މަހަށް ނުކުމެ އުޅެނިކޮށް ފަރަށް އެރި ދޯންޏެއްގައި ތިބި ތިން އަންހެނުން މާލެ ގެނެސްފި

ކޯސްޓުގާޑްގެ އުޅަނދެއް -- ފައިލް ފޮޓޯ: އެމްއެންޑީއެފް

ބޮލިފުށި ރިސޯޓު ކައިރިއަށް މަހަށް ނުކުމެ އުޅެނިކޮށް ފަރަށް އެރި "ރަތްވިލާ" ނަމަކަށް ކިޔާ ދޯނީގައި ތިބި އަންހެނުންނާއި ބިދޭސީން މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ، އެ ދޯނީގައި 18 މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން ހަ މީހަކު މިރޭ 10:15 ގައި މާލެ ގެނެސްފައިވާ ކަމަށެވެ.

"އޭގެ ތެރެއިން މާލެ ގެނެސްފައިވަނީ ތިން އަންހެނުންނާއި ބިދޭސީ ތިން ފިރިހެނުން،" އާޒިމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ފަރަށް އެރިކަމުގެ މައުލުމާތު ލިބިފައިވަނީ މިރޭ 8:30 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަަރަކާތްތެރިވަމުންދާއިރު، ދޯނިން ދަތުރު ކުރި ނުވަ މީހަކު ދޯނީގައި ވަނީ މަޑުކޮށްފައެވެ. އެ މީހުން މަޑުކޮށްފައިވަނީ ދޯނި ފުން ކުރުމުގެ މަސައްކަތަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް