ސައޫދީއާއި ޔޫއޭއީން ގަތަރަށް ހުށަހަޅާ ޝަކުވާގެ ލިސްޓުގައި ހިމެނޭ ބައެއް ކަންތައްތައް

ގަތަރާއި ގަލްފުގެ ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް ސައޫދީ އަރަބިޔާ އާއި ޔޫއޭއީ ން ފުރަތަމަ ހުށަހެޅީ ޝަރުތުތަކެކެވެ.

މީގައި ހިމެނެނީ ގަތަރުގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ގެއްލި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގަތަރު ދާފަދަ ޝަރުތުތަކެއް ކަމަށް ބުނެ އެގައުމުން ވަނީ އެޝަރުތުތައް ގަބޫލުކުރުމަށް ދެކޮޅު ހަދާފަ އެވެ.

މައްސަލަ ހައްލުކުރުމަށް ސައޫދީ އަރަބިޔާ އާއި ޔޫއޭއީ ން އެންމެ ފުރަތަމަ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އީރާނާއި މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތާ އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ އެކު ބާއްވާ ގުޅުންތައް ގަތަރުން ކަނޑާލުމާއި ގަތަރުގެ އަލްޖަޒީރާ ޓީވީ ޗެނެލް ބަންދުކުރުމާއި ގަލްފުގެ ސަރަހައްދުގެ އެއްބައިވަންތަކަމަށް ބުރޫ އަރާނެކަމަށް ސައޫދީ އާއި ޔޫއޭއީން ދެކޭ އެއްވެސް ކަމެއް ގަތަރުން ނުކުރުމާއި އަލްޖަޒީރާ އިން ފޮނުވާފައިވާ ޕްރޮގްރާމްތަކަށް ގަތަރުން ރަސްމީ ސިފައެއްގައި މަޢާފަށް އެދުން ފަދަ ހަރުކަށި ޝަރުތުތަކެވެ.

މިޝަރުތުތައް ގަބޫލުކުރުމަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ހައިޘިއްޔަތުން ގަތަރުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާކަންކަމަށްވާތީ ގަތަރުން ވަނީ މިއިން އެއްވެސް ޝަރުތަކަށް އިޖާބަ ނުދިނުމަށް ނިންމާފަ އެވެ. އެއަށް ފަހު ސައޫދީން ވަނީ ގަތަރަށް ޝަރުތުތަކެއްގެ ބަދަލުގައި ޝަކުވާތަކެއް ހުށަހަޅަން ގަސްދުކުރާ ކަމަށް ބުނެފަ އެވެ.

މި ޝަކުވާތައް ގަތަރުން ގަބޫލުކޮށް މިޝަކުވާތައް ހައްލުކުރުމުން ނޫނީ ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާނުލާނެ ކަމަށް ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވަނީ ވިދާޅުވެފަ އެވެ. ސައޫދީއާއި ޔޫއޭއީ ގެ ޝަކުވާގެ ލިސްޓު މިއަދު ނެރޭނެ ކަމަށް ސައޫދީ މަސްއޫލުވެރިއަކު ވިދާޅުވެފައިވާ އިރު މިޝަކުވާގެ ލިސްޓުގެ ބޮޑުބައެއް މިހާރު ވަނީ މީޑީއާތަކަށް ލީކުވެފަ އެވެ. ސައޫދީއާއި ޔޫއޭއީގެ ޝަކުވާގެ ލިސްޓުގައި ވެސް ހިމެނެނީ ސައޫދީ އަރަބިޔާއާއި ޔޫއޭއީ ން ގަތަރަށް އެންމެ ފުރަތަމަ ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. ތަފާތަކީ ނަމުގެ ތަފާތެވެ. ކުރިން ޝަރުތެވެ. މިހާރު ޝަކުވާ އެވެ. މިޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ތިރީގައި މިވާކަންތައްތަކެވެ.

  1. އަލްޖަޒީރާ ޓީވީ ބަންދުކޮށް އެޓިވީން ގެނަސްދީފައިވާ ޕްރޮގްރާމްތަކަށް ގަތަރުން ރަސްމީ ސިފައެއްގައި ސައޫދީ އާއި ޔޫއޭއީ ގެ ކިބައިން މަޢާފަށް އެދުން.
  2. ގަތަރު ސަރުކާރުން ރަސްމީކޮށް ހިންގާ ޓީވީ ޗެނެލްތަކާއި ނޫސް މަޖައްލާތައް ފިޔަވައި ޕްރައިވެޓް އެއްވެސް މީޑިޔާއަކަށް ގަތަރުން ޖާގަ ނުދިނުމާއި ގަތަރުގައިވާ ޕްރައިވެޓް މީޑިޔާގެ ހުރިހާ އޮފީސްތަކެއް ބަންދުކުރުން.
  3. އަވަށްޓެރި އީރާނާ އެކު ބާއްވާ ހުރިހާ ގުޅުންތަކެއް ކަނޑާލައި އީރާނަކީ ދުޝްމަނެއްކަމަށް ގަތަރުން ނިންމުން.
  4. އީރާނަކީ ޓެރަރިސްޓް ގައުމެއްކަން ގަތަރުން އިޢްލާންކުރުމާއި އީރާނުގެ ނަން ޚަބަރުގައި ކިޔާއިރުވެސް ކުރިޔަށް ޓެރަރިސްޓް މިލަފްޒު އިތުރުކުރުން.
  5. މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތާ އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ އެކު ބާއްވާ ގުޅުންތައް ކަނޑާލުން.
  6. މިދެ ޖަމާއަތަށް ގަތަރުން ދޭ އެހީތައް ކަނޑާލުމާއި މިދެ ޖަމާއަތުގެ އެއްވެސް މެންބަރަކަށް ގަތަރުން ހިޔާވަހިކަން ނުދިނުން.
  7. ގަތަރުގައިވާ ހުރިހާ ބާވަތެއްގެ ރީސާޗް ސެންޓަރުތައް ބަންދުކުރުން.
  8. ގަލްފުގެ އެއްވެސް ގައުމެއްގެ ޝާހީ އާއިލާއާ އިދިކޮޅަށް ބަސްބުނާ ނުނީ ގަލްފުގެ ގައުމުތަކަށް ސިޔާސީ އިސްލާޙް ތައް ގެނައުމަށް ގޮވާލާ އެއްވެސް ފަރާތަކަށް ގަތަރުން އެހީތެރިނުވުމާއި ހިޔާވަހި ކަންވެސް ނުދިނުން. މިފަދަ ފަރާތްތަކާމެދު މިގޮތަށް އަމަލުކުރަންޖެހެނީ އެއީ ޓެރަރިސްޓުން ކަމަށްވާތީ ކަމަށްވެސް މިޝަކުވާގައިވެ އެވެ. މީގެ އިތުރުން ގަލްފުގެ ގައުމުތަކުގެ ހަމަޖެހުން ގެއްލޭ ފަދަ އެއްވެސް އަމަލެއް ގަތަރުން ނުހިންގުން.
  9. އެމެރިކާއާއި ހުޅަނގުގެ ގައުމުތައް ފިޔަވައި އެހެން އެއްވެސް ގައުމަކާއެކު ގަތަރުން އަސްކަރީ ގުޅުންތައް ގާއިމް ނުކުރުން.
  10. މިސްރާ ދެކޮޅަށް ގަތަރުން ހިންގާ މީޑިއާގެ ހަމަލާތައް ވަގުތުން ހުއްޓާލުން.

ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން ވަނީ ޝަކުވާގެ ގޮތުގައި ހުށަހެޅި ނަމަވެސް ކުރީގެ ޝަރުތުތައް ހިމެނޭ އެއްވެސް ޝަކުވާއެއް ގަތަރުން ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް