ފުވައްމުލަކު އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މެލެ ގެނެސްފި

ޏ. އަތޮޅު ހޮސްޕިޓަލް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުވައްމުލަކުގައި ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސިރިއަސް އަނިޔާތަކެއް ލިބިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހާ އިތުރު ފަރުވާއަށް ރޭ މާލެ ގެނެސްފިއެވެ.

ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އިތުރު ސައިކަލެއްގައި ޖެހި ހިނގި އެ އެކްސިޑެންޓަގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 59 އަހަރުގެ ފިރިހެނަކަށެވެ. އޭނާ ވަނީ އިއްޔެ ހެނދުނު ވެސް މާލެ ގެނައުމަށް މަސަތްކަތް ކޮށްފައެވެ.

ނަމަވެސް ފުވައްމުލަކުން ފްލައިޓް ނައްޓާލިފަހުން ހާލަ މާބޮޑަށް ގޯސްވުމުން ވަނީ އަލުން ފްލައިޓް ޖައްސައި ސީ އެމްބިއުލައިންސެއްގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް 'ސަން' އަށް ވިދާޅުވީ ރޭ ދަންވަރު ގެނައި އެ މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އެ ހޮސްޕިޓަލްގައި ނާރުގެ ހާއްސަ ޑޮކްޓަރެއް ނެތުމުން އޭޑީކޭއަށް ބަދަލުކުރުމަށް މަސަތްކަތް ކުރަމުންދާ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އިތުރު ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްވި ދެސައިކަލްގެ ތެރެއިން އެއްސައިކަލްގައި ދެމީހަކު އަދި އަނެއް ސައިކަލުގައި އެކަކު އިނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ފަހަތުގައި އިން މީހާއަށް ކަމަށް ވެސް ފުލުހުން ބުނެއެވެ. ދެން ތިބި ދެ މީހުންގެ ހާލު ރަނގަޅެވެ.

comment ކޮމެންޓް