އިއްސެގެ މަރު: ގޮތް ނޭނގޭ ބަޔަކު ރަށަށް އެރުމާއި ފިލި ބިދޭސީއެއްގެ ވާހަކަ!

މަރާލާފައި އޮއްވައި ފެނުނު އިސްމާއިލް އުމަރު: އޭނާ މަރުގެ ތުހުމަތު ކުރަނީ އެކުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއެއްގެ މައްޗަށް --- ސަން ފޮޓޯ: ކިޔުންތެރިއެއް

ހއ. އިހަވަންދޫގައި ހުންނަ މިފްކޯ އައިސްޕްލާންޓްގައި މަސައްކަތް ކުރާ ދިވެހި ތިން މުވައްޒަފަކު މިއަދު ހަވީރު އެތަނަށް ދިޔައީ ދިވެހި ހުރިހާ މުވައްޒަފުން އެއްވެލައި ވާހަކަ ދައްކާލުމަށެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ އިހަވަންދޫ މީހުންނެވެ. އަނެކަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. ދެން އެތަނުގައި މަސައްކަތް ކުރަނީ މެކޭނިކެއްގެ ވަޒީފާ އަދާ ކުރާ ޅ. ހިންނަވަރު، އިސްމާއިލް އުމަރު، (އިއްސެ) 54، އާއި ބަންގުލަދޭޝް މީހެކެވެ.

އޭގެ ތެރެއިން އިއްސެ އާއި ބިދޭސީ މީހާ ނިދާ އުޅެނީ ފެކްޓްރީ ތެރޭގަ އެވެ. ހަވީރު ފިންޏަށް އެތަނަށް ދިޔަ މުވައްޒަފުންނާ އިއްސެ ދިމަލެއް ނުވެ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން މިއަދުގެ ހެނދުނާއި މެންދުރުގެ ވަގުތުތަކުގައި ވެސް އެތަނަށް ދިޔައިރު ވެސް އިއްސެގެ ހަބަރެއް ނުވެއެވެ. އިއްސެގެ އެއްވެސް ހަބަރެއް ނުވާތީ، މިއަދު ހަވީރު އެތަނަށް ދިޔަ ތިން މުވައްޒަފުން އިއްސެ ނިދާ ކޮޓަރީގައި ޓަކި ޖެހި އެވެ. ދޮރު ނުހުޅުވުމުން ފުލުހުންނަށް އެންގި އެވެ.

"ފުލުހުންނަށް ގުޅައިގެން ފުލުހުން އައިސްގެން ހުޅުވައިގެން ވަނީ، ވަތްއިރު ތަޅުންމަތިން ފެންނަން ހުރި ފެނާއި ލެޔާއި އެއްވެފައި، ދެން މުޅި އެތާ އޮތީ ހުސް ލޭ، މަރާލާފައި އޮތީ ވަރަށް ހަނި ދޭތެރެއެއްގެ ތެރޭގައި، އެއީ އާންމުކޮށް މެކޭނިކް ކަންތަކުގައި ވަންނަ ތަނެއް،" ސަން އަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

އިއްސެގެ ހަށިގަނޑު މި ވަގުތު އިހަވަންދޫ ސިއްހީ މަރުކަޒުގައި އޮތްއިރު "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހަށިގަނޑުގައި ޒަހަމްތަކެއް ފެންނަން އެބަ ހުއްޓެވެ. ކަރުގައި އެއްޗެއް އައްސައި ބާރުކޮށްފައިވާފަދަ ނިޝާންތަކެއް ހުރި ކަމަށްވެ އެވެ. އޭނާގެ ކަރު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

އިހަވަންދޫ އައިސްޕްލާންޓް: އެތަނުގެ ތެރޭގައި މަރާލާފައި އޮށްވައި ފެނުނީ 54 އަހަރުގެ ދިވެއްސެއް-- ސަން ފޮޓޯ؛ މުހައްމަދު ރަޝީދު

ތުހުމަތު އިނގިލި ބިދޭސީއަކަށް!

އިހަވަންދޫ އައިސް ޕްލާންޓުގައި މަސައްކަތް ކުރާ، އެ ރަށުން ބޭރުގެ މުވައްޒަފުންނަށް އެކޮމަޑޭޝަން ހަމަޖައްސާފައި ވަނީ އެ ފެކްޓްރީ ތެރޭގަ އެވެ. މަރާލާފައި އޮއްވައި ފެނުނު އިއްސެ އާއި ބިދޭސީ މީހާގެ އިތުރުން ދެކުނުގެ ރަށަކަށް ނިސްބަތްވާ ޒުވާނަކު އެތަނުން އެކަމަޑޭޝަން ހަމަޖައްސާފައިވެ އެވެ. ނަަމެވެސް ދެކުނު ރަށަކަށް ނިސްބަތްވާ ޒުވާނާ ނިދައި އުޅެނީ އޭނާ ތިމާގެ މީހެއްގެ ގޭގަ އެވެ. އެ ފެކްޓްގައި ނިދާ އުޅެނީ ބިދޭސީ މީހާ އާއި އިއްސެ އެކަންޏެވެ. އެ ދެ މީހުން ކައިބޮއި ހަދަނީ އެ ރަށު ގެއަކުންނެވެ.

އިއްސެއާއެކު އެއް ކޮޓަރިއެއްގައި ނިދާ އުޅޭ ބިދޭސީ މީހާ އިއްޔެ ހެނދުނު ވަނީ ފިލާފަ އެވެ. ފެރީއެއްގައި ބިދޭސީ މީހާ އެހެން ރަށަކަށް ގޮސް ފިލުމުން، އޭނާގެ ފޮޓޯއާއެކު ފުލުހުންނަށާއި ކައުންސިލަށް އެ މައުލޫމާތު ދިން ކަމަށްވެ އެވެ. ކަމާބެހޭ ފަރާތްތަކަށް އެ މައުލޫމާތު ދިނީ އެ ފެކްޓްރީންނެވެ.

ބިދޭސީމީހާ ފިލިފަހުން މިއަދު މިއީ ފުރަތަމަ ދުވަހެވެ. އޭނާ ފިލިފަހުން އިއްސެ ރޭ ނިދީ އެކަނިމާ އެކަންޏެވެ. ރޭ މެންދަމު ހާރު ކެއުމަށް އިއްސެ ހޭލި ކަމަށްވެ އެވެ.

އިހަވަންދޫ އައިސްޕްލާންޓް: އެތަނުގެ ތެރޭގައި މަރާލާފައި އޮށްވައި ފެނުނީ 54 އަހަރުގެ ދިވެއްސެއް-- ސަން ފޮޓޯ/ މުހައްމަދު ރަޝީދު

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އެ ރަށުން ފިލި ބިދޭސީ މީހާ ރޭ ދަންވަރު އެ ރަށަށް ލޯޗެއްގައި އައި ކަމަށް އެ ރަށު ބައެއް ރައްޔިތުން ބުނާ ކަމަށެވެ.

"ރޭ ދަންވަރު ދެ ގަޑިބައި، ތިނެއް ޖަހާކަންހާއިރު ލޯންޗެއްގައި ބަޔަކު މި ރަށަށް އައި ކަމަށް މީހުން ބުނޭ، އެ ބިދޭސީ މީހާ ފެނުނު ކަމަށް ވެސް ބުނޭ. ނަމަވެސް އެ އައި މީހުން ކުރީ ކީއްކަމެއް ނޭނގެ،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

އިއްސެގެ މަރުގެ މައްސަލާގައި އެ ބިދޭސީ މީހާ ފުލުހުން މިއަދު ހައްޔަރު ކުރީ ހދ. ކުޅުދުއްފުށިންނެވެ.

މައްސަލައެއް ޖެހުނު ކަމެއް ނޭނގެ

ސަން އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނި ގޮތުގައި އެ ފެކްޓްރީގައި މިވަގުތަށް ބޭނުންވާ ވަރަށް ހުރީ އައިސް އުފައްދާފަ އެވެ. އަދި މަދު މުވައްޒަފުންތަކެއް އުޅޭއިރު އެ މީހުން އުޅެނީ އެކަކު އަނެކަކާ ވަރަށް ގުޅިގެންނެވެ. އޭގެ ތެރެއިން އެއްވެސް މައްސަލައެއް ޖެހިފައިވާކަމުގެ މައުލޫމާތެއް ނުލިބެއެވެ.

"އެއްވެސް އިޝާރާތެއް ނެތް މައްސަލަ ޖެހިގެން އުޅޭ ކަމެއް، އެހެން އުޅެފަ [ބިދޭސީމީހާ] ފިލީ. ދެން އެ ދެމީހުން އެކީގައި އުޅޭއިރު ކަމެއް އުޅެދާނެ، އެކަމަކު އެކަހަލަ އަޑެއް އިވިފައެއް ނެތް،" ސަން އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

comment ކޮމެންޓް