މޯލްޑިވް ގޭހުން އޮޓޯމޭޓިވް ރިފިލް ސިސްޓަމެއް ގާއިމްކޮށް ޚިދުމަތް ދޭން ފަށައިފި

މޯލްޑިވް ގޭސް އިން މިރޭ ހުޅުވި އޮޓޯމޭޓެޑް ފިލިން ސިސްޓަމް -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭހުން ކ. ތިލަފުށީގައި ހިންގާ ފެކްޓްރީގައި އޮޓޯމޭޓެޑް ރިފިލް ސިސްޓަމެއް ގާއިމްކޮށް ސިސްޓަމުގެ ޚިދުމަތް ފަށައިފި އެވެ.

ތިލަފުށީގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ސިސްޓަމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މޯލްޑިވް ގޭހުގެ ޗެއާމަން އަހުމަދު ޝިފާނެވެ.

އެ ސިސްޓަމުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ގޭސް ފިލް ކުރުމަށްޓަކައި ކޮންވޭޔާ ބެލްޓުގެ އެހީގައި ގޭސްފުޅި އޮޓޮމެޓިކް މެޝިނެއްގެ އެހީގައި ދޮވެ ސާފުކޮށް ހިކިގެން އަދި އެއަށްފަހު ފުޅީގެ ބަރުދަން ޗެކު ކުރެވި އަމިއްލައަށް ގޭސް އެޅިގެން ދޯންޏާ ހަމައަށް ގެސްގޮސްދިނުން ހިމެނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ފެށި އެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ސިސްޓަމުން ޚިދުމަތް ދެމުން އައީ "ޓްރައަލް"އެއްގެ ގޮތުގައެވެ.

މޯލްޑިވް ގޭސް އިން މިރޭ ހުޅުވި އޮޓޯމޭޓެޑް ފިލިން ސިސްޓަމް -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެ މަސައްކަތުގެ ޖުމްލަ އަގަކީ 16 މިލިއަން ރުފިޔާ ކަމަށާއި އެ ޕްލާންޓު ގާއިމް ކުރީ ބޭރު ކުންފުންޏެއްގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޕްލާންޓުގެ މަސައްކަތް ފެށުމުން ގޭސް ފިލް ކުރުމުގެ މަސައްކަތަށް އިތުރު ހަލުވި ކަމެއް އައިސްފައިވާ ކަމަށެވެ.

"ކުރީގަ އަޅުގަނޑުމެން 800 ފުޅި ގަޑިއިރެއް ތެރޭގަ އަޅާ ކަމަށްވާނަމަ މިހާރު އޭގެ ދެ ގުނައަށް އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ، އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އެއާއެކު ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް، ސްޕީޑް އަވަސްކޮށް ކަންކަން ނިމުން،" މައުމޫން ވިދާޅުވި އެވެ.

އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނި ގޮތުގައި ކުރީގައި ހަތަރު ގަޑިއިރުން 300 އެއްހާ ފުޅިގެ ގޭސް އެޅޭ އިރު އަންނަ ދޯނިތަކަށް ފުޅި ބަރުކުރުމާއި ފުޅިއަށް ގޭސް އެޅުމުގައި ރޭގަނޑުގެ ދިހައެއް ބާރަ ޖަހަންދެން ވެސް މަސައްކަތް ކުރަންޖެހެ އެވެ. ނަމަވެސް އާ ޕްލާންޓް ގާއިމުކޮށް މަސައްކަތް ކުރި ދުވަސްތަކުގައި ކޮންމެ ދުވަހަކު ވެސް މަސައްކަތް އިރުއޮއްސި ހައެއް ޖަހާއިރަށް ނިންމާލެވޭ ކަމަށް މުވައްޒަފުން ބުނެއެވެ.

މޯލްޑިވް ގޭސް އިން މިރޭ ހުޅުވި އޮޓޯމޭޓެޑް ފިލިން ސިސްޓަމް -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި ގާއިމުކުރެވިގެން ދިޔަ ޕްލާންޓުގެ ސަބަބުން ކުރިން ގޭސް ފުޅިތައް އުފުލައި ބާލަން ގެންގުޅުނު ވެހިކަލްތަކާއި މުވައްޒަފުން ބޭނުމެއް ނުވާނެ އެވެ. އަދި އެ މަސައްކަތް ކުރި ލޭބަރުންގެ ތެރެއިން ވިއްސައްކަ ލޭބަރުން ބާކީވި ކަމަށާއި އެ މުވައްޒަފުން ދެން ބޭނުން ކުރާނީ ކުންފުނީގެ މެއިންޓެނެންސްގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ ޗެއާމަން ޝިފާން ވިދާޅުވީ ކުންފުނީގެ އަމާޒަކީ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަސް ހިދުމަތްތެއް ފޯރުކޮށްދިނުމެވެ. އަދި މަސައްކަތް ކުރަމުން އަންނަނީ ޒަމާނާ އެއްގޮތަށް ކުންފުނީގެ ކަންކަން ބައްޓަން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް