އިއްސެގެ މަރު: ބިދޭސީ މީހާގެ އަތުގައި ޒަޚަމްތަކެއް، އޭނާ ލައްވައި މަންޒަރު ކުޅުވައިފި

އިހަވަންދޫ އައިސް ޕްލާންޓު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހއ. އިހަވަންދޫ އިން: އަހުމަދު ސާއިލް އަލީ

ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސްޕްލާންޓް ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ޅ. ހިންނަވަރު، އިސްމާއީލް އުމަރު (އިއްސެ) 54،ގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބަނގުލަދޭޝްގެ ސުމަން މިއާ އަތުގައި ބޮޑެތި ޒަހަމްތަކެއް ހުރިކަން ސަން އަށް އެނގިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު އައިސްޕްލާންޓްތެރޭގައި އިއްސެ މަރާލާފައި އޮއްވައި ފެނުނުއިރު އޭނާގެ ކަރު ވަކިނުވެ އޮތީ ކިރިޔާ އެވެ. އަދި އިއްސެގެ ހަށިގަނޑުގެ އެތައް ތަނެއް، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެ ބިދޭސީ މީހާއަށް އިއްޔެ އިހަވަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ އިރު އޭނާގެ އަތުގައި ބޮޑެތި ޒަޚަމްތަކެއް ހުއްޓެވެ.

"އޭނާގެ އިނގިލިތަކުގައި ހުރި ބޮޑަށް ހަމަ ޅިޔައެޅިފައި. ދެން އަތުގެ މިތަން (ކުޑަ ހުޅާއި އުޅަނބޮށްޓާ ދޭތެރެ)ގައި ވެސް ހުރިވަޅިއެޅިފައި،" ސަން އަށް މައުލޫމާތު ދިން، އިތުބާރު ކުރެވޭ މަސްދަރަކުން ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން އިއްޔެ ވަނީ އެ ބިދޭސީ މީހާ އައިސް އުފައްދާ ފެކްޓަރީ ތެރެއަށް ވައްދައި އޭނާ އިއްސެއަށް ހަމަލާދިންގޮތް ކުޅުވާފަ އެވެ. އަދި ފުލުހުން ވަނީ އެ އައިސްޕްލާންޓް ތެރޭން އިއްޔެ ވަޅިއެއް ވެސް ހޯދައިފަ އެވެ.

އެމައްސަލަ ތަހުގީގުކުރަމުންދާތީ ފުލުހުން އެކަމުގެ ރަސްމީ ބަހެއް އަދި ނުދެ އެވެ.

ބިދޭސީ މީހާ ފިލިއިރު ހުރީ އަތުގައި ތުވާއްޔެއް އޮޅައިގެން

އެ ބިދޭސީ މީހާ ހައްޔަރުކުރީ ހދ. ކުޅުދުއްފުށީގައި ހުއްޓައެވެ. އެނގިފައިވާ ގޮތުގައި އޭނާ ކުޅުދުއްފުށްޓަށް ދިޔައީ އިހަވަންދުއަށް މީހަކު ބަލައި އައި ލޯންޗަކަށް އަރައިގެން ހޯރަފުއްޓަށް ގޮސް އެރަށު ލޯންޗެއްގަ އެވެ.

"އޭނާ އެރޭ ފަތިހު މިރަށުން ފުރި އިިރު އަތުގައި ތުވާއްޔެއް އައްސާފައި އޮތް،" މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

އެމައްސަލައިގައި ޖުމުލަ ފަސް ބިދޭސީއަކު މިވަގުތު ފުލުހުންގެ ބެލުމުގެދަށުގައި އެބަ ތިއްބެވެ.

comment ކޮމެންޓް