މިފަހަރު ކަރަންގެ 'ސްޓުޑެންޓް' އަކީ ޖާންވީ، ސާރާ އެއް ނޫން!

ސާރާ (ކ)، ކަރަން (މ)، ޖާންވީ (ވ) --

ޑައިރެކްޓަރު ކަރަން ޖޯހަރުގެ 'ސްޓުޑެންޓް އޮފް ދަ އިޔަރ 2' ގެ ލީޑު ރޯލުން ފެނިގެން ދާނީ ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ކަމަށް ކުރިން ހީވެފައި އޮތް ނަމަވެސް، އެ ރޯލުން ފެނިގެން ދާނީ ސްރީދޭވީގެ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ކަމަށް ޚަބަރުތައް ބުނެފި އެވެ.

ސާރާގެ ބައްޕަ، ސައިފް ވަނީ ސާރާ ބޮލީވުޑަށް ތައާރަފުވާނީ ކަރަންގެ ބެލުމުގެ ދަށުން ކަމަށް ކުރިން ބުނެފަ އެވެ. ސައިފް ވަނީ ކަރަން އަކީ ބޮލީވުޑަށް އަލަށް ނުކުންނަ ކުދިންނަށް އެންމެ ރަނގަޅު ޑައިރެކްޓަރު ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް ޚަބަރުތައް ބުނާގޮތުން، ސާރާ މިހާރު ވަނީ އަބީޝެކް ކަޕޫރުގެ ކުރިއަށް އޮތް ފިލްމަށް ސޮއި ކޮށްފަ އެވެ. އެ ފިލްމުގައި ސާރާ އާއެކު ފެނިގެން ދާނީ ހުނަރުވެރި އެކްޓަރު ސުޝާންތު ސިންގ ރާޖްޕުތު އެވެ.

އެއާއެކު، 'ސްޓުޑެންޓް އޮފް ދަ އިޔަރ 2' ގައި ޓައިގާ ޝްރޯފް އާއެކު ފެނިގެން ދާނީ ޖާންވީ ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ޔަގީންވެފަ އެވެ. ފިލްމަށް ޖާންވީ ފުރިހަމަ އަށް ތައްޔާރު ކުރުމަށް ދަރްމާ ޕްރޮޑަކްޝަންސްގެ ޚާއްސަ ޓީމެއް މިހާރު ޖާންވީ އާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

މިހާރު ބޮލީވުޑުގެ އެންމެ ކުރީގައި ހިމެނޭ ތިން އެކްޓަރުން ކަމުގައިވާ އާލިއާ ބަޓް، ސިދާރްތު މަލޯތުރާ އަދި ވަރުން ދަވާން އަކީ ވެސް ކަރަންގެ 'ސްޓުޑެންޓް އޮފް ދަ އިޔަރ' އިން ބޮލީވުޑަށް ތައާރަފުވި ތިން ފަންނާނުންނެވެ.

comment ކޮމެންޓް