މޮރިޝަސް ބެޑްމިންޓަން ސީރީސް: ސެމީގެ ތިން އިވެންޓުންވެސް ރާއްޖެ ބަލިވެއްޖެ

މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ވާދަކުރި ރާއްޖެގެ ބައެއް ކުޅުންތެރިން--ފޮޓޯ / ބެޑްމިންޓަން އެސޯސިއޭޝަން

މޮރިޝަސް ބެޑްމިންޓަން ސީރީސްގެ ސެމީ ފައިނަލުގެ ތިން އިވެންޓުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

މޮރިޝަސްގައި ކުރިއަށްދާ އެ މުބާރާތުގެ ސެމީގައި ރާއްޖެއިން ވާދަކޮށްފައިވަނީ ވިމެންސް ޑަބަލްސް އަދި މިކްސް ޑަބަލްސްގައެވެ. އެގޮތުން ވިމެން ޑަބަލްސްގައި ރާއްޖޭގެ ދެ ޕެއާ ވަނީ ވާދަކޮށްފައެވެ.

ވިމެންސް ޑަބަލްސްގައި ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ވާދަކުރިއިރު އެ ދެ ކުޅުންތެރިން ބަލިވީ ޖަރުމަނުގެ ދެ ކުޅުންތެރިންގެ އަތުން 21-10، 21-09 އިންނެވެ.

ހަމަ އެ ބައިގައި ރާއްޖޭގެ އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިއާ މައިސާ ފަތުހުﷲ އާއި ނަފްހާ ނަސްރުﷲ ބަލިވީ އަވަށްޓެރި އިންޑިއާގެ ދެ ކުޅުންތެރިން އަތުންނެވެ. މެޗުގެ ސެޓުތައް ރާއްޖެއަށް ގެއްލުނީ 21-1، 21-5 އިންނެވެ.

މިކްސް ޑަބަލްސްއަށް ބަލާއިރު ރާއްޖޭގެ އުންމީދީ ކުޅުންތެރިއާ ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ ބަލިވީ މެލޭޝިއާގެ ދެ ކުޅުންތެރިން އަތުން 21-6، 21-4 އިންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، 2019 ވަނަ އަހަރު ރާއްޖެއަށް ރަން މެޑެއްޔެއް ހޯދުމަށް ވަރަށް ކުރިން ސުރެ ގައުމީ ބެޑްމިންޓަން ޓީމް ތައްޔާރުވަމުން އަންނަ އިރު ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އެންމެ ބޮޑު ހިތް ހަމަޖެހުމަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ސެމީއަށް ދަތުރު ކުރެވުން ކަމަށެވެ. އަދި އެއީ ކުރިމަގަށް އޮތް ހެޔޮފާލެއްކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް