'ބާހޫބަލީ 2' ޗައިނާގެ 4000 ސްކްރީނަށް!

ގިނަ ރެކޯޑު ތަކެއް އާކުރަމުން އަންނަ އެސްއެސް ރާޖާމޯލީގެ ފިލްމު 'ބާހޫބަލީ 2: ދަ ކޮންކްލޫޝަން' އަންނަ ސެޕްޓެމްބަރު މަހު ޗައިނާގައި ރިލީޒް ކުރުމަށް ހަމަޖެހިއްޖެ އެވެ. ޓްރޭޑް އެނަލިސްޓު ރަމޭޝް ބާލާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޗައިނާގައި ފިލްމު ރިލީޒް ކުރާނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި ޗައިނާގެ 4000 ސްކްރީނެއްގައި ފިލްމު ދައްކާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޗައިނާގައި ފިލްމު ރިލީޒް ކުރުމުގެ ކުރިން، ފިލްމުގެ ތަރިންނާއި ކްރޫ ޗައިނާ އަށް ގޮސް ފިލްމު ޕްރޮމޯޓު ކުރުމުގެ މަސައްކަތް ފަށާނެ އެވެ. ޗައިނާގައި މިހާތަނަށް ރިލީޒް ކުރި އެންމެ ކާމިޔާބު ހިންދީ ފިލްމަކީ އާމިރު ޚާންގެ 'ދަންގާލް' އެވެ.

ދަންގާލް ވަނީ ބާހޫބަލީ ފަހަތަށް ޖައްސާލުމަށް ފަހު އެންމެ ކާމިޔާބު އިންޑިއާ ފިލްމުގެ މަގާމު އަލުން ހޯދައިފަ އެވެ. ޗައިނާގައި 'ބާހޫބަލީ' ރިލީޒް ކުރާނީ 'ދަންގާލް' ވެސް ރިލީޒް ކުރި ކުންފުނިންނެވެ. ޚަބަރުތައް ބުނާ ގޮތުން ޗައިނާގެ އޯޑިއެންސް އަށް ކަމުދާނެ ގޮތަށް ފިލްމުގެ ޕްލޮޓަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެންމެ ފުރަތަމަ 1000 ކުރޯރުގެ އާމްދަނީއެއް ލިބުނު އިންޑިއާ ފިލްމުގެ އިތުރުން، 'ބާހޫބަލީ 2' އަކީ އެންމެ އަވަހަށް 300 ކުރޯރު ލިބުނު ހިންދީ ފިލްމު ވެސް މެ އެވެ. އަދި އުތުރު އެމެރިކާގައި އެންމެ ފުރަތަމަ 100 ކުރޯރުގެ އާމްދަނީއެއް ލިބުނު އިންޑިއާ ފިލްމަކީ ވެސް 'ބާހޫބަލީ 2' އެވެ.

comment ކޮމެންޓް