10 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު ދެ އަތުން ހިފައި ސަލާމަތްކޮށްފި

ލަންޑަނުގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވެފައި -- ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުރި 24 ފަންގިފިލާގެ އިމާރާތެއްގައި މިއަދު ވަނީ ރޯވެފައެވެ. އަދި މަންޒަރު ދުށް ގިނަ ފަރާތްތަކުން ވަނީ އެ އިމާރާތުގެ ތެރެއިން މީހުން ރޮއެ، ހަޅޭއްލަވާ މަންޒަރު ފެނުނު ނަމަވެސް އެމީހުން ތިބީ އެހީވާނެ ގޮތެއް ނޭނގި ގޮތް ހުސްވެފައި ކަމަށް ބުނެފައެވެ. ނަމަވެސް ސަމީރާ ލަމްރާނީގެ ވާހަކަ ތަފާތެވެ.

ލަމްރާނީ ބުނި ގޮތުގައި ގްރެންފެލް ޓަވަރުގެ ހުރިހާ ފަންގިފިލާއަކަށް އަލިފާންގަނޑު ފެތުރިފައި ވަނިކޮށް، "ނުވައެއް ނުވަތަ 10 ވަނަ" ފަންގިފިލާގައި ހުރި ކުޑަ ދޮރަކުން އަންހެނަކު ވަނީ ބޯ ދިއްކޮށްލުމަށް ފަހު، އޭނާގެ ތުއްތު ދަރިފުޅު އަލިފާނުން ސަލާމަތް ކުރުމަށްޓަކައި ތިރިއަށް ވައްޓާލަން ބޭނުން ކަމަށް އިޝާރާތްކޮށްފައެވެ.

"ކުޑަކޮށް ހުޅުވާފައި ހުރި ކުޑަ ދޮރަކުން ތުއްތު ކުއްޖާ ތިރިއަށް އެއްލާލަނީ ކަމަށާއި އެއްވެސް މީހަކަށް އެކުއްޖާ ހިފޭނެތޯ އަންހެނަކު އެހި. އެވަގުތު ފިރިހެނަކު ކުރިއަށް ޖެހިލައި އެކުއްޖާ ހިފި،" ލަމްރާނީ ބުންޏެވެ.

ލަމްރާނީ ބުނި ގޮތުގައި އެފިރިހެން މީހާ ނޫން އެހެން މީހުންނަށް ކުރެވުނު ކަމަކީ އިމާރާތުގަައި ތިބި މީހުންނާ ވާހަކަ ދައްކައި، ފުލުހުންނަށް ގުޅާފައިވާ ކަން އެމީހުންނަށް އެންގުމެވެ. ނަމަވެސް އެއިމާރާތުގައި ތިބި އެތައް ސަތޭކަ މީހުން ދިޔައީ އެމީހުން ސަލާމަތް ކުރުމަށް އެދި ރޮމުން ކަމަށާއި، އެއީ އޭނާއަށް ހަނދާން ނުނެތޭނެ މަންޒަރެއް ކަމަށް ލަމްރާނީ ބުންޏެވެ.

ލަމްރާނީގެ އިތުރުން އެހެން މީހަކު ވެސް ވަނީ "ފަހެއް ނުވަތަ ހަ ވަނަ" ފަންގިފިލާގެ ކުޑަދޮރަކުން ފަސް އަހަރުގެ ކުއްޖަކު އެއްލާލި މަންޒަރު ފެނުނު ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.

ލަންޑަނުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހަ މީހަކު މަރުވެފައިވާ ކަމަށާއި، މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ރޭ ދަންވަރުގެ ވަގުތެއްގައި އަލިފާން ފުރަތަމަ ރޯވީ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާގައެވެ. ނަމަވެސް ރޯވާން މެދުވެރިވި ސަބަބު ބުނަން އަދި މާއަވަސް ކަމަށް ފުލުހުން ބުންޏެވެ. (ޓެލެގްރާފް)

comment ކޮމެންޓް