ލޯބީގެ ދަޅަދައްކައިގެން ފޭރެނީ

ހައްޔަރުކޮށްފައިވާ އަންހެނަކު ފުލުހުންގެ ވެހިކަލަށް އަރުވަނީ-- ފޮޓޯ/ ޕޮލިސް

ރީތި ޒުވާން އަންހެން ކުދިން ގުޅައި އެކިތަންތަނަށް ދިއުމަށް ފިރިހެނުންނަށް ދައުވަތު ދިނުން ވަރަށް ވެސް އާންމުވެއްޖެ އެވެ. އެދައުވަތުތައް ދެނީ ލޯބީގެ ގުޅުންތައް ފަށައި އެކަހެރި ބައްދަލުވުންތައް ބޭއްވުމުގެ ނަމުގަ އެވެ. ނަމަވެސް ގެންގޮސް ކުރާ ކަމަކީ ފޭރުމެވެ.

ޖިންސީ އެދުންތަކުގެ އެކިއެކި ދަޅަ ދައްކައިގެން ފައިސާ ގެންގުޅޭކަން ޔަގީންވާ މީހުންނަށް ދައުވަތު ދީގެން ގެންގޮސް ފިރިހެނުންތަކެއް ލަށްވައި ފޭރިގެން ރާވާ ހިންގާ ކަންތައްތަކެއް ހިނގަމުން އަންނަކަމުގެ ފުރިހަމަ މައުލޫމާތު ވަނީ ލިބިފަ އެވެ.

ފޭރުނު މީހަކު އާންމުންގެ އެހީތެރިކަމާ އެކު ހިފަހައްޓާފައި--- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ރޯދަމަހާ އެކު ފޭރުން އާންމުވާ އިރު އޭގެ ތެރޭގައި ރޭވިގެން ހިންގާ ފޭރުންތައް ހިމެނެ އެވެ. އެގޮތުން އަންހެން ކުދިން ލައްވައި ގުޅުވައިގެން ބައްދަލުކުރުވަން ކަމަށް ބުނެ އެކިއެކި ތަންތަނަށް ގެނެސް ފޭރުމަކީ އާންމުކަމެކެވެ.

"އާންމުކޮށް ޓާގެޓަކީ ފައިސާ ހުންނަ ފިރިހެނުން، ހަގީގަތުގައި މީގައި ވިސްނަން އެބަޖެހޭ ނުދަންނަ މީހަކު ގުޅާފައިތާކަށް އަންނަން ބުންޏަސް އަދި އެބުނާހާ ތާކަށް ނުދާން،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނުހައްގު ޖިންސީ ގުޅުންތަކުގެ ތެރެއިން އެމަޅީގައި ޖެހި އެތައް ބަޔަކަށް ލަނޑުލިބިފައިވާ އިރު ބައެއް ފަހަރު ބުލެކްމެއިލް ކޭސްތަކާއި ހަމައަށް ކަންކަން ގޮސްފައި ހުރިކަމުގެ މައުލޫމާތު ވަނީ ލިބިފައިވެ އެވެ.

ބައިމަދުގަޑިތަކަށް ސަމާލުވޭ

ވޭތުވެ ދިޔަ އެހެން އަހަރުތަކުގައި ވެސް ރޯދަ މަހު ފޭރުން އިތުރުވެފައިވާ އިރު ފާހަގަކުރެވޭ ކަމަކީ ފޭރެނީ އެއްވަގުތުތަކެއްގައި ކަމެވެ. އެއީ މަގުތަކުގައި މީހުން މަދު ވަގުތުތަކެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ހެދުނުގެ ވަގުތާއި އިރުއޮއްސޭ ވަގުތަކީ ފޭރުން އިތުރު ވަގުތުތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ ވަގުތުތަކެެވެ.

"ރޯދަމަހު ހެނދުނު މީހުން ނިދައި ހޭލަނީ ތަންކޮޅެއް ލަހުން ދެއްތޯ، އެފަދަ ވަގުތުތަކުގައި ފޭރޭ މީހުން އުޅޭ، އެހެންވީމާ އެފަދަ ވަގުތުތަކުގައި އެކަނި މަގުމަތީގައި ނޫޅުމަށާއި އަގުބޮޑެތި ތަކެތި ނޫނީ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ނޫޅެން ވިސްނަން ޖެހޭ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފުލުހުންގެ އިލްތިމާސްއަކީ މީހުން މަގުތަކުގައި މަދު ވަގުތުގައި އެކަނި ބޭރުގައި ނޫޅުމާއި އެވަގުތުތަކުގައި ގިނަ ފައިސާ ފަދަ ތަކެތި ހިފައިގެން ނޫޅުމެވެ. އަދި ނުދަންނަ މީހަކު ގުޅައި ދައުވަތު ދިނަސް ތަންތަނަށް ގޮސް ނޫޅުމަށް އިލްތިމާސްކުރެ އެވެ.

ފުލުހުން މަގުތަކަށް އިތުރަށް ނެރެފިން: ފުލުހުން

މިރޯދަ މަހު ވެސް ފޭރުމުގެ ތަފާތު މައްސަލަތަކެއް ފެންމަތިވެފައިވާ އިރު ގިނަ ބައެއްގެ ކަންބޮޑުވުމަކީ އެކަންކަމަށް ހާއްސަކޮށް މަގުތަކުގައި ފުލުހުން ނޫޅުމެވެ. އަދި މަގުތަކުން ފުލުހުން ފެންނަ އަދަދު މަދުވުމެވެ.

ފުލުހުން އޮޕަރޭޝަންއެއްގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ފޭރުން ފަދަ ކުށްކުރުން އިތުރު ވަގުތުތަކަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން މަގުތަކަށް ނެރެ ޕެޓްރޯލް ކުރަމުން އަންނަ ކަމަށެވެ.

"ޕީކްގަޑިތަކުގައި އަޅުގަނޑުމެން ފުލުހުން މަގުތަކުގައި އިތުރަށް ހަރަކާތްތެރިވަމުން އަންނަނީ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ އެފަދަ އަމަލުތައް ހުއްޓުމަށް ޓަކައި އާންމުން އެކަންކަމަށް ހޭލުންތެރިވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފޭރުން އާންމުވެފައިވާ އިރު އެކަންކަމުން ސަލާމަތްވުމަށާއި އެފަދަ ފުރުސަތު ނުދިނުމަށް އަމިއްލަ ޒިންމާ ބޮޑަށް ނަގާށެވެ. އެފުރުސަތު ނުދޭށެވެ. ބައިމަދު ވަގުތުތަކުގައި އެކަނި މަގުމަތީ ނޫޅުމާއި ގިނަ އަދަދެއްގެ ފައިސާ ނުވަތަ އަގުބޮޑެތި ތަކެތި ހިފައިގެން މަގުތަކުގައި އެކަނި ނޫޅުން ވަރަށް މުހިންމެވެ.

comment ކޮމެންޓް