ނޫސްވެރިކަމުގެ އިނާމަށް 45 ހުށަހެޅުން ހުށަހަޅައިފި

މީޑިއާ ކައުންސިލްގެ ބައެއް މެމްބަރުން -- ފޮޓޯ: އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމަށް 45 ހުށަހެޅުން ހުށަހަޅައިފި އެވެ.

އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވެފައިވާއިރު، ނުވަ ދާއިރާއަކުން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ.

އެ ދާއިރާތަކުގެ ތެރެއިން އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ، ފީޗާ ލިޔުމުގެ ދާއިރާ އަށެވެ. އެ ދާއިރާއަށް 10 ހުށަހެޅުމެއް ވަނީ ހުށަހަޅާފަ އެވެ. ދެން އެންމެ ގިނަ ހުށަހެޅުން ލިބިފައި ވަނީ އިޖްތިމާއީ ދާއިރާއަށެވެ. އެ ދާއިރާއިން ނުވަ ހުށަހެޅުމެއް މީޑިއާ ކައުންސިލަށް ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ތިން ވަނައަށް އެންމެ ގިނަ ހުށަހެޅުން ހުށަހަޅާފައި ވަނީ ސިޔާސީ ދާއިރާ އާއި ވިޔަފާރި/އިގްތިޞާދީ ދާއިރާއިންނެވެ. އެ ދެ ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ފަސް ހުށަހެޅުން ހުށަހަޅާފައިވެ އެވެ.

އެންމެ އުއްމީދީ ނޫސް ނޫސްވެރިޔާގެ މަގާމަށް ހަތަރު ހުށަހެޅުމެއް މީޑިއާ ކައުންސިލަށް ލިބިފައިވާއިރު، ޝަރުއީ އަދި ގާނޫނީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިންނާއި ފޮޓޯ ޖާނަލިޒަމްގެ ދާއިރާގެ އިތުރުން ވީޑީއޯ ޖާނަލިޒަމްގެ ދާއިރާއިން ކުރެ، ކޮންމެ ދާއިރާއަކަށް ވެސް ލިބިފައި ވަނީ ތިން ހުށަހެޅުމެވެ.

ނޫސްވެރިންގެ ހުށަހެޅުންތަކަށް އިންސާފުކުރުމަށްފަހު އެވޯޑު ދޭނެ ކަމަށް ބެލެވެނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މިއަހަރު ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ގަވާއިދު މުރާޖާކުރުމަށްފަހު އެ ގަވާއިދު ވަނީ އުސޫލަކަށް ބަދަލުކޮށްފަ އެވެ.

ލައިފްޓައިމް އެޗީވްމަންޓު އިނާމެއް ދިނުމަށް މިއަހަރު އަލަށް ދޭ އިރު، އެ އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ މީޑިއާ ކައުންސިލުންނެވެ.

comment ކޮމެންޓް