެއް ކުރަމުންނެވެ. ނަމެވެސް މި ދެންނަވި ގިނަ ހަރަކާތްތަކުން އިރާގު ފިޔަވައި މާބޮޑު ކުރިއެރުމެއް ލިބިފައެއެއް ނެތެވެ.

ނަވާރަސަތޭކަ ނުވަދިހަ އެއްވަނަ އަހަރު އިރާގު ހަނގުރާމައަށް ފަހު ކުރުދީން ދަނީ އިރާގުގެ އުތުރުގައި ވަކިން ފެޑެރަލް ދައުލަތެއްގެ ގޮތުގައި ވަކި ސަރުކާރެއް ހިންގަމުންނެވެ. އަދި 2011 ވަނަ އަހަރުންސުރެ ކުރުދީން ވަނީ އިރާގުގެ ދަށުން މިނިވަންކަން އިޢުލާނުކުރުމަށް އަތުކުރި އޮޅާލައިފައެވެ. ނަމަވެސް އިސްލާމިކް ސްޓޭޓް ނުވަތަ އައިސިސްގެ ހަނގުރާމަ ފެށުނުފަހުން މިކަމަށް ވަނީ ހިޔަނި އެޅިފައެވެ. ނަމަވެސް މިހާރު އައިސިސްގެ ހަރަކާތްތައް ވަރަށް ބޮޑަށް ބަލިވެފައިވާތީވެ މިނިވަންކަމުގެ ޝުއޫރުތައް އިރާގީ ކުރުދިސްތާނުގައި އަނެއްކާ ވެސް ވަނީ އުތުރި އަރާފައެވެ.

އިރާގު ހަނގުރާމައިގައި ސައްދާމް ކުރުދީންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން ކުރުދީންގެ އާންމުންގެ މީހަކު އޭނާގެ ދަރިފުޅާއެކު މަރުވެފައި

އިރާގީ ކުރުދިސްތާނުގެ ރައީސް މަސްއޫދު ބަރުޒާނީ ވަނީ މިނިވަންކަން އިޢުލާން ކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ތާރީހު މި މަހުގެ ހަތް ވަނަ ދުވަހު އިއުލާން ކޮށްފައެވެ. އެ ރެފެރަންޑަމް ތާވަލް ކުރެވިފައި ވާނީ މިއަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށެވެ.

ކުރުދީން ފެންނަ ނުފެންނަ ވޯޓެއް ނަގަން އިޢުލާން ކުމުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހަދާފައި ވަނީ އަވަށްޓެރި ތުރުކީންނެވެ. ތުރުކީއަކީ މިހާރު ވެސް ކުރުދީ ހަނގުރާމަ ވެރިންގެ ނުރައްކާ އަބަދުވެސް ދިމާވާ ގައުމަކަށް ވާތީވެ އަވަށްޓެރި އިރާގުގައި ކުރުދީން ވަކި ދައުލަތެއް ޢިއުލާންކޮށްފިނަމަ ބައިމަދު ކުރުދީން ތުރުކީގައި ވަކި ދައުލަތެއް އުފެއްދުމަށް އިތުރު ހިތްވަރަކަށް ވެގެން ދާނެއެވެ. ހަމައެފަދައިން އީރާނުގެ ބައިމަދު ކުރުދީން ވެސް މިފަދަ ހަރަކާތްތައް އިރާނުގައި ވެސް އިތުރުވާނެތީވެ އެގައުމުން ވެސް މިކަމާ ދެކޮޅެވެ.

ހުޅަނގުގެ ގައުމުތަކުން ވެސް މިކަމަށް ދީފައި ވަނީ ފިނި ތަރުހީބެކެވެ. އެމެރިކާ، ޖަރުމަންވިލާތް އަދި އިނގިރޭސިން ވަނީ އިރާގަކީ އެއް ގައުމެއްގެ ގޮޮތުގައި ބަލައިގަތުމަށާއި އެ ގައުމާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. ކުރުދީންނަށް މިނިވަން ދައުލަތެއް އޮތުމަށް ތާއިދު ކުރަނީ އިސްރާއިލާއި ސައުދި އަރަބިއްޔާއިން އެކަންޏެވެ.

ކުރުދީންގެ އާބާދީ މެދުއިރުމަތީގައި ބެހިފައިވާގޮތް

ބެލެވޭ ގޮތުގައި ކުރުދީންގެ ގިނަބަޔަކު އެ ރިފެރެންޑަމުގައި ބޮޑު އަޣުލަބިއްޔަކުން، މިނިވަން ދައުލަތެއް އޮތުމަށް އާނބަސް ބުނާނެ އެވެ. ނަމަވެސް އެ ރެފެރަންޑަމަށްފަހު ވަގުތުން މިނިވަންކަން އިޢުލާންކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ވަގުތާއި އަދި ވަރަށް ބޮޑެތި މަރުހަލާތަކެއް ވެސް ކަޑައްތު ކުރަންޖެހޭނެ އެވެ. އެކަމަށް ބޮޑު ގޮންޖެހުމެއް އެބައޮތެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުރުދިސްތާނަކީ ބެދިފައިވާ ގައުމަކަށްވުމެވެ.

ކުރުދީންގެ ވަށައިގެންވަނީ ސިރިޔާ، އިރާން އަދި އިރާގުގެ ބޯޑަރުތަކެވެ. އެހެންކަމުން އެ ގައުމުތަކުގެ ރުހުމާނުލައި މިނިވަންކަން އިޢުލާންކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެން ކަމުން އެ ރެފެރަންޑަމަކީ ހަމައެކަނި ނަމަކަށް އަދި އިރާގުގެ ކިބައިން މިނިވަންވުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެއްކަމާމެދު ސުވާލު އުފެދެއެވެ.

comment ކޮމެންޓް