އައިޝްވާރްޔާއާ އެކު ކުޅޭ ފިލްމު އަދި މުޅިން ޔަގީނެއް ނޫން: އަބީޝެކް

ޕްރޮޑިއުސަރު އަނޫރާގް ކަޝްޔަޕްގެ ކުރިއަށް އޮތް ޕްރޮޑަކްޝަން އިން ބޮލީވުޑުގެ ޖޯޑު، އަބީޝެކް ބައްޗަން އާއި އައިޝްވާރްޔާ ރާއި ބައްޗަން އެކުގައި ފެނިގެން ހިނގައިދާނެ ކަމަށް ޚަބަރުތައް ބުނި ނަމަވެސް، ފިލްމުގެ މަސައްކަތް މުޅިމް ފައިނަލް ނުވާ ކަމަށް އަބީޝެކް ބުނެފި އެވެ.

އަބީޝެކް ބުނީ ފިލްމާ ގުޅޭ ގޮތުން އަނޫރާގް އާއެކު ވާހަކަތައް ކުރިއަށްދާ ކަމަށާއި އެންމެ ފަހު ބަސް ބުނާނީ އަނޫރާގް ކަމަށެވެ.

'ގުލާބް ޖާމުން'ގެ ނަން ދީފައިވާ އެ ފިލްމު ޑައިރެކްޓު ކުރާނީ މުޅިން އާ ޑައިރެކްޓަރެކެވެ. ފިލްމު ޕްރޮޑިއުސް ކުރާނީ އަނޫރާގް އެވެ.

އަބީޝެކް އަދި އައިޝްވާރްޔާ އަށް ވެސް ފިލްމުގެ ސްކްރިޕްޓު ކަމުގޮސްފައިވާ އިރު މިއީ ހަތް އަހަރު ފަހުން ދެމީހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށް ވެގެންދާނެ އެވެ.

ދެމީހުން އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ 2010 ވަނަ އަހަރު ނުކުތް މަނީ ރަތަމްގެ ފިލްމު 'ރާވަން' އިންނެވެ. އަބީޝެކް އާއި އައިޝްވާރްޔާ އެކުގައި މަސައްކަތް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ކުޗް ނާ ކަހޯ، ދާއީ އަކްސަރް ޕްރޭމް ކީ، ގުރޫ، އުމްރާއޯ ޖާން، ދޫމް 2 އަދި ސަރްކާރް ރާޖް ހިމެނެ އެވެ.

comment ކޮމެންޓް