ކޮނޑޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެންނަނީ

މިރޭ ކޮނޑޭގައި ހިނގި އެކްސިޑެންޓް: އެ އެކްސިޑެންޓުގައި ތިން މީހަކަށް ވަނީ އަނިޔާވެފައި -- ފޮޓޯ/ ވިޝާން

ގއ. ކޮނޑޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ތިން މީހުންގެ ތެރެއިން ދެ މީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮނޑޭ ހެލްތު ސެންޓަރުގެ ހެލްތު ސާވިސް އެޑްމިނިސްޓްރޭޓަރ ޝުއައިބް މުހައްމަދު ދީދީ 'ސަން' އަށް ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވި ތިން މީހަކަށް އެ ސެންޓަރުގައި ފަރުވާދެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފަރުވާ ދެމުންދަނީ 18 އަހަރުގެ ދެ ޒުވާނެއްގެ އިތުރުން 58 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެ މީހުން އެ ސެންޓަރަށް ގެންގޮސްފައިވަނީ މިރޭ 9:05 ހާއިރު ކަމަށް ޝުއައިބު ވިދާޅުވިއެވެ.

އެ ތިން މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވީ ދެ ޒުވާނުން ތިބި ސައިކަލް ދުއްވަން އިން މީހާއަށް ކަމަށާއި އޭނާ އަށް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށް ޝުއައިބު ވިދާޅުވިއެވެ.

"އޭނާގެ ސީޓީ ސްކޭނެއް ހެދުމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ މާލެ ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ،" ޝުއައިބު ވިދާޅުވިއެވެ.

އެ އެކްސިޑެންޓުގައި ދެން އަނިޔާވި 18 އަހަރުގެ ޒުވާނާ އާއި 58 އަހަރުގެ މީހާއަށް ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައިވަނީ އެ ރަށު އަމީނީމަގުން 18 އަހަރުގެ ދެ ޒުވާނުން ސައިކަލުގައި ދަނިކޮށް ގޯޅިއަކުން ސައިކަލުގައި ނުކުތް 58 އަހަރުގެ މީހާ ދުއްވި ސައިކަލުގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގައި ދެ ސައިކަލަށްވެސް ވަނީ އެކިވަރުގެ ގެއްލުންތަކެއްވެފަ އެވެ.

ޝުއައިބު ވިދާޅުވީ، ސައިކަލު ދުއްވަން އިން ޒުވާނާގެ މޫނާއި ފައިގެ އިތުރުން ތުންފަތުގެ އެތެރެއިން މަސްގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.

އެ ޒުވާނާއަށް އާސަންދަ ލިބުމުގައި ލަސްތަކެއްވިކަން ފާހަގަކުރައްވައި ޝުއައިބު ވިދާޅުވީ އެކަން އެގޮތަށް ދިމާވީ އޭނާގެ އަތުގައި އައިޑީކާޑެއް ނެތުމުން ކަމަށެވެ.

"މިހާރު ކައުންސިލް އިދާރާ އިން ވަނީ އޭނާ އަށް ވަގުތީ އައިޑީކާޑެއް ދީފައި. އެހެންވީމަ މިހާރު އެ ދެ މީހުން ފުރުވާލުމުގެ ކަންތައް މިހާރު ކުރިއަށް އެބަދޭ. ކާޑެއްދޫއިން މިރޭ ފަތިހު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުން ފުރުވާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިދަނީ މަސައްކަތް ކުރަމުން،" ޝުއައިބު ވިދާޅުވިއެވެ.

ކޮނޑޭ ކައުންސިލްގެ ރައީސް އަހްމަދު އަބްދުލް ހަކީމް ވިދާޅުވީ ގެމަނަފުށީ ޕޮލިސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެރަށަށް ގޮސް މިހާރު އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް