ހުޅުމާލޭގައި ސީސީޓީވީގެ ޚިދުމަތް ދިނުމަށް ފުލުހުންނާ ހަވާލުކޮށްފި

ހުޅުމާލޭގައި ސީސީޓީވީގެ ޚިދުމަތް ދިނުމަށް ފުލުހުންނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ސީސީޓީވީގެ ޚިދުމަތް ދިނުމަށް ފުލުހުންނާ ހަވާލުކޮށްފިއެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސީސީޓީވީ ކެމެރާތައް ފުލުހުންނާ ހަވާލު ކުރުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ސޮއި ކުރެއްވި އިރު ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ.

އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި ހަރުކުރުމަށް 25 ކެމެރާއެއް ހަވާލު ކުރާނެ އެވެ. އަދި ހުޅުމާލޭގައި ޤާއިމްކުރެވޭ ޑޭޓާ ސެންޓަރު ބެލެހެއްޓުމާއި ފުލުހުންނާ ހަވާލުކުރެވޭ ކެމެރާތައް ހުޅުމާލޭގައި ހަރުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި ހަރުކުރުމާއި ސީސީޓީވީ ކެމެރާތަކާއި އޭގެ ވަސީލަތްތައް އަދި ސޮފްޓްވެއަރ ބެލެހެއްޓުމާއި އެތަކެތީގެ މެއިންޓަނަންސް ކަންކަން ބެލެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮޮލިސް އަޙްމަދު ސައުދީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

comment ކޮމެންޓް