ނައިފަރާއި ވޭމަންޑޫގެ ނަރުދަމާ ގާއިމުކުރަން 148 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

ނައިފަރާއި ވޭމަންޑޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް އެއްބެސްވުމުގައި ސޮއިކުރުމަށް ފަހު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޅ. ނައިފަރުގެ ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް 148.9 މިލިއަން ރުފިޔާއަށް އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ ހިޔާ އެކްސްޕޯޓްސް އާއި ޓްރެވަނީއާ މިއަދު ހަވާލުކޮށްފި އެވެ.

އެންވައިރްމެންޓް މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ ނައިފަރާއި ވޭމަންޑޫގެ ނަރުދަމާ ގާއިމް ކުރުމަށް ހަރަދު ކުރަނީ އައިޑީބީގެ ލޯނަކުން ކަމަށާއި ނައިފަރުގެ ފެނުގެ ނިޒާމަށް ފަންޑް ކުރަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަދުން ފެށިގެން ދެ ރަށުގައި ވެސް ކޮންޓްރެކްޓަރުން މަސަތްކަތް ފަށުމަށް ތައްޔާރީތައް ވަމުންދާނެ ކަމަށާއި ލަސްތަކެއް ނުވެ އަމަލީ މަސަތްކަތްތައް ވެސް ފެށިގެން ދާނެ ކަމަށެވެ. އަދި ތިން ޕްރޮޖެކްޓް ނިންމާލުމަށް އެއްބަސްވެފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

ނައިފަރަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭން ރަށެއްކަން ފާހަގަކުރައްވައި މިނިސްޓަރު ޠާރިޤު ވިދާޅުވީ ވޭތުވެ ދިޔަ ސަރުކާރުތަކުން އެ ރަށުގައި ރައްކާތެރިކަމާ އެކު ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްދެއް ވުމުގައި އިހްމާލްވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަސަތްކަތް މިކުރީ މިހެން ހުރި ބޮޑެތި އާބާދީތަކުގައި މުހިންމު އަސާސީ ދެ ހިދުމަތް ކަމަށްވާ ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމްގެ މަސަތްކަތް ކުރުމަށް މަސަތްކަތްތަކެއް ފައްޓަވައިގެން ކުރިއަށް މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް