މިސްރުގެ ޕީޖީ އަވަހާރަކޮށްލުމާ ގުޅިގެން 30 މީހަކަށް މަރުގެ ހުކުމް

މިސްރުގެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހިޝާމް ބަރަކާތު ވަނީ 2015 ވަނަ އަހަރު އަވަހާރަކޮށްލާފަ -- ފޮޓޯ: ގެޓީ

ގާހިރާ (ޖޫން 18): މިސްރުގެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހިޝާމް ބަރަކާތު އަވަހާރަކޮށްލުމާ ގުޅިގެން 30 މީހަކު މެރުމަށް ގާހިރާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ދެހާސްފަނަރަ ވަނަ އަހަރުގެ ރޯދަ މަހު ބަރަކާތް އަވަހާރަކޮށްލީ އޭނާގެ މޮޓޯކޭޑަށް ދިން ބޮމުގެ ހަމަލާއެއްގަ އެވެ. ބަރަކާތަކީ ފަހުގެ ތާރީހުގައި މިސްރުން އަވަހާރަކޮށްލި އެންމެ އިސް އޮފިޝަލެވެ.

ދެހާސްތޭރަ ވަނަ އަހަރު މިސްރުގައި އޮތް މުސްލިމް ބްރަދަހުޑުން ތާއިދު ކުރާ މުހައްމަދު މޫރުސީގެ ސަރުކާރު ވައްޓާލި ފަހުން ބަރަކާތް ވަނީ އެޖާމައަތަށް ނިސްބަތްވާ އެތައް ހާސް މީހުންނަށް ދައުވާކޮށް، އެމައްސަލަތައް ޝަރީއަތަށް ފޮނުވާފަ އެވެ. އޭގެ ތެރެއިން އެތައް ސަތޭކަ މީހުން ވަނީ މަރަން ނުވަތަ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އެހެންކަމުން ބަރަކާތް އަވަހާރަކޮށްލުމުގެ ޒިންމާ މިސްރުން އެޅުވީ ބްރަދަހުޑާއި ހަމާސް ޖަމާއަތުގެ ބޮލުގަ އެވެ. ނަމަވެސް ދެ ޖަމާއަތުން ވެސް ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

އަދި މިދިޔަ އަހަރު އެގައުމުގެ އިންޓީރިއާ މިިނިސްޓްރީން ވަނީ ބަރަކާތް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ބަޔަކު އިއުތިރާފުވާ މަންޒަރު ފެންނަ ވީޑިއޯ އެއް އާއްމުކޮށްފަ އެވެ. އެވީޑިއޯ އިން ފެންނަ މީހުން ބުނި ގޮތުގައި އެމީހުން ތަމްރީނު ކުރީ ހަމާސްއިންނެވެ. ނަމަވެސް އެމީހުން ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ބައެއް މީހުން ވަނީ އެފަދައިން ބުނީ އަނިޔާ ކުރުމުން ކަމަށް ބުނެފަ އެވެ.

ކޯޓުގެ ނިންމުން ދަމަހައްޓާނެކަން ނުވަތަ ނޫންކަން ދެން ނިންމަވާނީ މިސްރުގެ އިސް މުފްތީ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް