ގަތަރަށް 12 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމާ ބެހޭ އެއްބަސްވުމެއްގައި އެމެރިކާ ސޮއިކޮށްފި

ގަތަރަށް 12 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމާބެހޭ އެއްބަސްވުމުގެ ރަސްމިއްޔާތު

ވޮޝިންޓަން (ޖޫން 15) : ގަތަރަށް 12 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމާ ބެހޭ އެއްބަސްވުމެއްގައި އެގައުމާ އެކު އެމެރިކާ ސޮއިކޮށްފި އެވެ. އެމެރިކާގެ ދިފާއީ މިއެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓިސް އެވެ.

ގަތަރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ދިފާއީ ކަންކަމާ ބެހޭ ދައުލަތުގެ ވަޒީރު ޚާލިދް އަލްޢަތިއްޔާ އެވެ. މި އެއްބަސްވުމުގައި ގަތަރާ އެކު އެމެރިކާ ސޮއިކުރީ ގަތަރަކީ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވުމުގެ ތާރީޚެއް އޮތް ގައުމެއްކަމަށް ވިދާޅުވެ ޓެރަރަޒިމަށް ވާގިވެރިވާ ކަމުގެ ތުހުމަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަތަރުގެ މައްޗަށް ކުރައްވާފައި ވަނިކޮށެވެ. ޓެރަރިޒަމަށް އެހީތެރިވާ ގައުމަކަށް 12 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ޓްރަމްޕް ނިންމެވި ނިންމެވުމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ބާރަ ބިލިޔަން ޑޮލަރުގެމި އެއްބަސްވުމުގައި ހިމެނެނީ އެފް 15ގެ ފައިޓާ ޖެޓްގެ 72 ޖެޓް ގަތަރަށް ވިއްކުމާއި އެނޫން ވެސް ބަރުހަތިޔާރާއި އަސްކަރީ ކޮމިއުނިކޭޝަނާ ބެހޭ އާލާތްތަކާއި ރާޑަރުގެ އިތުރުން އެތަކެތި ބޭނުން ކުރުމަށް ގަތަރު ސިފައިންނަށް ތަމްރީން ދިނުމެވެ. މިއީ މީގެ ދެ އަހަރު ކުރިން ފެށިގެން ގަތަރާއި އެމެރިކާއާ ދެމެދު ދެކެވެމުން ދިޔަ ވާހަކަތަކެއްގެ މަތިން އެއްބަސްވުމަކާ ހަމައަށް އާދެވުނު އެއްބަސްވުމެކެވެ.

ގަތަރުގައި އެމެރިކާގެ އަސްކަރީ ބޭހެއްވެސް އޮވެ އެވެ. އެއީ ގަލްފުގެ ސަރަހައްދުގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭހެވެ.

މިދުވަސްވަރަކީ ގަލްފުގެ ތިން ގައުމެއް ކަމަށްވާ ސައޫދީ، ޔޫއޭއީ އަދި ބަހްރައިން އިން ގަތަރާ ކުއްލިއަކަށް ގުޅުންތައް ކަނޑާލައި އެގައުމާ ދެކޮޅަށް ޙިސާރުގެ ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން ގަލްފުގެ ސަރަހައްދުގެ މަސްރަޙް ވަރަށް ހޫނުވެފައިވާ ދުވަސްވަރެކެވެ. ސައޫދީ، ޔޫއޭއީ އަދި ބަހްރައިން އިން ގަތަރާ ދެކޮޅަށް މިފަދަ ހަރުކަށި ގޮތަކަށް ކަންތައްކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފެހި އަލި ލިބިގެންކަމަށްވަނީ ބެލެވިފަ އެވެ.

ޓްރަމްޕް ދާދިފަހުން ވަނީ ސައޫދީގެ އެހީގައި އިސްލާމީ ގައުމުތަކުގެ ލީޑަރުން ރިޔާޒް އަށް އެއްކޮށްގެން ސައޫދީގައި ތިން ސަމިޓެއް ބާއްވާފަ އެވެ. މި ތިން ސަމިޓްގައި ވެސް މަޝްވަރާކޮށްފައި ވަނީ ޓެރަރިޒަމްގެ މައްސަލައާ ބެހޭ ގޮތުންނެވެ. އިސްލާމީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ހިނގާ ހަނގުރާމަތައް ހުއްޓާލުމުގެ ވާހަކައާއި ފަލަސްތީނު މައްސަލައާއި މަތްވެގެންވާ މަސްޖިދުލްއަގްސާ އިސްރާއީލުގެ އަތްދަށުން މިނިވަންކުރުން ފަދަ އިސްލާމީ ބޮޑެތި އެއްވެސް މައްސަލަތަކާ ބެހޭ ގޮތުން މިއިން އެއްވެސް ސަމިޓެއްގައި މަޝްވަރާކޮށްފައެއް ނުވެ އެވެ.

މީގެ ތެރެއިން ސައޫދީ ރަސްގެފާނާ އެކު ޓްރަމްޕް ބޭއްވެވި ސަމިޓްގައި ސައޫދީ ރަސްގެފާނާއި ޓްރަމްޕް ވަނީ 460 ބިލިޔަން ޑޮލަރުގެ ހަތިޔާރު ސައޫދީ އަށް ވިއްކުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ އެވެ.

މިއީ އެމެރިކާގެ އިގްތިސާދު ރަނގަނޅުކޮށް އެމެރިކާގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޓަކައި ސޮއިކުރިއެއްބަސްވުންތަކެއްކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. މި ފައިސާގެ ބައެއް އެމެރިކާގެ ބައުވެފައިވާ އިންފްރާސްޓްރަކްޗާ ޒަމާނީކުރުމަށް ޓަކައި ޚަރަދުކުރާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ގަލްފުގެ ގައުމުތަކުގެ މެދުގައި ބައިބައިވުންތައް އުފެދިގެންދިޔައީ މިސަމިޓް ބޭއްވިތާ ތިން ހަފްތާވެސް ނުވަނީހެވެ. ގަތަރާއި ގަލްފުގެ ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލާގައި ވެސް އެމެރިކާ ގެ ސިޔާސަތުވަނީ އޮޅުންބޮޅުންތަކެއްގެ ތެރޭގަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް