'މެރޭ އަނގްނޭ މޭ' ވެސް ހުއްޓާލަނީ

ސްޓާ ޕްލަސް އިން ގެނެސްދޭ ޑްރާމާ ސިލްސިލާ، 'މެރޭ އަނގްނޭ މޭ' އަންނަ ޖުލައި މަހުގެ ފަހު ހަފްތާގައި ނިންމާލާނެ ކަމަށް އެ ޗެނަލުން ބުނެފި އެވެ.

ސްޓާ ޕްލަސް އިން އަންނަނީ ޓީއާރްޕީ ޗާޓުތަކުގައި ރަނގަޅު ރޭޓިންގ އެއް ނުލިބޭ ޝޯތައް ދެއްކުން ހުއްޓާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހަވީރު ފަހެއް ޖަހާއިރު ސްޓާ ޕްލަސް އިން ދައްކާ 'ސުހާނީ ސީ އެކް ލަޅްކީ' މިހާރު ވަނީ ހުއްޓާލައިފަ އެވެ.

އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ މިހާރުން ހުއްޓާލަން ނިންމާފައި ވަނީ 'މެރޭ އަނގްނޭ މޭ' އެވެ. އެ ސިލްސިލާ ދައްކާތާ ދެ އަހަރު ވެފައި ވާއިރު މިހާތަނަށް 700 އެޕިސޯޑު ވަނީ ގެނެސްދީފަ އެވެ.

ސިލްސިލާ ދައްކަން ފެށި އިރު، އެހާ ބޮޑު ތަރުހީބެއް ލިބިގެން ދާނެ ކަމަށް އުންމީދު ނުކުރެވުނު ނަމަވެސް، 'މެރޭ އަނގްނޭ މޭ' އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ. އެހެން ނަމަވެސް ޝޯވ އަށް ތަރުހީބު ކުޑަވީ ޝޯވގެ މުހިންމު ދެ ތަރިން ޝޯވ ދޫކޮށްލުމުންނެވެ.

ޕާސަނަލް މައްސަލަތަކެއްގެ ސަބަބުން ޝޯވގެ ބަތަލާ ރިއާ ޝްރިވާސްތަވް ގެ ރޯލުން ފެނިގެން ދިޔަ އެކްތާ ކޯލް ޝޯވ އިން ވަކިވި އިރު، ޑްރާމާގައި ސަރްލާ ބުއާގެ ރޯލުން ފެނިގެން ދިޔަ އަނަންޔާ ޚާރޭ ވެސް ވަނީ ޝޯވ ދޫކޮށްލައިފަ އެވެ. އަނަންޔާ ޝޯވ ދޫކޮށްލީ އެއަށްވުރެ ރަނގަޅު ފުރުސަތު ތަކެއް ލިބުމުންނެވެ.

އެހެންކަމުން ޝޯވ އުފައްދާ ފަރާތުންނާއި ސްޓާ ޕްލަސް އިން ވަނީ ޖުލައި ފަހު ހަފްތާގައި ޝޯވ ހުއްޓާލަން މިހާރު ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް