ޗެލްސީން މޮރާޓާއަށް 70 މިލިއަން ޕައުންޑް، އަދި ރޮނާލްޑޯއަށް ވެސް ޓާގެޓްކޮށްފި

އަލްވާރޯ މޮރާޓާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ: މި ދެކުޅުންތެރީންނަކީ ވެސް ޗެލްސީގެ ޓްރާންސްފަރ ލިސްޓުގައި ހިމެނޭ ދެ ކުޅުންތެރީން -- ފޮޓޯ: ގެޓީ

މިފަހަރުގެ ޓްރާންސްފަރގައި މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުންދާ ރެއާލް މެޑްރިޑްގެ ތަރި އަލްވާރޯ މޮރާޓާ ހޯދުމަށް ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް 70 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

ކުރިއަށް އޮތް ސީޒަނަށް ހޯޒޭ މޮރީނިއޯގެ ޔުނައިޓެޑް ސްކޮޑް ވަރުގަދަކުރުމަށް، ޒްލަޓަން އިބްރަހިމޮވިޗްގެ ބަދަލުގައި ގެންނަން އެންމެ ގަދައަށް ހިފަމުންދާ އުމުރުން 24 އަހަރުގެ މޮރާޓާގެ ޓްރާންސްފަރ ފީއަކަށް ޔުނައިޓެޑުން ހުށަހެޅި 53 މިލިއަން ޕައުންޑުގެ ފީއަށް ރެއާލުން ވަނީ ނޫނެކޭ ބުނެފައެވެ.

ސްޕެނިޝް ފޯވާޑް މޮރާޓާ އަލުން ރެއާލަށް ސޮއިކުރުވުމަށް އެ ކްލަބުން މިދިޔަ ސީޒަންގެ ހޫނު މޫސުމުގައި ހޭދަކުރީ 25 މިލިއަން ޕައުންޑެވެ. އެހެން ނަމަވެސް އެ ކްލަބުން އުންމީދުކުރަނީ އޭނާ އެހެން ދިމާއަކަށް ދާނަމަ އޭގެ ތިން ގުނަ އިތުރު އަދަދެއް ހޯދުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިރާ ނޫހުން ރިޕޯޓުކޮށްފައި ވާގޮތުން، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ ލިސްޓުގައި ޑިއެގޯ ކޮސްޓާ ނުހިމެނޭކަމަށް ބުނުމާއެކު އޭނާ ސްޓެމްފޯޑް ބްރިޖް ދޫކޮށްލަން ނިންމާފައި ވާތީ، ކޮސްޓާގެ ބަދަލުގައި މޮރާޓާ ގެނައުމަށް އެ ކްލަބުން ވަނީ އަތުކުރި އޮޅާލައިފައެވެ. އެގޮތުން އަބްރަމޮވިޗް ވަނީ މޮރާޓާ ގެނައުމަށް 70 މިލިއަން ޕައުންޑުގެ އަގެއް ރެއާލަށް ހުށަހެޅުމަށް ހުއްދަދީފައެވެ.

މޮރާޓާއަށް 70 މިލިއަން ޕައުންޑުގެ ފީއެއް ހުށަހަޅަން ޗެލްސީން ތައްޔާރުވަމުން ދާއިރު، ރެއާލްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމަށް ވެސް އަބްރަމޮވިޗް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ސްޕެއިންގެ ޓެކްސް އޮތޯރިޓީން ރޮނާލްޑޯގެ މައްޗަށް ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުކޮށްފައި ވާތީ، އެކަމާ ގުޅިގެން ރެއާލް އަދި ސްޕެއިން ވެސް ދޫކޮށްދިއުމަށް ރޮނާލްޑޯ ނިންމާފައިވާއިރު، އޭނާ ސްޓެންފޯޑް ބްރިޖަށް ގެނައުމަށް ދުނިޔޭގެ ރެކޯޑް ފީއެއް ހުށަހެޅުމަކީ އަބްރަމޮވިޗަށް މާކަބޮޑުކަމެއް ނޫނެވެ.

comment ކޮމެންޓް