ފުވައްމުލަކު ރަށު ކައުންސިލްތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ނޯޓިސްދީފި

ފުވައްމުލައް ސިޓީ: އުވާލާފައިވާ، ފުވައްމުލަކު ރަށު ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ވަނީ ތިން މަސް ދުވަހު ނޯޓިސްދީފައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

އުވާލާފައިވާ، ފުވައްމުލަކު ރަށު ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ތިން މަސް ދުވަހު ނޯޓިސް ދީފި އެވެ.

މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދު ޝަރީފް ސޮއިކޮށް ފޮނުވާފައިވާ އެ ނޯޓިސްގައި ބުނެފައިވަނީ، މިމަހުގެ ތިން ވަނަ ދުވަހު ރައީސް ޔާމީން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފައްދަވައި ރަށު ކައުންސިލް އިދާރާތައް އުވާލެއްވުމާ ގުޅިގެން މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސްދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ދޭންޖެހޭ ނޯޓިސް ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެ ކޮމިޝަނުން ދޭން ނިންމަވާފައިވާ ކަމަށެވެ.

އެހެންކަމުން ޖޫން މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ނޯޓިސްއެއް ދޭ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ދިނުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް އެ ނޯޓިސްގައިވެ އެވެ.

އެ ނޯޓިސްގައި ބުނެފައިވަނީ އުވާލި ކައުންސިލްތަކުގައި މަސައްކަތް ކުރި މުވައްޒަފުންގެ ތެރެއިން ފުވައްމުލަކުގައި ސަރުކާރުގެ މިނިސްޓްރީ ތަކުން އަލަށް ގާއިމްކުރާ އިދާރާތަކުގައި އުފައްދާ މަގާމުތަކަށް ޝަރުތު ހަމަވާ މުވައްޒަފުން އެ އިދާރާތަކަށް ކަނޑައަޅާ އުސޫލުގެ ދަށުން ބަދަލުކުރުމަށް ސީއެސްސީން ނިންމާފައިވާކަމަށެވެ. އަދި އެކަމުގެ މަސައްކަތްތައް މިނިސްޓްރީތަކުން މިހާރު ކުރަމުންދާ ކަމަށް އެ ނޯޓިސްގައިވެ އެވެ.

މަގާމުތަކަށް ހަމަނުޖެހޭ މުވައްޒަފުން ނޯޓިސްގެ މުއްދަތު ހަމަވުމުން ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ވަކިކުރާނެ ކަމަށްވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ.

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެރަށަށް ސިޓީއެއްގެ ދަރަޖަ ލިބުމަަށްފަހު ފުވައްމުލަކު ސިޓީ ކައުންސިލަށް މެމްބަރުން އިންތިހާބުކޮށްފައިވަނީ މިދިޔަ މަހުގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައެވެ.

ފުވައްމުލަކު ސިޓި ކައުންސިލުގެ ފުރަތަމަ މޭޔަރަކަށް އަބްދުﷲ ފަލާހު ޝަރީފް އިންތިހާބުވެފައިވާއިރު، އެކައުންސިލްގައި ދެން ތިއްބަވަނީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރުގެ އިތުރުން ކައުންސިލް މެމްބަރު ހަމަދު އަބްދުﷲ އެވެ.

comment ކޮމެންޓް