އެންމެ ބޮޑު ފަތަޙަ – މައްކާ ފަތަޙަކުރެއްވުން

ހަޖޫނުގައި ހުންނަ މަސްޖިދުލް ފަތުޙު: މި މިސްކިތް އިމާރާތްކުރެވިފައިވަނީ މައްކާ ފަތަޙަކުރެއްވި ދުވަހު ކައުސާހިބާގެ ދިދަ ޖެއްސެވިތަނުގެ ކައިރީގައެވެ --

ނޯޓު: މިމަޒުމޫނުގެ އަސްލަކަށް ބަލައިފައިވަނީ ޕާކިސްތާނުގެ ބަހާވަލްޕޫރު އިސްލާމިކު ޔުނިވަރސިޓީގެ ކުރީގެ ވައިސްޗާންސެލަރު ޑޮކްޓަރު ނަޞީރު އަޙްމަދު ނާޞިރު ލިޔުއްވައިފައިވާ " ޕޭޣަމްބަރެ އަޢުޘަމް ވައާޚިރު" މިފޮތެވެ. މި ފޮތަކީ ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ފަރާތުން ބޭއްވި ސީރަތު ލިޔުމުގެ މުބާރާތުން ތިންވަނައަށް ދިޔަ ފޮތެވެ. އެމުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ ހޯއްދެވީ އިންޑިޔާ ޕާކިސްތާނުގެ ޢިލްމުވެރީންނެވެ.

* * * *

މިއަދަކީ ބަރަކާތްތެރި ރަމަޟާންމަހުގެ ވިހިވަނަދުވަހެވެ. މައްކާ ފަތަޙަކުރެއްވި ދުވަހެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާ ފަތަޙަކުރެއްވީ ހިޖްރައިން އަށްވަނަ އަހަރުގެ ރަމަޟާންމަހުގެ ވިހިވަނަދުވަހެވެ.

މައްކާއާއި ޤުރައިޝުންގެ އަހަންމިއްޔަތު

މައްކާއަކީ ޤަބީލާތަކާއި ވަންހަތަކަށް ބެހިފައިތިބި ޢަރަބީންގެ ދީނީވެރިރަށެވެ. މައްކާއަށް އެމަޤާމު ލިބިފައިވާ އެންމެ ފުރަތަމަ ސަބަބަކީ ކަޢުބަތުﷲ ގެފުޅު މައްކާގައި ހުރުމެވެ. ތައުޙީދުގެ މަރުކަޒުގެ ގޮތުންނެވެ. ދެވަނައަށް ޙިޖާޒުކަރައިގައި މައްކާއަށް ލިބިފައިވާ ޖޯގްރަފީ އަހަންމިއްޔަތެވެ. މުޝްރިކު އަރަބީން ޤަބޫލުކުރާގޮތުގައި އެބައިމީހުންގެ ދީނަކީ ސަލާމްލެއްވި އިބްރާހީމްގެފާނު ދީނެވެ. އެހެންކަމުން ޒަމާން ބަދަލުވެ އަރަބީންގެ ތެރޭގައި ބުދަށް އަޅުކަންކުރުން ޢާއްމުވުމަށްފަހުވެސް އެބައިމީހުންގެ ހިތްތަކުގައި ކަޢުބާގެ ޙުރުމަތް ދެމިއޮތެވެ. ކަޢުބާގެ ސަބަބުން މައްކާއަށް ލިބިފައި އޮތް މުޤައްދަސްކަމާއި، މަރުކަޒީ ޙައިޘިއްޔަތުވެސް ކުރިއެކޭ އެއްގޮތަށް ދެމިއޮތެވެ. ނަތީޖާއެއްގެ ގޮތުން މައްކާ ފަތަހަ ނުވަނީސް އަރަބިކަރަ އިސްލާމްދީނަށް ބޯނުލަނބާނެކަން މުސްލިމުންގެ ދުރު ވިސްނިވަޑައިގަންނަވާ ގާއިދު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ.

ޤުރައިޝުންނަކީ ޢަރަބިކަރައިގެ ދީނީ ޒަޢީމުންނެވެ. އެހެންކަމުން ޢަރަބިކަރައިން ބުދަށް އަޅުކަންކުރުން ނައްތައިލެއްވެން އޮތީ ޤުރައިޝުން އިސްލާމްދީނަށް ބޯލަނބައިގެންނެވެ. ޤުރައިޝުންނަކީ އިސްލާމީ ތަހްރީކުގެ އެންމެ ފުރަތަމަ ދުޝްމަނުންނެވެ. އިސްލާމްދީނުގެ ދަޢުވަތު ފާޅުވުމާއެކު ޤުރައިޝުން ބެލީ އެދަޢުވަތަކީ އެބައިމީހުންގެ އަމިއްލަ ވެރިކަމަށް ޖެހުނު ގޮމެއްކަމުގައެވެ. އެބައިމިހުންގެ ޝަރަފާއި ކަރާމަތަށް ދެވުނު ޙަމަލައެއް ކަމުގައެވެ. ތިމާގެ ޢިއްޒަތާއި ކަރާމަތާއި އަބުރު ރައްކާތެރިކުރުމަކީ ޢަރަބީންގެ ޤައުމީ ޝިޢާރެކެވެ. އެކަމަށްޓަކައި ކަތިވެމަރުވެ ތިމާމެންގެ ހުރިހާ އެއްޗެއްސެއް ޤުރްބާންކޮށްލާކަށްވެސް އެޒަމާނުގެ ޢަރަބީން ފަހެއްނުޖެހެއެވެ.

ޤުރައިޝުންނަކީ ޢަރަބީންގެ އެންމެ ވަރުގަދަ އަސްކަރީ ބަޠަލުންނެވެ. ހަނގުރާމައިގެ އެންމެ ކުޅަދާނަ ކޮމާންޑަރުންނެވެ. އެބައިމީހުން ދެކޭގޮތުގައި އެބައިމީހުންނަކީ އިބްރާހީމީ ދީނާއި، ބައިތުﷲގެ ފާރަވެރިންނެވެ. ހަމައެފަދައިން ޤުރައިޝުންގެ ސިޔާސީ ތަޖްރިބާ އާއި، ވަށައިގެން ހުރި ދައުލަތްތަކާމެދު އެބައިމީހުންނަށް ލިބިފައިވާ މުއްސަދި މަޢުލޫމާތުތަކަކީ އިސްލާމީ ދަޢުވަތު އުދަރެސްތަކަށް ފަތުރައިލުމުގައި ނުހުނު ބޭނުންތެރިކަންކަމެވެ. އެހެންކަމުން ވީހައިވެސް މައިތިރި ގޮތަކަށް ޤުރައިޝުން އިސްލާމްދީނަށް ބޯލަންބުވައި މުސްލިމުންގެ ބާރުގެ ދަށަށް މައްކާ ގެންނެވުމުގެ ބޭނުންތެރިކަން އިސްލާމްދީނުގެ ނަބިއްޔާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އެމާތް ސާހިބާ ގެންދެވީ އެކަމަށް ދުރާލާ ވިސްނައިވަޑައިގެން ވަސީލަތްތައް ތައްޔާރުކުރައްވަމުންނެވެ.

ފަތަޙައިގެ ޢަސްކަރީ މަރުޙަލާ

އަޙްޒާބު ހަނގުރާމަޔަށްފަހު ޤުރައިޝުންނާއި، އެބައިމީހުންގެ އެކުވެރި ޤަބީލާތަކުގެ މެދުގައި އޮތީ ބައިބައިވުން އުފެދިފައެވެ. އެބައިމީހުންގެ އަޒުމާއި ޔަޤީންކަމަށް އޮތީ ގުޑުން އަރައިފައެވެ. ބޭރުފުށުން އެކުވެރިކަމުގައި ފެނުމާއެކުވެސް އެތެރެއިން އޮތީ ރޫޅެން ފަށައިފައެވެ. ޝިރުކަކީ ފަރުދެއްގެ ކިބައިގައި އެކަން ދެމިއޮތަސް ޤައުމެއްގައި އަށަގެންފައި އޮތަސް އެބައެއްގެ ޝަޚްސިއްޔަތަށް އޭގެ ނޭދެވޭ އަސަރުފޯރުވާ ކަމެކެވެ. އެބައެއްގެ ނަފްސާނީ ޙާލަތު ނުބައިކޮށްލާކަމެކެވެ. އެހެންކަމުން، ޤުރައިޝުންނަށް ޙުދައިބިއްޔާގެ މުޢާހަދާގައި ސާބިތުވެ ނުތިބެވޭނެކަން އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެނެވަޑައިގަންނަވައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގެންދެވީ އެދަނޑިވަޅުގެ ފައިދާ ނަންގަވަން ނުހަނު ޙިކްމަތްތެރިކަމާއެކު ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. އިތުރުސާހިބާގެ ރޭއްވެމުކީ ވަރުގަދަ މައުރިކާއެއް ނުހިންގަވައި އިންސާނީ ލޭތަކެއް އޮހޮރައިނުލައްވައި ވީހާވެސް ލުއިލުއިގޮތަކަށް މައްކާގެ މައްޗަށް ބާރުހިންގެވުމެވެ. ޤުރައިޝުން ކިޔަމަންކޮށްލެވުމެވެ. އަނެއްކޮޅުން ޙުދައިބިއްޔާގެ ސުލްޙައިގެ ސަބަބުން ލިބުނު އަމާންކަމުގެ ދުވަސްތައް ބިނާކުރަނިވި ގޮތެއްގައި ބޭނުން ހިފުމުގެ ވިސްނުމެއް ޤުރައިޝުންގެ ކިބަޔަކުނެތެވެ. އެބައިމީހުން ތިބީ ޣާފިލުކަމުގައެވެ. ޤުރައިޝުންގެ ޣާފިލުކަމާއި ދުރަށް ނުވިސްނުމުގެ ސަބަބުން އެބައިމީހުންގެ އެކުވެރި ޤަބީލާއެއް ކަމުގައިވާ ބަކުރުވަންހައިގެ މީހުންނަށް ހަތިޔާރުދީގެން މުސްލިމުންގެ ޙަލީފުންކަމުގައިވާ ޚުޒާޢަތު ވަންހައިގެ މީހުނާ ހަނގުރާމަކުރުވިއެވެ. ސީދާ ހަރަމުގެ ތެރޭގައި ޚުޒާޢަތުވަންހައިގެ މީހުން ޤަތުލުކުރުވިއެވެ. އެކަމަކީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ހުދައިބިއްޔާގެ އަހްދުނާމާއާ ޚިލާފުވުމެވެ. ބަކުރުވަންހައަކީ ޤުރައިޝުންގެ ޙަލީފުން ކަމުގައިވާ ފަދައިން ޚުޒާޢަތުވަންހައިއަކީ މުސްލިމުންގެ ޙަލީފުންނެވެ.

މިހާދިޘާގެ ހޫނުކަންހުއްޓައި ޚުޒާޢަތުވަންހައިގެ ޒަޢީމެއްކަމުގައި ޢަމްރުބުނު ސާލިމުގެ ވެރިކަމުގެ ދަށުގައި އެވަންހައިގެ ވަފުދެއް މަދީނާއަށް ދިޔައެވެ. ޢަމްރުބުނުސާލިމު ގަތުލާއި ފޭރުމުގެ އެނުރައްކާތެރި ޙާދިޘާގެ ވަރަށް ފުރިހަމަ ތަސްވީރެއް އިތުރުސާހިބާގެ އަރިހަށް ހުށަހެޅިއެވެ. މުސްލިމުންގެ ހިތާމައާއި ރުޅިވެރިކަން ވަގުތުން ސައްތަޔަށް އެރިއެވެ. ހަތަރު ފަރާތުން ޤިޞާޞުގެ އަޑު އުފުލޭން ފެށިއެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެންވެސް ޤަސްދުކުރެއްވި ޑިޕްލޮމެޓިކު ގޮތުން އިހަށް މަސައްކަތްކޮށްލެއްވުމަށެވެ. އެގޮތުން އިތުރުސާހިބާގެ ސަފީރުން ޤުރައިޝުންގެ ގާތަށް ފޮނުއްވިއެވެ. މުސްލިމުންގެ ފަރާތުން ޤުރައިޝުންނަށް ތިން ޝަރުތެއް ހުށަހެޅުއްވިއެވެ. އޭގެތެރެއިން ކޮންމެވެސް އެއްޝަރުތެއް ޤަބޫލުކުރަން އެންގެވިއެވެ. އެތިން ޝަރުތަކީ :

  1. ޤަތުލުވި މީހުންގެ މަރުގެދިޔަދިނުން
  2. ޤުރައިޝުން ބަކުރުވަންހައިގެ ޙިމާޔަތުން އެއްކިބާވުން
  3. ހުދައިބިއްޔާގެ އެގްރިމެންޓް އުވުނުކަން ސާފުބަހުން އިއުލާނުކުރުން

ޤުރައިޝުން ޤަބޫލުކުރީ ތިންވަނަ ޝަރުތެވެ. އެއުރެންގެ ބޮޑާކަމާއި އަނިޔާވެރިކަމުގެ ޖޯޝުގައި ދުރަށް ނުވިސްނުމުގެ ސަބަބުންނެވެ. ޤުރައިޝުންގެ ތަރުޖަމާނު ޤަމްރަޠު ބިން ޢުމަރު ޙުދައިބިއްޔާގެ އެގްރިމެންޓް އުވުނުކަން ސާފު ބަހުން އިޢުލާނުކުރިއެވެ. މުސްލިމުންގެ ސަފީރުން ފުރައިގެން މަދީނާއަށް ދަތުރުފެށުމާއެކު ޤުރައިޝުން އެމީހުންގެ ނިންމުން މުރާޖާކުރިއެވެ. އެހައިތަނުން އެމީހުންނަށް ރޭކާލީ މިއެޅުނީ ވަރަށްވެސް ޅައެއްޗެއްކަމެވެ. ތިމާމެންނަށް މިނިންމުނީ ބިރުވެރި ނަތީޖާއެއް ނުކުމެދާނެ ނިންމުމެއްކަމެވެ. ޤުރައިޝުން އެކަމާ ވަރަށް ހިތާމަކުރިއެވެ. ހުދައިބިއްޔާގެ އެގްރިމެންޓް އާކުރުމަށްޓަކައި އެބައިމީހުންގެ ޒަޢީމު އަބޫސުފްޔާން މަދީނާއަށް ފޮނުވިއެވެ.

އަބޫސުފްޔާން މަދީނާއަށް ވަޑައިގެން ސުލްޙަނާމާ އާކުރައްވަން ވަރަށް މަސައްކަތް ކުރެއްވިއެވެ. މުހާޖިރުންގެ ކުރިޔަށް ތިއްބެވި އެކި ބޭކަލުންނާ އޭނާއާ ދެމެދު އޮތް ތިމާގެފުޅުކަމުގެ ގުޅުން ވަސީލަތަކަށް ހައްދަވަންވެސް އުޅުއްވިއެވެ. ނަމަވެސް އޭނާގެ މަޤްސަދު ހާޞިލުވެވަޑައެއްނުގެންނެވިއެވެ. އޭނާ އެންމެފަހުން ހުސްއަތްޕުޅާ މައްކާއަށް އެނބުރި ވަޑައިގެންނެވީއެވެ.

ކައުސާހިބާޞައްލަﷲ ޢަލައިހި ވަސައްލަމަ އަޙުޒާބު ހަނގުރާމަޔަށްފަހު މައްކާ ފަތަހަކުރައްވަން ރޭއްވެވި ދިގުމުއްދަތުގެ ރޭއްވެވުމުގެ މުޤައްދިމާއަކީ ޙުދައިބިއްޔާގެ ސުލްޙަނާމާއެވެ. އެހެންކަމުން އިތުރުސާހިބާގެ ބުއްދިވެރި ރޭއްވެވުމާ އެއްގޮތަށް ފިޔަވަޅު އެޅުއްވުމުގެ ވަގުތު އައިސް ޖެހުނީއެވެ. އިތުރުސާހިބާ މުސްލިމުންގެ އިއްތިހާދީ ޤަބީލާތަކަށް ސަފީރުން ފޮނުއްވައި ހަނގުރާމަވެރީން މަދީނާއަށް ޖަމާވުމަށް އެންގެވިއެވެ. ނަމަވެސް ޤުރައިޝުން ދުރާލާ ތައްޔާރުވެ ވަރުގަދަ ކުރިމަތިލުމަކަށް މަގުފަހިވިޔަ ނުދެއްވަން ނުހަނު ޙިކުމަތްތެރި ފިޔަވަޅުތަކެއް އެޅުއްވިއެވެ. ވަރަށް ވަރުގަދަޔަށް ސިއްރުތައް ހިފެހެއްޓެވިއެވެ. ހިޖްރައިން އަށްވަނަ އަހަރުގެ ރަމަޟާންމަހުގެ ދިހަވަނަ ދުވަހު ދިހަހާސް މުޖާހިދުންނާއެކު މަދީނާއިން ނުކުމެވަޑައިގެން މައްކާއަށް ދަތުރުފެއްޓެވިއެވެ. ނަމަވެސް ވަޑައިގަންނަވާ ދިމާއެއްވެސް ދަތުރުފުޅުގެ ބޭނުންފުޅެއްވެސް އިޢުލާނެއް ނުކުރައްވައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިދަތުރުފުޅުގައި ޚިޔާރުކުރެއްވީވެސް ޢާއްމުކޮށް މައްކާއަށް ދަތުރުކުރާ މަގެއްނޫނެވެ. އިތުރު ސާހިބާ އެހެން މަގަކުން ލަޝްކަރާއިގެން ވަޑައިގެން މައްކާއާ އެއްމަންޒިލު ދުރުގައި މުއްރުއްޡަހްރާން (މިހާރުގެ ވާދީ ފާތިމާ) ގައި އަސްކަރީ ކޭމްޕް ޖެއްސެވިއެވެ. އެއަށްފަހު މައްކާގެ މީހުންނަށް އިސްލާމީ ލަޝްކަރުގެ ސާފު އަދަދު އޮޅުންފިލިޔަ ނުދެއްވުމަށްޓަކައި މުސްލިމުންގެ އަސްކަރު ގާހު އެތައް ހިސާބަކަށް ފަތުރައިލެއްވިއެވެ. އެރޭ އިސްލާމީ ލަޝްކަރުގެ ކޮންމެ މީހަކު ވަކި އަލިފާންގަނޑެއް އަންދަންވެސް އަމުރުކުރެއްވިއެވެ. އިތުރުސާހިބާގެ ރޭއްވެވުމަކީ އިސްލާމީ ލަޝްކަރު އަސްލު އަދަދަށްވުރެ އެތައްގުނައެއް އިތުރުކަމުގައި މުޝްރިކުންނަށް ދެއްކެވުމެވެ. މުޝްރިކުން ބިރުގަނެ ހިތްވަރު އެލޭނެގޮތުންނެވެ. ވަރުގަދަ ހަނގުރާމައެއް ނުހިންގަވައި މައްކާ ފަތަހަކުރެއްވޭނެ ގޮތުންނެވެ. ކަންހިނގައިދިޔައީވެސް އެރޭއްވެވުމާ އެއްގޮތަށެވެ.

ޤުރައިޝުންނަށް އިސްލާމީ ލަޝްކަރުގެ ޚަބަރު ލިބުމުން ވަރަށް ޙައިރާންވިއެވެ. އެމީހުންތިބީ މިފަދަ ކުއްލި ޙަމަލައަކަށް ވިސްނުމުގެ ގޮތުންވެސް އަސްކަރީގޮތުންވެސް ތައްޔާރުވެގެންނެއް ނޫނެވެ. އެހެންކަމުން ބޯމަތިވިވަރުގަދަ ނުރައްކަލާ ކުރިމަތިލެވޭފަދަ ހިތްވަރެއްވެސް ބުންވަރެއްވެސް ޤުރައިޝުންގެ ކިބަޔަކުނެތެވެ. ނަމަވެސް އިސްލާމީ ލަޝްކަރުގެ ޢަދަދާއި މަޤްޞަދަކީ ކޮބައިކަމާއި، އަސްކަރީ ރޭވުން އޮތްގޮތެއްގެ މައުލޫމާތު ހޯދުމަށްޓަކައި އަބޫސުފްޔާނާއި، ބުދައިލު ބިން ވަރަޤާއާއި، ޙަކީމު ބިން ޙުޒާމާ ތިން މީހުން ފޮނުއްވިއެވެ. އިސްލާމީ ލަޝްކަރުގެ ފާރަވެރީން އަބޫސުފްޔާނު ހައްޔަރު ކުރެއްވިއެވެ. މުސްލިމުންގެ ދުރުވިސްނި ވަޑައިގަންނަވާ ޒަޢީމު އިސްލާމީ ތަޙްރީކުގެ މުސްތަޤްބަލުގެ މަސްލަހަތަށް ވިސްނައިވަޑައިގެން އަބޫ ސުފްޔާނަށް މާފުދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އަބޫސުފްޔާނުވެސް އިސްލާމްވެވަޑައިގެންނެވިއެވެ. ޤުރައިޝުންގެ ނިސްބަތުގައި މިއީ ހަރުފައެއްގެ ބޯމަރުވުން ފަދަކަމެކެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ ލަޝްކަރަށް މައްކާއަށް އަރަން އެންގެވުމުގެ ކުރިން މައްކާގައި އިޢުލާންކުރެއްވިއެވެ. މަސްޖިދުލް ހަރާމަށް ވަދެއްޖެމީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. އަބޫސުފްޔާނުގެ ގެއަށް ވަދެހުރެއްޖެމީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. އަމިއްލަގެޔަށް ވަދެ ދޮރުލައްޕައިގެން ހުރެއްޖެމީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. ކައުސާހިބާގެ މަޤްސަދަކީ ގިނަބަޔަކު ހަނގުރާމައިން އެއްކިބާ ކުރެއްވުމެވެ. ގިނަ ލޭތަކެއް އޮހޮރުނަ ނުދެއްވުމެވެ. މިޢާއްމު މަޢާފުގެ ނަތީޖާ ވަރަށް ރަނގަޅެވެ. މުސްލިމުންގެ ގަދަފަދަ ލަޝްކަރު ކުއްލިޔަކަށް ކުރިމަތީން ފެނުމުން މައްކާގެ މީހުންތިބީ އަތްފައިފިނިވެފައެވެ. ޤުރައިޝުންގެ ކިބުރުވެރިކަން އޮތީ ނޭވާހޮޅިޔަށް އެޅިފައެވެ. އެހެންކަމުން މައްކާގެ ގިނަމީހުން މި ޢަފޫޢާއްމުގެ ފައިދާ ހޯދަން އަވަސްވެގަތެވެ. ކައުސާހިބާގެ މި ޙިކްމަތްތެރިކަމުގެ ސަބަބުން އެމާތްސާހިބާ މައްކާއަށް ވަދެވަޑައިގަތީ އެއްވެސް ދެކޮޅުވެރިކަމަކާ ކުރިމަތިނުލައްވައެވެ. އެކަލޭގެފާނު މައްކާއަށް އަރައިވަޑައިގަތީ މައްކާގެ މަތީފަރާތުންނެވެ. އޭރު ޙަޖޫނުގައި ހުރީ އެކަލޭގެފާނުގެ ދިދަޖަހައިފައެވެ. އިތުރުސާހިބާ އެންމެ ފުރަތަމަ ވަޑައިގަތީ އެތަނަށެވެ. އެތަނަށް ވަޑައިގެން އިރުކޮޅަކު އަރާމުކޮށްލެއްވުމަށްފަހު ދެން ވަޑައިގެންނެވީ އަލްމަސްޖިދުލް ޙަރާމަށެވެ. މައްކާގެ ތިރީ ފަރާތުން ކުދާއެވެ ކިޔުނުމަގުން އިސްލާމީ ލަޝްކަރުގެ އަސްވާރުންނާއިގެން މައްކާއަށް އަރައިވަޑައިގަތުމަށް އަންގަވައިފައިއޮތީ ޚާލިދުބުނުލް ވަލީދު ސައިފުﷲ އަށެވެ. ޚާލިދުބުނުލް ވަލީދުގެ ދިދައިގެދަށުގައިވާ އިސްލާމީ ލަޝްކަރުގެ އަސްވާރުންގެ ޔުނިޓަށް މައްކާގެ ތަންކޮޅެއް ނޭއްދާރު ޒުވާނުންކޮޅެއް ހުރަސް އަޅަން މަސައްކަތެއްކޮށްލައި ހިސާބަކަށް ބަޔަކު ޤަތުލުވި ކަމުގައިވިޔަސް މައްކާ ފަތަހަވީ ހަނގުރާމަޔަކާނުލައެވެ. ނަތީޖާއަކީ ޤުރައިޝުންގެ ދެކޮޅުވެރިކަން އަބަދަށްޓަކައި ފިލައިގެން ދިޔުމެވެ.

ކައުބާ ޠާހިރުކުރެއްވުން

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ފަތަހަކުރެއްވުމަށްފަހު އެންމެ އިސްކަންދެއްވީ ކަޢުބަތުﷲ ގެފުޅު ޠާހިރު ކުރެއްވުމަށެވެ. އިތުރުސާހިބާ ގެފުޅު ހުޅުއްވައިގެން ވަދެވަޑައިގެންނެވިއެވެ. ބިލާލުގެފާނާއި ޠަލްޙަތުގެފާނާ (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އުސާމާބިން ޒައިދާ) ދެބޭކަލުން އަރިހުގައި ބައިވެރިކުރެއްވިއެވެ. ގެފުޅުގެ ތެރޭގައްޔާއި ގެފުޅުގެ ކައިރީގައި ބަހައްޓައިފައިހުރި ބުދުތައް މުގުރުއްވައި ފާރުކޮޅުތަކުގައި ތަތްކޮށްފައިހުރި ބާޠިލް ތަސްވީރުތައް ނައްތައިލެއްވިއެވެ. ގެފުޅު ޠާހިރު ކުރެއްވުމަށްފަހު ގެފުޅުގެތެރޭގައި ތަކުބީރު ވިދާޅުވެ ނަމާދުކުރެއްވިއެވެ. އިތުރުސާހިބާގެ އަމުރުފުޅަށް ބިލާލުގެފާނު ގެފުޅުގެ މައްޗަށް އަރައިވަޑައިގެން ތައުޙީދުގެ ނިދާ އިޢުލާނުކުރެއްވިއެވެ.

މައްކާ ފަތަހަކުރެއްވުމުން މުސްލިމުންނަށް ޢަމަލީގޮތުން ވަނީ އަރަބިކަރައިގެ ވެރިކަން ލިބިފައެވެ. މުސްލިމުންގެ ކުރިމަތީގައި ދެންއޮތީ ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމީ ދަޢުވަތު ފަތުރައިލުމެވެ. އެހެންކަމުން އިތުރުސާހިބާ މައްކާ ފަތަހަކުރެއްވުމަށްފަހު ދެއްވި ޚުޠުބާގައި މުޚާޠަބު ކުރެއްވީ ހަމައެކަނި މައްކާގެ އަހުލުވެރިންނަކާ ނޫނެވެ. އަދި ކީއްތޯއެވެ. މުޅި އިންސާނީ ނަސްލަށެވެ.

ކަޢުބަތުﷲ އާއި މަސްޖިދުލް ހަރާމް --

ފަތަޙައިގެ ޚުޠުބާ

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ފަތަޙައިގެ ޚުޠުބާ ފައްޓަވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް ބައިވެރިޔަކު ނުވާ އެއްކައުވަންތަ ﷲއެވެ. އެކަލާނގެ ވަޢުދުފުޅު ފުރިހަމަކުރެއްވިއެވެ. އެކަލާނގެ އަޅާއަށް ނަޞްރުދެއްވިއެވެ. އަދި އެއްކައުވަންތަ ހާލުކޮޅުގައި ދެކޮޅުވެރި ހުރިހާ ޖަމާޢަތްތައް ބަލިކުރެއްވިއެވެ."

ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.

އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! މިއަދަކީ ތިޔަބައިމީހުންގެ ޖާހިލިއްޔަތުގެ ބޮޑާކަން ނިގުޅުއްވައިގެންނެވި ދުވަހެވެ. އެބޮޑާކަމަކީ ތިޔަބައިމީހުން ކާބަފައިންގެ މާތްކަމާހުރެ ބޮޑާވާ ބޮޑާވުމެވެ. އެންމެހައި މީސްތަކުންނީ އާދަމުގެފާނުގެ ނަސްލުގެ މީހުންނެވެ. އާދަމުގެފާނު ހެއްދެވީ މަށީންނެވެ. އެއަށްފަހު ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތްކިޔަވައި ވިދާޅުވިއެވެ.

" އޭ މީސްތަކުންނޭވެ ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ : އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކާލަނގެ ތިޔަބައި މީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށްލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ތަޢާރުފުވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲއީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ." (އަލްޙުޖުރާތު :13)

އާދެ، އިސްވެދިޔަ ބަސްފުޅުތަކުން އެނގެނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ދުނިޔޭގެ އެހެނިހެން ޝަހެންޝާހުންފަދަ ރަސްކަލެއްނޫންކަމެވެ. ޑިކްޓޭޓަރެއް ނުވަތަ އެހެނިހެން ފާތިޙުން ކަހަލަ ފާތިޙެއްވެސް ނޫންކަމެވެ. އެދުވަސްވަރުގެ ޝަހެންޝާހުންނާއި، ގޮށްމުށުބާރުގެ ވެރީން ފަދަ ވެރިޔެއް ނޫންކަމެވެ. އާދެ، އެމާތް ސާހިބާއަކީ މާތްﷲގެ ތެދުވެރި ރަސޫލެއްކަމެވެ. މާތްﷲގެ ރަސްކަންފުޅު ފިޔަވައި އަޅުކަންވެވޭ އެހެން ހުރިހާ ފަރާތްތަކެއް އެންމެ ފުރަތަމަވެސް ނަހީކުރެއްވީ އެހެންވެގެންނެވެ. އެދުވަސްވަރުގެ ދުނިޔެއަށް ނަޒަރު ހިންގާއިރު ފާތިޙުންނަކީ ތިމާމެންގެ އަމިއްލަ ނަފްސު އިލާހުވަންތަކަމުގެ ދަރަޖަޔަށް އުފުލާބައެކެވެ. އަދި ކީއްތޯއެވެ؟ އެއުރެންގެ ހާމާނުންނާއި ޤާރޫނުންވެސް އިލާހުންކަމުގައި ބަލައިގަތުން ރައްޔިތުންނަށް މަޖްބޫރު ކުރުވާ ބައެކެވެ. ނަމަވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޤްރާރުކުރެއްވީ އަރަހުށި ހުސްތާހިރުވަންތަ މާތްﷲގެ އުލޫހިއްޔަތެވެ. ނަބީބޭކަލެއްގެ ހައިޘިއްޔަތުން އެމާތްސާހިބާއަކީ މުޅި އިންސާނިއްޔަތުގެ މުޢައްލިމުލް އަޚްލާގުއެވެ. މުޞްލިހު އަޢުޒަމެވެ. އެހެންކަމުން އެމާތް ސާހިބާ ޢަޞަބިއްޔަތާއި ބަދަލުހިފުމާއި، ބޮޑާކަމާއި ކިބުރުވެރިކަމާއި ނަސްލީ ފަޚުރުވެރިކަން ޙަރާމް ކުރެއްވިއެވެ. އެމާތްސާހިބާ އެމުނާސަބާގައިވެސް ދެއްވީ އިންސާނީ ހަމަކަމާއި ، އެއްބަނޑު އެއްބަފާކަމުގެ ދަރުސެވެ. އިތުރު ސާހިބާގެ ފަތަޙައިގެ ޚުޠުބާގައި އިއްޒަތާއި ޝަރަފުގެ މިންގަނޑެއްކަމުގައި އިޢުލާންކުރެއްވީ ތަޤްވާވެރިކަމެވެ. އެކަމުން ސާބިތުކޮށްދެނީ އެމާތްސާހިބާ ގެންނެވި ދީނަކީ ތެދުވެރިދީނެއްކަމެވެ. އިންސާނީ ފިޠުރަތާ އެއްގޮތް ދީނެއްކަމެވެ. އިލްހާމީ ދީނެއްކަމެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިޚުތުބާގައި ހާމަކުރެއްވި ޢިބުރަތުން ފުރިހަމަވެފައިވާ އަނެއް ހަޤީޤަތަކީ އެބޭކަލެއްގެ ތުއްޕުޅުއިރު ބާދިޔަތުގައި ޒުވާން އުމުރުފުޅު ބަކަރި ހުއިހެއްޕެވުމާއި ވިޔަފާރީގައި ހޭދަކުރެއްވި ބޭކަނލަކަށް ބާރަވަރަކަށް އަހަރުގެ ކުރު މުއްދަތުގައި ދެކޮޅުވެރި ހުރިހާ ބާރުތަކެއް ބަލިކޮށްލެއްވެވުނީ އަމިއްލަ މުލައްދަނޑިފުޅުގެ ބާރަކުން ނޫންކަމެވެ. އަރަހުށި މާތްﷲގެ މަދަދާއި ވާގިފުޅާއެކުގައިކަމެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމްދީނުގެ ދުޝްމިނުން ކަމުގައިވާ ޔަހޫދީންނާއި ނަސާރާއިންނާއި މުޝްރިކުންގެ މައްޗަށް ފަތަޙައަކަށްފަހު ފަތަޙައެއް ހޯއްދަވަމުން ގެންދަވައި ގާތްގަނޑަކަށް މުޅި އަރަބިކަރައިގެ ބިމާއި، އެބިމުގެ އަހްލުވެރީންގެ ހިތްތައް ފަތަޙަކުރެއްވީ ކުރީންވެސް ދެންނެވިފަދައިން ބާރައަހަރުގެ ކުރުމުއްދަތުގެ ތެރޭގައެވެ. ޝައްކަތެއްނެތްގޮތުގައި އެއީ މުޢުޖިޒާއެކެވެ. ޣައިބީ ބާރެއް އެކަލޭގެފާނު ރައްކާތެރިކުރައްވައި ޙިމާޔަތްކުރައްވައި ނަސްރުވެރި ކުރެއްވިކަމުގެ ފާޅުކަންބޮޑު ހެއްކެކެވެ.

ޢާއްމު މަޢާފެއް އިޢުލާނުކުރެއްވުން

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާގެ އެންމެންނަށް ޢާއްމު މައާފެއްދެއްވިއެވެ. މިއީވެސް އެޒަމާނުގެ ފާތިޙުން ކަންތައްކުރަމުން ގެންދިޔަ ގޮތާ ޚިލާފަށް އެމާތްސާހިބާ ދެއްކެވި މުޅީންތަފާތު ނަމޫނާއެކެވެ. މައްކާގެ އަހްލުވެރީންނަކީ އެމާތް ސާހިބާ އާއި މުސްލިމުން ރަށުންނެރެލައި އިންތިހާދަރަޖައިގެ އަނިޔާވެރި ގޮތުގައި މުއާމަލާކުރި މީހުންނެވެ. މުސްލިމުންގެ ވަސްވެސް މިހަސްތީން ފޮހެލަން ބަނޑާއި ބުރަކަށީން އަޑުކިޔަން ދެން ހިފި މީހުންނެވެ. މުސްލިމުންނާ ހަނގުރާމަކުރުމުގައި ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ދޫކޮށްނުލި މީހުންނެވެ. އެކަމަކު އެދުވަހު އެމީހުން ތިބީ އާރެއްބާރެއް ނެތިފައެވެ. ގޮތް ހުސްވެފައެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެފުޅުގެ ދޮރުކޮޅުމަތީގައި ހުންނަވައި ޤުރައިޝުންނާ ސުވާލުކުރެއްވިއެވެ. އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! މިއަދު އަހުރެން ތިޔަބައި މީހުންނާމެދު ކޮންގޮތަކަށް އަމަލުކުރާނެކަމުގައި ތިޔަބައިމީހުން ހީކުރަމުހެއްޔެވެ. ތިމާމެންގެ ހިތްހަރުކަމާއި އަނިޔާވެރިކަން ޤުރައިޝުން ރަގަނޅަށް ހަނދާންހުއްޓެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ނަބިއްޔާގެ އޯގާވެރިކަމާއި، ދީލަތިފުޅުކަމާއި، ކޯފާމަޑުކަމާއި، ޢަފޫކުރެއްވުން ހުންނަލެއް ބޮޑުކަންވެސް އެމީހުން ދަނެއެވެ. އެހެންކަމުން އެމީހުން އެއްދުލުން އެއްއަޑަކުން ދެންނެވިއެވެ. "ދީލަތިފުޅު އަޚަކީމުއެވެ. ދީލަތިފުޅު އަޚެއްގެ ދަރިކަލަކީމުއެވެ. ދެރަގޮތެއް ނަހައްދަވާނޫއެވެ." އިތުރުސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. " މިއަދު ތިޔަބައި މީހުންނަށް އެއްވެސް އިލްޒާމެއް ނުވަތަ ކުށްވެރިކުރުމެއް ނެތެވެ. ތިޔަބައިމީހުންނަކީ މިނިވަނުންނެވެ. ތިޔަބައިމީހުން ހިނގައިދާށެވެ." މުއައްރިޚުން ވިދާޅުވެފައިވާގޮތުގައި ޤުރައިޝުން އެނބުރިދިޔައިރު އެބައިމީހުންނަށް ހީވީ ކަށްވަޅުން ތެދުވެގެން ގެއަށް ދާން ހުއްދަ ލިބުނުހެންނެވެ.

ޝައްކެތްނެތެވެ. މިއީވެސް އިތުރުސާހިބާގެ ނުބުއްވަތުގެ ވަރަށް ސަރީޙު ދަލީލެކެވެ. އެމާތްސާހިބާއަކީ ރަޙްމަތުއްލިލް ޢާލަމީންކަމުގެ ފާޅުކަން ބޮޑު ހެއްކެކެވެ. އިތުރުސާހިބާ އެ ދެއްކެވީ އެޒަމާނުގެ ޚާއްޞަކޮށް ޢަރަބީންގެ އިންސާނީއްޔަތާ ޚިލާފު ހަނގުރާމައިގެ އުސޫލާ މުޅިން ތަފާތު ނަމޫނާއެކެވެ. އެމާތްސާހިބާ މަފްތޫޙުންގެ ޖާނަކާވެސް މާލަކާވެސް ހުރަހޮޅިވަޑައެއް ނުގަންނަވައެވެ. ހަނގުރާމައިގެ ބޮޑެތި ބޮޑެތި ކުށްވެރީންނަށް ދާންދެން މަޢާފުދެއްވައި ދޫކޮށްލެއްވިއެވެ. އިތުރުސާހިބާ އެ ދުވަހު ހަނގުރާމައިގެ ކުށްވެރިންނާމެދު ޢަމަލުކުރެއްވި ގޮތްކޮޅު ވިހިވަނަ ސައްތައިގައި މިވަނީ އދ.ގެ އިންސާނީ ޙައްޤުތަކުގެ ދުސްތޫރުގެ އަސާސުކަމުގައިވެފައެވެ.

އިތުރުސާހިބާ މިދެއްކެވި ނަމޫނާއަކީ ކީރިތިޤުރުއާނަކީ ޙައްޤު ތެދުބަސްފުޅުކަންވެސް ސާބިތުކޮށް ދެއްވުމުގެ ނަމޫނާއެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚުލުޤުފުޅާއި ނަބަވީ މުޢާމަލާކުރެއްވުމާމެދު ކީރިތިޤުރުއާނުގައި އަންގަވައިފައި އިންސާނިއްޔަތަށްޓަކައި ރީތި ނަމޫނާއެއްކަމުގައެވެ. އިތުރުސާހިބާއާ މަތިކުރެވިފައިވާ މަސްއޫލިއްޔަތަކީ އިސްލާމީ ތަޙްރީކަކީ ބައިނަލްއަޤްވާމީ ޙަރަކާތަކަށް ހެއްދެވުމެވެ. ދުނިޔޭގެ ޤައުމުތަކުގައި ޢާއްމުވެފައި އޮތް ޝިރުކާއި ވަހުމުގެ ކަޅުއަނދިރިކަން ފިލުއްވައިލެއްވެވުމެވެ. ރައްޔިތުންގެ ލޭބޮމުން ގެންދިޔަ ކިސްރުވާނިއްޔަތާއި ޤައިޞަރިއްޔަތުގެ ގޮށްމުށު ބާރުގެ ދަށުން ދުނިޔެ ސަލާމަތް ކުރެއްވުމެވެ. މިމަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤުރައިޝުންގެ ދައުރު މުހިންމެވެ. އެބައިމީހުންގެ އެއްބާރުލުން ހޯއްދެވުން ބޭނުންތެރިއެވެ. އެހެންކަމުން އިތުރުސާހިބާ ވަނީ ޤުރައިޝުންވެރިވެގެންތިބި މުހާޖިރިއްޔަ ބޭކަލުންގެ ގެދޮރާއި ހަރުމުދާވެސް ޤުރައިޝުންގެ ބާރުގެ ދަށުގައި ހުރިގޮތަށް ހުރުމަށް ދޫކޮށްލަވައިފައެވެ. އޭގެތެރޭގައި ޚުދު އެމާތްސާހިބާގެ ގެކޮޅުވެސް ހިމެނެއެވެ. ޤުރައިޝުންނަށް އިހްސާންތެރިވެވަޑައިގެންނެވުމަށްޓަކައެވެ. އެބައިމީހުންގެ ހިތްހަމަޖައްސަވައި ދެއްވުމަށްޓަކައެވެ. މުހާޖިރުން އެތަކެތި ހޯއްދަވަން އެދިވަޑައިވެސް ގެންނެވިއެވެ. ނަމަވެސް އިތުރުސާހިބާ އެބޭކަލުންނާ ވާހަކަ ދައްކަވައި މާތްﷲގެ މަގުގައި ދޫކޮށްލެއްވި ތަކެތި އަނބުރާ ހޯއްދަވާން ނުއުޅުއްވަން ވިސްނައިދެއްވިއެވެ.

މަސްޖިދުލް ފަތުޙުގެ އެތެރޭގެ މަންޒަރެއް ---

އިސްލާމީ ތަޙްރީކުގައި ޤުރައިޝުން ބައިވެރިކުރެއްވުން

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ފަތަޙަކުރެއްވުމުގެ އެންމެ ޚާއްޞަ މަޤްސަދަކީ ޝިރުކުގެ ވެރިރަށް ފަތަޙަކުރައްވައި ޤުރައިޝުންގެ ހިތްތަކުގެ ލޯބި އިސްލާމީ ތަހްރީކަށް ހޯއްދެވުމެވެ. އެހެންކަމުން އިތުރުސާހިބާ ޤުރައިޝުންގެ ބައިއަތު ހޯއްދެވިއެވެ. އިތުރުސާހިބާ ޞަފާފަރުބަދައިގެ ކުންނަކަށް އަރައިވަޑައިގެން އިންނަވައި ޤުރައިޝުން ލައްވައި އިސްލާމްދީނަށް ބައިއަތު ހިއްޕުވިއެވެ. ފިރިހެނުންގެ ބައިއަތަށްފަހު އަންހެނުންގެ ބައިއަތުވެސް ހޯއްދެވިއެވެ. އިތުރުސާހިބާގެ ހުރިހާ ޢާއްމު ބައިއަތުތަކެއްގައިވެސް އަންހެނުން ޝާމިލުކުރެއްވިއެވެ. އިތުރުސާހިބާ ދުނިޔެއަށް ހާމަކޮށްދެއްވީ ފިރިހެނުން ފަދައިން އަންހެނުންނަކީވެސް އިޢުތިޤާދާއި، ޚިޔާލާއި، ފިކުރުގައި މުސްތަޤިއްލު މިނިވަން ބައެއްކަމެވެ. މިޒަމާނުގެ ތައުބީރަކުން ދަންނަވާނަމަ މިއީ އަންހެނުންނަކީވެސް ފިރހެނުންނާ އެއްވަރަށް ފިކުރާއި ޚިޔާލުގެ މުސްތަޤިއްލު މިނިވަންކަން ލިބިގެން ބައެއްކަން ދުނިޔެއަށް އެންގެވުމެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިމަތިވެރި މަޤާމު އަންހެނުންނަށް ދެއްވީ މިހާރުގެ މުހައްޒަބު ޤައުމުތައް އަންހެނުންނަކީ އިންސާނުންތޯ ނުވަތަ ނޫންތޯ އަރާރުންވޭވޭ ތިއްބައެވެ.

ގުރައިޝުންވަންހައިގެ އަންހެނުންނާއި، ފިރިހެނުން އުފަލުން ހިތުންރުހުމުން އޮޅިއޮޅިޔަށް އައިސް އިސްލާމީ ތަހްރީކަށް ބައިއަތުހިފަމުން ދިޔަ މަންޒަރަކީ ހިތްތަކަށް ނުހަނު ފިނިކަމާއި ހަމަހެޖުން ލިބެމުންދިޔަ މަންޒަރެވެ. ނަމަވެސް ޤުރައިޝުންގެ ބޮޑުންގެ ތެރެއިން މަދުބަޔަކުވަނީ އިސްލާމްދީނަށް ބައިއަތު ނުހިފާންވެގެން މައްކާއިން ފައިބައި ފިލައިގެންގޮސްފައެވެ. އެބައިމީހުންގެ ހިތްހަރުކަމުގެ ސަބަބުންނެވެ. ނަމަވެސް އިތުރުސާހިބާ އެއެންމެންނަށްވެސް އަމާންދެއްވިއެވެ. އެހެންކަމުން އެމީހުންކޮޅުވެސް ވަނީ ދުވަސްކޮޅެއްވަންދެން އެގޮތްމިގޮތަށް އުޅެލައިފައި އައިސް އިސްލާމްވެފައެވެ.

މިތާނގައި ފާހަގަކޮށްލުން ވަރަށް މުހިންމު ދެނުކުތާއެއް އެބައޮތެވެ. އެއްނުކުތާއަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރައިޝުންގެ ބައިއަތުހޯއްދެވުމުގައި އެއްވެސް މީހަކަށް އެއްވެސް ސިފައެއްގައި މަޖްބޫރުނުކުރައްވާކަމެވެ. އިސްލާމްދީނުގެ އަސާސީ އުސޫލެއްކަމުގައިވާ ދީން ޤަބޫލުކުރުމުގައި މަޖްބޫރުކުރުމެއްނެތުމުގެ އުސޫލަށް އިތުރުސާހިބާ ވަރަށްބޮޑަށް ސަމާލުކަންދެއްވިއެވެ. ދެވަނަކަމަކީ އިސްވެދެންނެވި ދީންޤަބޫލުކުރަން ފަސްޖެހުނު މީހުންގެވެސް މިނިވަންކަމަކަށް، ޖާނަކަށް މާލަކަށް ރައްޔިތެއްކަމުގެ އެއްވެސް ހައްޤަކަށް އެއްވެސް މިންވަރެއް ހިފެހެއްޓެވުމެއް ނުގެންނަވާކަމެވެ.

މައްކާގެ ކަންތައް އަލުން އިންތިޒާމް ކުރެއްވުމަށްފަހު މައްކާގެ ވެރިކަން ދެއްވީވެސް މައްކާ ފަތަޙަ ކުރެއްވުމުގެ ތެރޭގައި އަލަށް އިސްލާމްވެވަޑައިގެންނެވި ޒުވާން ބޭކަލަކަށެވެ. ޢައްތާބު ބިން އުސައިދު ރަޟިޔަﷲ ޢަންހުއަށެވެ. މައްކާގައި ހަމަޖެއްސެވި ހުރިހާ އިންތިޒާމްތަކެއް ޖުމުލަ ގޮތެއްގައި ބެލެހެއްޓެވުން މުޢާޛު ބިން ޖަބަލު ރަޟިޔަﷲ ޢަންހުއާ ޙަވާލުކުރެއްވިއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙިކުމަތު ޢަމަލީގެ މަޤްސަދަކީ ކަޢުބަތުﷲގެ ސަބަބުން މައްކާ މުއައްޡިމާއަށް ލިބިފައި އޮތް މަތިވެރި މަޤާމާއި ތަޤައްދުސާއި، މަރުކަޒީ ހައިޘިއްޔަތު ދެމެހެއްޓެވުމެވެ. ބައިނަލްއަޤްވާމީ އަހަންމިއްޔަތެއް އެރަށަށް ދެއްވުމެވެ. އިތުރުސާހިބާގެ މި ދުރުރާސްތާ މަޝްރޫޢުގެ ފެށުމަކީ މުސްލިމުންގެ ޤިބްލައަކީ ކަޢުބަތުއްﷲ ކަމުގައި ހަމަޖެއްސެވުމެވެ. މައްކާ ފަތަހަކުރެއްވުމަކީ އެމަޝްރޫޢު ނިންމަވައި ސިއްކަ ޖެއްސެވުމެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިކުމަތާއި ރީތި ތަދުބީރުން ޤުރައިޝުން ނަފްސާނިއްޔާތުގެ ގޮތުން ތާހިރުކުރެއްވުމުން ޚުދު އެމީހުން އަމިއްލަޔަށް ބަދަލުވީ ހުއްދަނޫން ފައިދާ ހޯދާ އިބްލީހުގެ ވާގިވެރީންގެ އޮޅިއޮޅި ނައްތައިލަން ކަމަރު ބަނދެގެންތިބި ބާރަކަށެވެ. އެއްކައުވަންތަކަމުގެ ބިންގަލުގެ މަތީގައި ޚާލިސް އިންސާނީ މުޖްތަމައެއް ބިނާކުރަން ކުރިއަށް ނިކުމެތިބި ފަހުލަވާނުންތަކަށެވެ. އިސްލާމީ ތަހްރީކުގެ ބަތަލުންތަކަކަށެވެ.

ކައުސާހިބާ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ފަތަޙަކުރެއްވުމުގައި ބޭނުންކުރެއްވި ޙިކުމަތު އަމަލީން ޤުރައިޝުންގެ ހިތްތައް ފަތަޙަކުރައްވައި އެބައިމީހުންނަކީ އިސްލާމީ ތަޙްރީކު ބޮލަރުވައިގެން އުދުއްސައިގަތުމަށް ތައްޔާރަށްތިބި އެތަޙްރީކުގެ ޕަރުވާނާއިން ކަމުގައި ހައްދަވައިލެއްވިކަމީ އެމާތްސާހިބާގެ ބުއްދިފުޅުތަނަވަސްކަމުގެ ލާމަސީލު މިސާލެކެވެ.

ކުރިންވެސް ދެންނެވިފަދައިން ޤުރައިޝުންނަކީ ތިމާމެންގެ މަތިވެރިކަމާއި އަމިއްލަވަންތަކަމަށްޓަކައި ޖާނުދޭންތައްޔާރަށް ތިބޭބައެކެވެ. ހިތްވަރުގަދަ ހަނގުރާމަވެރިބައެކެވެ. މިހުރިހާ ކަމަކާއެކުވެސް ޤުރައިޝުން މުސްލިމުންނާ ދެކޮޅަށް އަލުން ހަތިޔާރު ނުނެގުމާއި، އެއްވެސް ހުރަސްއެޅުމެއްނެތި ކައުސާހިބާއާ މައްކާ ހަވާލުކުރުމާއި މިކަންކަމަކީ ތާރީޚުން ދެވަނަ މިސާލެއް ނުފެންނާނެ ކަންތައްތަކެވެ. މިއީ ކައުސާހިބާގެ މިސާލެއްނެތްފަދަ ތަދައްބުރާއި،އަސްކަރީ ނަފްސިއްޔާތު ދެނެވަޑައިގެންނެވުމާއި، ކަންކަން ރާއްވަވައި ހަމަޖައްސައިލައްވާ މޮޅުކަމުގެ ބަޔާންވެގެން ހުރި ދަލީލެކެވެ.

އިތުރުސާހިބާގެ މަތިވެރި ޙިކުމަތު އަމަލީން އިސްލާމީ ތަޙްރީކަށް ލިބުނު އަފޫރުއްބަ ފައިދާއަކީ އެތަޙްރީކުގައި ޤުރައިޝުވަންހައިގެ ޒުވާނުން ފޯރިޔާއެކު ބައިވެރިވުމެވެ. ޤުރައިޝީ ޒުވާނުންގެ ތާޒާލޭގެ ސަބަބުން އެމަޝްރޫއަށް އާރޯކަން ލިބުމެވެ. މައްކާ މުޢައްޡިމާއަކީ އިސްލާމީ ތާރީޚުގެ ވަރުގަދަ ކިއްލާއަކަށްވުމެވެ. ކުރިންވެސް ދެންނެވިދަފައިން ޤުރައިޝުންނަކީ ވަރަށް ކުރީއްސުރެ ޝާމުކަރަޔަށާއި، ފާރިސްކަރަޔަށާއި،ޔަމަނުކަރަޔަށާއި މިޞުރަށް ވިޔަފާރި ދަތުރުކޮށް އުޅުނުބައެކެވެ. ތަބީޢީގޮތުންވެސް ޤުރައިޝުންނަކީ ވިސްނުންތޫނު ބައެކެވެ. ސިޔާސީގޮތުން ނުހަނު ރޯފިލާ ބައެކެވެ. އެހެންކަމުން ވަށައިގެންހުރި ކަރަކަރައިގެ ޖިއޮގްރަފީއަށާއި ތާރީޚަށާއި ޤައުމީ ޚަޞީލަތްތަކަށް ޤުރައިޝުން ވަރަށް ފަރިތައެވެ. ނުހަނު ފާގައްޗެވެ. އެހެންކަމުން އިސްލާމީ ތަޙްރީކު އަރަބިކަރައިގެ ހަނަފަސް ޞަޙަރާގެ ވެށީން ބޭރަށްނެރެ ދުނިޔެއަށް ފެތުރައިލި އިސްލަޝްކަރުގެ ކޮމާންޑަރުން ކަމުގައިތިބީ ޤުރައިޝުންނެވެ. މިއީ މައްކާ ފަތަހަކުރެއްވުމުގެ ރަންނަތީޖާއެވެ.

comment ކޮމެންޓް