އެމެރިކާގެ މަނަވަރެއް އެކްސިޑެންޓުވެ، ހަތް ސިފައިން ގެއްލިއްޖެ

ޖަޕާނާ ކައިރީގައި ހިނގި އެކްސިޑެންޓުގައި ޔޫއެސްއެސް ފިޓްޒްޖެރަލްޑަށް ގެއްލުން ލިބިފައި -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (ޖޫން 17): ޖަޕާން ކައިރިން ދަތުރުކުރަމުން ދިޔަ އެމެރިކާގެ މަނަވަރަކާއި ފިލިޕީންސްގެ އާގުބޯޓެއް ޖެހުމުގެ ސަބަބުން މަނަވަރަށް ބޮޑެތި ގެއްލުންތައް ލިބި، ހަތް ސިފައިން ގެއްލިއްޖެ އެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުން ކުރާ އަދި ދިގު މިނުގައި 154 މީޓަރު ހުންނަ ޔޫއެސްއެސް ފިޓްޒްޖެރަލްޑާއި އޭސީއެކްސް ކްރިސްޓަލް ކިޔާ އާގުބޯޓު ޖެހުނީ އެބޯޓު ކުއްލިއަކަށް އަނބުރާލި ފަހުން ކަމަށް މެރިން ޓްރެފިކް ރެކޯޑްސް އިން ދައްކަ އެވެ. އަދި ދިގު މިނުގައި 222 މީޓަރު ހުންނަ އެ އާގުބޯޓު ދުއްވަމުން ދިޔައީ ގަޑިއަކު 27 ކިލޯމީޓަރު ބާރުމިނުގައި ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.

އެމެރިކާގެ މަނަވަރާ އެކްސިޑެންޓުވި ފިލިޕީންސްގެ އާގުބޯޓު -- ފޮޓޯ: އީޕީއޭ

އެހާދިސާގައި ގެއްލުނު ހަތް ސިފައިން ހޯދުމަށް ޖަޕާނުގެ ކޯސްޓުގާޑުން ދަނީ އެމެރިކާގެ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެހާދިސާގައި އަނިޔާވި މަނަވަރުގެ ޗީފް ކޮމާންޑިން އޮފިސަރު ބްރައިސް ބެންސަންގެ ހާލު ސްޓޭބަލް ކަމަށާއި އިތުރު ދެ ފަޅުވެރިންނަށް ވެސް ފަރުވާ ދެމުންދާ ކަމަށް ނޭވީ އޮފިޝަލުން ބުންޏެވެ.

ޖަޕާނުގެ ކޯސްޓުގާޑުން ބުނި ގޮތުގައި އޭސީއެކްސް ކްރިސްޓަލްއަކީ ޔޫއެސްއެސް ފިޓްޒްޖެރަލްޑަށް ވުރެ ތިން ގުނަ ބަރު ބޯޓެކެވެ. އަދި އެބޯޓަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ބޯޓު މިހާރު އޮތީ ޓޯކިޔޯގައި ކަމަށް ޖަޕާނުން ބުންޏެވެ.

އެހާދިސާގައި އާގުބޯޓުގައި ތިބި 20 މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް އޭޖެންސީން ބުންޏެވެ. (ބީބީސީ)

comment ކޮމެންޓް