އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ކޯމީއަށް ހިމާޔަތް ދޭން ރަޝިއާ އިން ތައްޔާރު: ޕުޓިން

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (ޖޫން 17): އެމެރިކާގެ އެފްބީއައިގެ ޑިރެކްޓަރު ކަމުން މިދިޔަ މަހު ވަކި ކުރި ޖޭމްސް ކޯމީއަށް ސިޔާސީ ހިމާޔަތް ދޭން ރަޝިއާ އިން ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޓީވީ މެދުވެރިކޮށް އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވި ގޮތުގައި އެފްބީއައިގެ އޮފިޝަލަކު އޭނާ އާއި އެމެރިކާގެ ރައީސާ ދެމެދު ދެކެވުނު ވާހަކަތައް ހާމަ ކުރުމަކީ "ވަރަށް އާދަޔާ ހިލާފު" ކަމެކެވެ.

އަދި އެފަދަ މައުލޫމާތު ލީކު ކުރެއްވި އިރު ކޯމީ އަމަލު ކުރެއްވީ އެފްބީއައިގެ ޑިރެކްޓަރަކަށް ވުރެ އެކްޓިވިސްޓެއްގެ ގޮތުގައި ކަމަށް ޕުޓިން ވިދާޅުވި އެވެ.

ނަމަވެސް އޭގެ ސަބަބުން އެމެރިކާ އިން ކޯމީއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި ނަމަ އޭނާއަށް ސިޔާސީ ހިމާޔަތް ދޭން ރަޝިއާ އިން ތައްޔާރަށް އޮތް ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި އެފްބީއައިގެ ޑިރެކްޓަރު ކަމުން ކޯމީ ވަކިކުރީ ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދާ ގޮތުގެ ސަބަބުންނެވެ.

އަދި ރަޝިއާ އާއި ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލިންއާ އޮތް ގުޅުން ތަހުގީގު ކުރައްވަމުން ގެންދެވި ކޯމީ ވަނީ ފްލިންގެ ތަހުގީގު ހުއްޓާލުމަށް ޓްރަމްޕް އެދިވަޑައިގަތް ކަމަށް ގާނުނު ހަދާ މަޖިލީހުގެ އިންޓެލިޖެންސް ކޮމިޓީގައި ވިދާޅުވެފަ އެވެ.

ފްލިން މަގާމުން ވަކިކުރީ އޭނާ ސަރުކާރުގެ މަގާމަކަށް އައްޔަން ކުރުމުގެ ކުރިން، އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ރަޝިއާގެ ސަފީރާ ވާހަކަ ދެއްކެވިކަން ހާމަވުމާ ގުޅިގެންނެވެ. އެމެރިކާގެ އާއްމު ރައްޔިތުން ބޭރު ގައުމުތަކުގެ ސަރުކާރުތަކާ ބައްދަލުކޮށް، ސިޔާސީ ވާހަކަތައް ދެއްކުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ. (އިންޑިޕެންޑެންޓް)

ގުޅޭ ޓެގު
comment ކޮމެންޓް