މުސްލިމުންނަށް ނަފުރަތު ކުރި ޒުވާނާ އިސްލާމްވާން މެދުވެރިވީ މަންމަގެ ކުއްލި މަރު!

ކެމަރަން ޕީޓާ އަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހުރި ހަމަ އެކަނި ދަރި އެވެ. އޭނާގެ އުމުރުން ވަރަށް ހަގު އިރު، މައިންބަފައިންގެ ކައިވެނި ރޫޅުމުން، ދިރިއުޅެމުން ދިޔައީ ބައްޕައާ އެކު އެވެ.

ނަސާރާ ދީނުގެ ކެތޮލިކް މަޒްހަބަށް ނިސްބަތްވާ ކެމަރަން އަށް އެންމެ ފުރަތަމަ މުސްލިމަކާ ދިމާވީ ޕްރައިމަރީގައި ކިޔަވަމުން ދަނިކޮށެވެ. ގަލީބް ނަމަކަށް ކިޔާ އެ ކުއްޖާ އާ ދެމީހުން ވަރަށް ގާތް އެކުވެރިންނަށްވި އެވެ. އެހެން ނަމަވެސް ގަލީބް އާއެކު އުޅެން އޭނާގެ ބައްޕަ މަނާކުރި އެވެ. މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށާއި، ގޯސް އަމަލުތައް ކުރާ ބައެއް ކަމަށް ކެމަރަންގެ ބައްޕަ އޭނާ އަށް ވިސްނައިދިނެވެ.

އެ ދުވަހުން ފެށިގެން ކެމަރަން މުސްލިމުންނަށް ނަފުރަތު ކުރަން ފެށި އެވެ. އަދި ގަލީބް އަށް އަނިޔާކޮށް، މަލާމާތް ކުރަން ފެށި އެވެ. އެއީ އޭނާ އާ ދިމާވާ ކޮންމެ މުސްލިމަކާ މެދު ވެސް ކެމަރަން އޭރު އަމަލު ކުރަމުން ދިޔަ ގޮތެވެ. އޭނާ ގަބޫލު ކުރަމުން ދިޔައީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށެވެ. އެހެން ކަމުން އެމީހުންނަށް ހެޔޮކޮށް ހިތާކަށް ނުޖެހެ އެވެ.

ކެމަރަން ހައި ސްކޫލް ފެށީ ވެސް އެ ވިސްނުމުގަ އެވެ. އޭނާ އަކީ ކެތޮލިކް މަޒްހަބްގެ މީހެއް ކަމަށް ދައުވާ ކުރި ނަމަވެސް، އެ ދީނުގެ ކަންކަން އޭނާ ހަގީގަތުގައި ގަބޫލެއް ނުކުރެ އެވެ. ދީނުގެ ވާހަކަތައް ދެކޮޅު ނުޖެހޭތީ އެވެ. އެހެން ނަމަވެސް، ނަސާރާ ދީނާ ދެކޮޅަށް އެއްޗެއް ބުނެފި ނަމަ، އެ ދީން ދިފާއު ކުރަން އެންމެ ފުރަތަމަ ނުކުންނަ މީހަކަށް ކެމަރަން ވާނެ އެވެ.

ހައި ސްކޫލުގައި އުޅެނިކޮށް އޭނާ އަށް ދޮން ނަސްލުގެ ވަރަށް ރަނގަޅު އެކުވެރިޔަކު ލިބުނެވެ. ވަރަށް އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުނު އިރު ވެސް ދީނުގެ އެއްވެސް ވާހަކަ އެއް ނުދައްކަ އެވެ. ނަމަވެސް ދީނުގެ ވާހަކަ ދެއްކި ދުވަހު، އެކުވެރިޔާ ވީ މުސްލިމަކަށެވެ. ކެމަރަން އަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ.

އޭނާ ހީކޮށްގެން ހުރީ މުސްލިމުންނަކީ ޕާކިސްތާނުގައި އެކަނި އުޅޭ ބައެއް ކަމަށެވެ. ދޮން ނަސްލުގެ މީހުންނަކީ ނަސާރާ ދީނުގެ މީހުންނެވެ. މުސްލިމުން ނިސްބަތްވަނީ އޭޝިޔާ އަށެވެ. އެއީ ކެމަރަންގެ ވިސްނުން ހުރި ގޮތެވެ. އިސްލާމް ދީނާ މުސްލިމުންނަށް ނަފުރަތު ކުރަމުން ދިޔަ އިރު، މުސްލިމުންނާ ބެހޭ ހަގީގީ މައުލޫމާތު އޭނާ އަކަށް ނޭނގެ އެވެ.

ކެމަރަން އަށް އިތުރު ސިހުމެއް ލިބިގެން ދިޔައީ އިސްލާމް ދީނުގައި އީސާގެ ފާނަށް ވަރަށް މަތިވެރި ދަރަޖައެއް ދީފައިވާ ކަން އެނގުމުންނެވެ. އެހެންކަމުން އިސްލާމް ދީނާއި އީސާގެ ފާނާއި ބެހޭ މައުލޫމާތު އޭނާ އެކުވެރިޔާ ގާތުން އޮޅުންފިލުވަން ފެށި އެވެ. އަދި އިސްލާމް ދީނުގައި އީސާގެ ފާނަކީ ރަސޫލެއް ކަން އެނގިގެން ދިޔަ އެވެ.

އެ ހިސާބުން އޭނާގެ އެކުވެރިޔާ ދެކެ އަނެއްކާ ވެސް ރުޅި އަތުވެއްޖެ އެވެ. އޭނާ އާ ދޭތެރޭ ގޯސްކޮށް ކަންތައް ކުރަން ފަށައިފި އެވެ. އެހެން ނަމަވެސް އެކުވެރިޔާ އަމަލު ކުރީ ކެމަރަން އުންމީދު ކުރި ގޮތަކަށް ނޫނެވެ. އެކުވެރިޔާ ވެގެން ދިޔައީ، ކެތްގަދަ، މަޑުމަތިރ މީހަކަށެވެ. ބައްޕަ ބުނި ކަހަލަ ޓެރަރިސްޓަކަށް ނޫނެވެ.

އެހެންކަމުން އިސްލާމް ދީނާ ގުޅޭ ފޮތްތައް އޭނާ ކިޔަން ފެށި އެވެ. އޭނާ އިސްލާމް ދީނާ ގުޅޭ ފޮތްތައް ކިޔަނީ މަންމަގެ ގޭގަ އެވެ. ބައްޕަ އާއި ޚިލާފަށް ކެމަރަންގެ މަންމަ އަކީ ވަރަށް 'އޯޕަން މައިންޑެޑް' މީހެކެވެ. ހުރިހާ އެންމެނަށް ވެސް މަންމަ އިހްތިރާމް ކުރެ އެވެ.

ކެމަރަން ފޮތްތައް ކިޔާތީ، އޭނާގެ މަންމަ ވެސް އިސްލާމް ދީނުގެ ވާހަކަތައް ހޯދުމަށް ޝައުގުވެރިވި އެވެ. އަދި އިސްލާމް ދީނާ ގުޅޭ ގޮތުން ސުވާލު ކުރަން ފެށި އެވެ. މަންމަގެ ސުވާލުތަކަށް ޖަވާބު ހޯދުމަށް ކެމަރަން ދަނީ މުސްލިމް އެކުވެރިޔާ ގާތަށެވެ. ކެމަރަން އަށް އެ ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނު ނަމަވެސް، އޭނާ އަކީ ވަރަށް ބޯ ހަރު ކުއްޖެކެވެ. އަދިވެސް އޭނާގެ ހިތް ނުހުޅުވެ އެވެ. ބައްޕަ ދެއްކި ވާހަކަތައް އަދިވެސް ސިކުނޑީގައި ހަރުލާފައި ހުރީ އެވެ.

ކެމަރަންގެ ދިރިއުޅުން ބަދަލުވީ އެއް ރެޔެއްގެ ދަންވަރު ބައްޕަ ދިން ޚަބަރަކުންނެވެ. އޭނާގެ މަންމަ ވަރަށް ކުއްލި ގޮތަކަށް މަރުވި ޚަބަރެވެ. އޭނާގެ ލޯބިވާ މަންމަ ވަކިވެގެން ދިޔައީ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ކެމަރަން މުޅިން ހިމޭންވި އެވެ. މަންމަ އޭނާ ދޫކޮށްފައި ދިޔައީ ކީއްވެ ހެއްޔެވެ؟ އެނބުރި ނުވެސް އަންނާނެ ހެއްޔެވެ؟

މަންމަގެ ކުއްލި މަރަށް ފަހު، އޭނާ ހަމައަކަށް އެޅެން ދުވަސްކޮޅެއް ނެގި އެވެ. މީހާ ހަމައަކަށް އެޅުމަށް ފަހު އެންމެ ފުރަތަމަ ވެސް ހިތަށް އައީ އިސްލާމް ދީނަށް މަންމަ ބެހެއްޓި ޝައުގުވެރިކަމެވެ. ސަބަބެއް ނޭނގެ އެވެ. ކެމަރަން އަށް ވިސްނުނީ މަންމަ ދުވަހަކު ވެސް ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އިސްލާމް ނުވި ނަމަވެސް، މަންމަގެ ހިތުގައި އިސްލާމް ދީނަކީ ހައްގު ދީން ކަން ގަބޫލު ކޮށްފައިވާ ކަމެވެ.

ކެމަރަން އޭނާގެ މަންމަ ދެކެ އިންތިހާ އަށް ލޯބިވެ އެވެ. އެހާ ބޮޑު އިތުބާރެއް ވެސް ކުރެ އެވެ. މަންމަ އިސްލާމް ދީނަށް ޝައުގުވެރިވާނީ އެ ދީން ރަނގަޅު ވީމަ އެވެ. އެވަރު ކެމަރަން އަށް ވިސްނުނެވެ. ބައްޕަ ދެއްކި ވާހަކަތައް އެއްފަރާތްކޮށް، ސާފު ހިތަކުން އިސްލާމް ދީން އުނގެނުމުގެ މަސައްކަތް އޭނާ ފެށީ ދެނެވެ. އަދި ﷲ އަކީ އެއްކައުވަންތަ ކަލާނގެ ކަން އޭނާ ގަބޫލު ކުރި އެވެ.

ނަމަވެސް އިސްލާމް ނުވެ އޭނާ އެގޮތުގައި ހުރީ އެވެ. ޝައިތާނާގެ ވަސްވާހެވެ. ތެދުމަގު ލިބުމަށް ފަހު އެ މަގުން ނުހިނގައި އޭނާ މަޑުކޮށްގެން ހުންނަންވީ ކީއްވެ ހެއްޔެވެ؟ އިސްލާމް ނުވެ މަޑު ކުރަނީ ކީއްވެ ހެއްޔެވެ؟ މުސްލިމް އެކުވެރިޔާ ވެސް އެ ސުވާލުތައް ކުރަން ފެށި އެވެ.

އެ ސުވާލުތަކުގެ ޖަވާބު ޚުދު އޭނާ އަށް ވެސް ނޭނގެ އެވެ. ނަމަވެސް ކުއްލި އަކަށް އޭނާގެ މަންމަ މަތިން ހަނދާން ވެއްޖެ އެވެ. މަންމަ ދުނިޔޭގައި ހުރި ނަމަ މިހާރު އިސްލާމް ދީން ގަބޫލު ކުރާނެ އެވެ.

އެހެން ކަމުން ޖެހިގެން އައި ހުކުރު ދުވަހު އޭނާ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ވީ އެވެ. އެދުވަހު އޭނާ ހުރީ ބޮޑު ހާސްކަމެއްގަ އެވެ. ކްލާހުގައި އިން އިރު މީހާ ތުރުތުރު އަޅަ އެވެ. ފިލަން ވެސް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އޭނާ އަށް އިޝާރާތްތަކެއް ލިބުމާ އެކު، ހުކުރު ޚުތުބާ އަށް ފަހު އިސްލާމްވީ އެވެ. އެއީ 2008 ވަނަ އަހަރު އެވެ.

އެއަށް ފަހު ފަސްދީ އޭނާ ނުބަލަ އެވެ. އިރާދަކުރެއްވިއްޔާ ނުވެސް ބަލާނެ އެވެ. އިސްލާމް ވުމަކީ ހަޔާތުގައި ނިންމި އެންމެ ރަނގަޅު ނިންމުމެވެ. މިއަދު އޭނާ އަކީ ހެޔޮލަފާ އަޅެއް ކަމުގެ އިޙްސާސް އަމިއްލަ އަށް ވެސް ކުރެވެ އެވެ.

ކެމަރަންގެ ހިތް ސާފުވެ، އޭނާގެ ހިތް ހުޅުވިގެން ދިޔައީ މަންމަގެ މަރަށް ފަހު އެވެ. މަންމަ ނެތުމުގެ ހިތާމަ އިންތިހާ އަށް ބޮޑު ނަމަވެސް، ތެދުމަގު ލިބުނީތީ އޭނާ ﷲ އަށް ހަމްދު ކުރެ އެވެ.

-ނިއުމޭން2015-

comment ކޮމެންޓް