ފުލުސް އޮފީހަށް ހާޒިރުވުމުގެ ޗިޓް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވޭގޮތް ހަދައިފި

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފުލުހުންގެ އިދާރާ އަށް ހާޒިރުވުމުގެ ޗިޓް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވޭނެ ގޮތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަމަޖައްސައި އެކަމާ ބެހޭ އުސޫލެއް ނެރެފިއެވެ.

އެ އުސޫލުގައިވާގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ޗިޓު ފޮނުވާނީ އެމީހަކު ދިރިއުޅޭ ގެއަށް ގޮސް ޗިޓު ރައްދު ނުކުރެވުމުން ނުވަތަ އެ ގޭގައި ދިރިއުޅޭ މީހުން ޗިޓާ ހަވާލުނުވާ ހާލަތްތަކުގައެވެ.

ސޯޝަލް މީޑިއާގެ އެޕްލިކޭޝަނެއް ނުވަތަ އީމެއިލާއި ފެކްސް އަދި ޓެކްސްޓްގެ ޒަރީއާއިން ވެސް އެ މީހަކަށް ޗިޓު ފޮނުވިދާނެ ކަމަށް އެ އުސޫލުގައިވެއެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ޗިޓުގެ ސްކޭން ކޮޕީއެއްގެ ފޮޓޯ އެ މީހަކަށް ފޮނުވުމުން "ޑެލިވާ" ވެއްޖެ ކަމަށް ނުވަތަ "ސީން" ކަމަށް އޮޓަމެޓިކް ޖަވާބު ލިބޭ ހާލަތްތަކުގައި ޗިޓު ރައްދުވި ކަމަށް ބެލެވޭނެ ކަމަށެވެ.

ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަންޖެހޭ މީހާ އަކީ ރާއްޖެއިން ބޭރުގައި އުޅޭ މީހެއް ކަމުގައިވާނަމަ ހާޒިރުވުމަށް ތިން ދުވަހާއި ހަތް ދުވަހުގެ މުއްދަތެއް ދެވިދާނެ ކަމަށް އެ އުސޫލުގައިވެއެވެ. އަދި ހާޒިރުވާންޖެހޭ ވަގުތު އިތުރުކޮށްދިނުމަށް އެމީހަކު އެދިއްޖެނަމަ އެދޭ އުޒުރަށް ބެލުމަށްފަހު އެކަން ކުރެވިދާނެ ކަމަށް އެ އުސޫލުގައިވެއެވެ.

ފުލުހުން އަންގާ އެންގުމަށް ފުލުހުންގެ އިދާރާ އަށް ހާޒިރުނުވެއްޖެނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް