ޕޯޗުގަލްގެ ޖަންގައްޔެއްގައި ރޯވެ 57 މީހަކު މަރުވެއްޖެ

ޕޯޗުގަލްގެ ޖަންގައްޔެއްގައި އަލިފާން ރޯވެފައި -- ފޮޓޯ: ރޮއިޓާސް

ކޮއިމްބްރާ (ޖޫން 18): ޕޯޗުގަލްގެ ޖަންގައްޔެއްގައި ރޯވެ، 57 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ޕޯޗުގަލްގެ އިންޓާނަލް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯގް ގޯމްސް ވިދާޅުވި ގޮތުގައި ގިނަ މީހުން މަރުވީ އަލިފާން ރޯވެފައިވާ ޕެޑްރޮގާއޯ ގްރާންޑް އަވަށް ދޫކޮށް ދާން މަސައްކަތް ކުރަނިކޮށް އަލިފާނުގެ ސަބަބުން މަގު ބަންދުވެ، ކާރުގައި ތާށިވެގެންނެވެ.

އެގޮތުން މަރުވެފައި ތިބި 30 މީހަކު އެމީހުންގެ ކާރު ތެރެއިން ފެނުނު ކަމަށާއި އިތުރު 59 މީހަކަށް އަނިޔާވެފައިވާ ކަމަށް ގޯމްސް ވިދާޅުވި އެވެ.

ޕޯޗުގަލްގެ މީޑިއާތަކުން ބުނާ ގޮތުގައި އަލިފާން ނިއްވުމުގައި 600 ފަޔާފައިޓަރުން ހަރަކާތްތެރިވި ނަމަވެސް އަލިފާންގަނޑު އަދި ކޮންޓްރޯލް ނުކުރެވެ އެވެ. މީގެ އިތުރުން ހަ ފަޔާފައިޓަރަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ދެ ފަޔާފައިޓަރުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

ހޫނު މޫސުމާ ދިމާކޮށް ޕޯޗުގަލްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ސްޕެއިން އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް