ލަންޑަނުގެ ގްރެންފެލް ޓަވަރުގައި ރޯވި ހާދިސާގައި ހަ މަރު

ލަންޑަނުގެ ގްރެންފެލް ޓަވަރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަނީ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖޫން 14): އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުރި މީހުން ދިރިއުޅޭ އުސް އިމާރާތެއްގައި މިއަދު ރޯވި ހާދިސާގައި ހަ މީހަކު މަރުވި ކަމަށް ފުލުހުން ބުނެފި އެވެ.

ލަންޑަން އެމްބިއުލާންސް ސާވިސް އިން ބުނި ގޮތުގައި އެހާދިސާގައި އަނިޔާވި 74 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާ އިރު، އޭގެ ތެރެއިން 20 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި ފުލުހުން ވަނީ އަލިފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފަ އެވެ.

ސީއެންއެންގައިވާ ގޮތުން 24 ފަންގިފިލާގެ އެއިމާރާތުގެ ހުރިހާ ބަޔަކަށް ފެތުރުނު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އިމާރާތުން އަދިވެސް ދަނީ ދުން އަރަމުންނެވެ. އަދި އެއިމާރާތް ވެއްޓިދާނެ ކަމުގެ ބިރުވެސް ވަނީ ހީވެފަ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ރޭ ދަންވަރުގެ ވަގުތެއްގައި އަލިފާން ފުރަތަމަ ރޯވީ ހަތަރު ވަނަ ފަންގިފިލާގަ އެވެ. ނަމަވެސް ރޯވާން މެދުވެރިވި ސަބަބު ބުނަން އަދި މާއަވަސް ކަމަށް ފުލުހުން ބުންޏެވެ. އަދި އެއިމާރާތުގެ ސަލާމަތީ ކަންތައްތައް ރަނގަޅު ނޫން ކަމަށް ބުނެ އިމާރާތުގައި ދިރިއުޅޭ މީހުން ވަނީ މީގެ ކުރިން ޝަކުވާކޮށްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެހާދިސާއާ ގުޅިގެން އެކަމަނާ ވަނީ ހިތާމަ ފާޅު ކުރައްވާފަ އެވެ. އަދި އެހާދިސާއާ ބެހޭ ގޮތުން އެކަމަނާއަށް ވަގުތުން ވަގުތަށް މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށް އެބަޔާނުގައިވެ އެވެ.

comment ކޮމެންޓް