އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓާންބުލް ޓްރަމްޕަށް މަލާމަތް ކުރައްވާ ވީޑިއޯއެއް ލީކުވެއްޖެ

އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކަމް ޓާންބުލް މިދިޔަ މަހު ނިއު ޔޯކުގައި -- ފޮޓޯ: ރޮއިޓާސް

ކެންބެރާ (ޖޫން 15): އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކަމް ޓާންބުލް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަލާމާތް ކުރައްވާ އަޑު އިވިގެންދާ ވީޑިއޯއެއް އެގައުމުގެ މީޑިއާއިން ލީކުކޮށްފި އެވެ.

އެއީ މީޑިއާއަށް ހާއްސަކޮށް ގާނޫނު ހަދާ މަޖިލީހުގައި ކޮންމެ އަހަރަކު ބާއްވާ މިޑް ވިންޓާ ބޯލްގައި ބޮޑުވަޒީރު ދެއްވި ތަގުރީރުގެ ތެރެއިން ދެއްކެވި ވާހަކަފުޅެކެވެ. އެއިވެންޓުގައި ހިނގާ ކަންތައްތަކަކީ އާއްމުކޮށް ނޫސްވެރިން ރިޕޯޓު ކުރާ ކަންތައްތަކެއް ނޫނެވެ.

އަދި އެވީޑިއޯ ލީކުކޮށްފައި ވަނީ އެއިވެންޓަށް ހާޒިރުވެފައި ނުވާ ނައިން ނެޓްވޯކުގެ ރިޕޯޓަރެއް ކަމަށްވާ ލައުރީ އޯކްސް އެވެ.

އެވީޑިއޯ އިން ފެނިގެން ދަނީ ޓްރަމްޕް ވާހަކަ ދައްކަވާ ގޮތައް ޓާންބުލް ވާހަކަ ދައްކަވާ މަންޒަރެވެ. އެގޮތުން ޓްރަމްޕް ތަކުރާރުކޮށް ރިޔާސީ އިންތިހާބުގެ ނަތިޖާގެ ވާހަކަ ދައްކަވާތީ އެކަމަށް ގޮންޖައްސަވައި، އޮންލައިންކޮށް ބާއްވާ 'ފޭކް' ހިޔާލު ހޯދުމުގެ ވޯޓުތަކަށާއި ރަޝިއާއިން އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލައަށް ވެސް އިޝާރާތް ކުރައްވާފައިވެ އެވެ.

"ޑޮނަލްޑާއި އަޅުގަނޑު ދަނީ ވޯޓުތަކުން މޮޅުވަމުން. އަޅުގަނޑުމެން މޮޅުވަމުން ދަނީ އިންތިހާއަށް، އަޅުގަނޑުމެން ދަނީ ކުރިން މޮޅުނުވާ ވަރަށް މޮޅުވަމުން... ފޭކު އިންތިހާބެއް ނޫން. އަޅުގަނޑުމެން މޮޅުވަނީ އަސްލު އިންތިހާބުތަކުން.. އެއިންތިހާބުތަކުން މޮޅުވާން ވަރަށް ފަސޭހަ،" ޓާންބުލް ވިދާޅުވާ އަޑުއިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ރައީސް ޓްރަމްޕާއި ބޮޑުވަޒީރު ޓާންބުލްގެ މެދުގައި ކުރެވުނު ފޯނު ކޯލެއްގައި ދެބޭފުޅުންގެ މެދުގައި ދެބަސްވުން އުފެދި، ޓްރަމްޕް ވަނީ ފޯނު ކަނޑުއްވާލައްވާފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ރައީސް ޓްރަމްޕް ކޯފާވީ ހަނގުރާމަތައް ހިނގަމުންދާ މެދުއިރުމަތީގެ ގައުމުތަކުންނާއި އެފްރިކާގެ ބައެއް ގައުމުތަކުން އޮސްޓްރޭލިޔާއަށް ދަތުރުކުރާ ރެފިއުޖީންގެ ތެރެއިން ބައެއް މީހުން އެމެރިކާއަށް ހިޖްރަކުރުމުގެ ފުރްސަތު ދިނުމަށް ބޮޑުވަޒީރު ޓާންބުލް ބާރުއެޅުއްވުމުންނެވެ.

ނަމަވެސް މިދިޔަ މަހު އެމެރިކާގައި ދެ ބޭފުޅުން ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ ދެ ބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް